ޚަބަރު

ބަދިގެތަކަށް ދޭ ހަމަލާތައް އިތުރުކޮށް، ޔަހޫދީން އުޅެނީ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަން


އެހީގެ އެއްވެސް އެއްޗެއް އެތެރެނުކުރެވޭ ގޮތަށް ޙިސާރުކޮށްފައިވާ ޣައްޒާގައި ކުރިން އެތެރެވެފައި ހުރި ކާބޯތަކެތި ވެސް ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނަ ނުދޭން ޔަހޫދީ ފައުޖުން އަމާޒު ހިފައިފި އެވެ. އެއްކޮޅުން ބަދިގެ ތަކާއި ކާބޯތަކެތި ބަހާ ތަންތަނަށް ހަމަލާ ދޭ އިރު، ޣައްޒާގެ ތެރޭގައި އދ. އިން ބަހާ ކާބޯތަކެތި ވެސް ޔަހޫދީންނާ ހަވާލުކުރަން އެމީހުން ވަނީ ހުށަހަޅައިފަ އެވެ.

ޚާން ޔޫނިސްގައި ނިކަމެތީންނާއި ރެފިއުޖީންނަށް ކާބޯތަކެތި ބަހަމުން ދިޔަ ތަނަކަށް ހަމަލާދީ ހަ މީހުން ޝަހީދު ކޮށްލުން އެއީ ޔަހޫދީ ފައުޖުން އެންމެ ފަހުން ހިންގި އެފަދަ އެއް ޖަރީމާ އެވެ، އެއީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން ގަސްދުގައި ދީފައިވާ ޙަމަލާއެކެވެ. އަދި، އެމެރިކާގެ ރުހުމާއި ވާތްގާ އެކު ހިންގާފައިވާ ޖަރީމާއެކެވެ.

ޚާން ޔޫނިސްގައި ދިރިއުޅެމުންދާ ރެފިއުޖީންނަށް ކާބޯތަކެތި ބެެހުމުގެ މަސައްކަތް ކުރަމުން ދިޔަ ސަރަޙައްދަށް ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާގައި އިތުރު 10 މީހުން ޒަޚަމު ކޮށްލާފައިވާ ކަން ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ކަށަވަރު ކޮށްދިނެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. އެ ސަރަޙައްދަށް ޙަމަލާދިން ވަގުތު ނަގާފައިވާ ވީޑިޔޯތައް މިނިވަން މީޑިޔާތަކުން ވަނީ ދިރާސާ ކޮށްފައެވެ.

"އެ މީހުން އެ ދަނީ ކާތަކެތި ހޯދުމަށް، އަޅުގަނޑުގެ ދަރިފުޅު ގާތު ބުނިން އެ ތަނަށް ނުދާށޭ. އެ ތަނުގައި ގިނައީ ކުޑަކުދިން، އެ ކުދިންގެ އަތުގައި ކާތަކެތި އަޅާނެ ތެލި/ތަށި ނޫން އިތުރު އެއްޗެއް ނެތް. ތަށްޓަކީ ހަތިޔާރެއްތަ؟" އެ ޙަމަލާގައި އަންހެން ދަރިފުޅަށް ބޮޑެތި ޒަޚަމުތަކެއް ލިބުނު މަޔެއް ކަމުގައިވާ ސިމާޙް އަބޫ ޖާމިޢު ބުންޏެވެ. ޙަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އޭނާއަށް ބޮޑުދައިތަ ކިޔާ ކުއްޖަކު ވެސް ހިމެނެއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާގެ މަޞްދަރުތަކުން ބުނީ، ޔަހޫދީ ފައުޖުން އެ ސަރަޙައްދަށް ރަޙުމު ކުޑަ ޙަމަލާތަކެއް ދީފައި ވަނީ ގިނަ އަދަދެއްގެ ބަޔަކު ކާބޯތަކެތި ހޯދުމަށް އެ ސަރަޙައްދަށް ޖަމާވެފައި ތިބި ވަގުތެއްގައި ކަމުގައެވެ. ޣައްޒާގެ ހަސްފަތާލުތަކުގެ އޮފިޝަލުން ބުނީ، އެ ޙަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމުގައެވެ.

ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި 30 މީހުންގެ ފުރާނަ ނަގައިލުން

އެ ވަގުތު ޔަހޫދީ ފައުޖުން ވަނީ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ޣައްޒާގެ އެހެން ސަރަޙައްދުތަކަށް ވެސް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 30އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ހަސްފަތާލުތަކުން ބުންޏެވެ.

އޭގެ ތެރެއިން އެއް ޙަމަލާ އަމާޒު ކޮށްފައި ވަނީ ނޫސްވެރިން ބޭނުން ކުރަމުން ދިޔަ ފޭލިގެއަކަށެވެ. އެ ޙަމަލާގައި ދެ މީހުން ޝަހީދު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި ނޫސްވެރިއަކު ވެސް ހިމެނެއެވެ. އަދި، އިތުރު ހަ ނޫސްވެރިން ވަނީ ޒަޚަމު ކޮށްލާފައެވެ. ޔަހޫދީ ފައުޖުން ބުނީ، ޝަހީދު ކޮށްލާފައިވާ ނޫސްވެރިއަކީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދެއް ކަމުގައެވެ. އޭނާގެ ކުށަކީ، ފަލަސްޠީނުގެ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޖަރީމާތަކުގެ މަޢުލޫމާތު ދުނިޔޭގެ ލޯތަކަށް ހާމަކޮށްދިނުމެވެ.

އެ ޙަމަލާގައި ޝަހީދު ކޮށްލާފައި ވަނީ ޕަލަސްޓައިން ޓުޑޭގެ ރިޕޯޓަރެއް ކަމުގައިވާ ޔޫސުފް އަލް-ފަޤަޢާވީއެވެ. އެއަށް ފަހު، އުތުރުގައި އޮތް ޣައްޒާ ސިޓީއަށް ބޮންއަޅައި، ޔަހޫދީ ފައުޖުން ވަނީ ޑޮކްޓަރެއް ވެސް ޝަހީދު ކޮށްލާފައެވެ. އދއާއި ނޫސްވެރިންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަކާލާތު ކުރާ ޖަމުޢިއްޔާ، ކޮމިޓީ ޓު ޕްރޮޓެކްޓް ޖަރނަލިސްޓްސުން ބުނީ ޣައްޒާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޞިއްޙީ ޚިދުމަތްތެރިންގެ އަދަދު 1,000އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައެވެ. އަދި، ނޫސްވެރިންގެ އަދަދު 173އަށް އަރާފައިވާ ކަމުގައެވެ.

ޢައްޒާގެ އަލް-މަވާސީގައި ފޭލިގެތަކެއް ޖަހާފައިވާ ސަރަޙައްދަކަށް ވެސް ޔަހޫދީ ފައުޖުން ވަނީ ޙަމަލާ ދީފައެވެ. އެއީ، ފަލަސްޠީނުގެ މުސްލިމުންނަށް ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ، ޑޮކްޓަރސް ވިތުއައުޓް ބޯޑަރސް (އެމްއެސްއެފް)ގެ ކްލިނިކަކަށް އަމާޒުކޮށް ދީފައިވާ ޙަމަލާއެކެވެ. އެއީ، ރައްކާތެރި ސަރަޙައްދެއްގެ ގޮތުގައި ޔަހޫދީން ކަނޑައަޅާފައި އޮތް ސަރަޙައްދެކެވެ.

ކާބޯތަކެތި ހުސްވެ އެތަކެއް ސަތޭކަ ހާސް ބަޔަކު ހައިހޫނުކަމަށް ހުށަހެޅިފައި

މާރިޗު 2ވަނަ ދުވަހަށް ފަހު ޔަހޫދީ ފައުޖުން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުން ހުއްޓުވާފައެވެ. އަދި، ބޭސްފަރުވާއަށް ބޭނުންވާ ސާމާނުގެ އިތުރުން އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. މިއީ، ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ އިތުރުން ޖެނީވާ މުޢާހަދާއާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައި އެކުވެރި ދައުލަތްތައް (އދ)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ސިފަ ކުރައްވާފައެވެ.

ޣައްޒާއިން ހަލުވިކަމާ އެކު ދަނީ ކާބޯތަކެތި ހުސްވަމުންނެވެ. އަދި، އެ ކަމާ ގުޅިގެން، ބަނޑުފުރާނަ މުއްތި ކުރުމަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ބައިނަލްއަޤުވާމީ އެހީދޭ ޖަމުޢިއްޔާތަކުން ހިންގާ މަރުކަޒުތަކަށް ބަރޯސާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އދގެ އިދާރާއެއް ކަމުގައިވާ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔުއެފްޕީ)ން ބުނީ، އެ ޖަމުޢިއްޔާއިން އެހީތެރިކަން ފޯރުކޮށްދީގެން ހިންގާ ބަދިގެތަކުން ކާބޯތަކެތި ހުސްވަމުންދާ ކަމުގައެވެ. އަދި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ތަންތަން ބަންދު ކުރަން މަޖުބޫރުވާނެ ކަމުގައެވެ.

އެ ޖަމުޢިއްޔާގެ ތަރުޖަމާނު ޢަބީރު ޢުޠައިފާ ވިދާޅުވީ، ގޭގެއާއި ޢާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދިނުން މެދުކަނޑައިލާފައިވާ ކަމުގައެވެ. އަދި، އެ ޖަމުޢިއްޔާގެ އެހީގައި ހިންގަމުންދާ ޕާން ފިހާ ބޭކަރީ ފަދަ ތަންތަނުން ގޮދަންފުށް ހުސްވެ، އެ ތަންތަން ވެސް ބަންދު ކުރުމަށް މަޖުބޫރުވެފައިވާ ކަމުގައެވެ. މިއާ އެކު، އެތަކެއް ސަތޭކަ ހާސް ބަޔަކު ވަނީ ހައިހޫނުކަމަށް ހުށަހެޅިފައެވެ.