ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން ނިކަމެތި ކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ފުރުޞަތު ޔަހޫދީންނަށް ދެވެން ނެތް ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، ޣައްޒާގެ ނިކަމެތީންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އަޅާނެ އިތުރު ގޮތްތަކެއް ޒަޔަނިސްޓު ޔަހޫދީން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.1 މިލިޔަން މީހުންނަށް ކާބޯކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުރަމުންދާ މަސައްކަތްތަކަށް ޔަހޫދީން މިހާރު ވެސް ދަނީ ހުރަސް އަޅަމުންނެވެ. އަދި، މާރިޗު 2ވަނަ ދުވަހަށް ފަހު ޣައްޒާއަށް އެއްވެސް މިންވަރަކަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދީފައެއް ނެތެވެ. ޔަހޫދީންގެ ބޭނުމަކީ ޣައްޒާގެ ނިކަމެތީން ހައިހޫނުގައި ޖެއްސުމެވެ. އަލުން ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދެވޭނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަން ކުރުމުން ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ.
ނަމަވެސް، ގުތެރޭޝް މި ވަނީ އެ ކަމަށް ފުރުޞަތު ދެވެން ނެތް ކަމުގައި ވިދާޅުވެފައެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވަން: އިންސާނިއްޔަތުކަމާއި، ހަމަހަމަ ކަމާއި، މިނިވަން ކަން ފަދަ އަސާސްތަކާ ޚިލާފު އެއްވެސް އަމަލެއްގައި އަޅުގަނޑުމެންގެ ބައިވެރިވުމެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ. ޔަހޫދީންގެ އަމާޒަކީ މުޅި ޣައްޒާގެ ކޮންޓުރޯލު އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސް، "އެންމެ ފަހު ގޮދަން ފުށުގެ އޮށާ ޖެހެންދެން" ހުރިހާ ކަމެއް ކޮންޓުރޯލު ކުރުން ކަމުގައި ވެސް ގުތެރޭޝް ވިދާޅުވިއެވެ.
ޤައުމުތަކާއި ޖަމުޢިއްޔާތަކުން ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދޭ އެހީ، އެ ސަހަރަށް އެތެރެ ކުރުމުގެ ކަންކަން ވިލަރެސް ކުރަނީ ޔަހޫދީންގެ އަސްކަރިއްޔާގެ ޚާއްޞަ އިދާރާއަކުންނެވެ. ހުސްވި ހަފުތާގައި އެ އިދާރާއިން ވަނީ އދއާއި އެހީދޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކާ އެކު ބައްދަލުކޮށް، ޣައްޒާއަށް އެތެރެ ކުރާ އެހީގެ ހުރިހާ ސާމާނެއް އިތުރަށް ކޮންޓުރޯލުކޮށް ބަލަހައްޓާނެ ގޮތްތަކެެއް ހުށަހަޅާފައެވެ. އެއީ، ޣައްޒާއަށް އެތެރެ ކުރާ އެހީގެ ސާމާނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ޔަހޫދީން ބުނި ނަމަވެސް، އެ ކަން ބަލައިގަތުމަށް ގުތެރޭޝް މި ވަނީ އިންކާރު ކުރައްވާފައެވެ.
ޔަހޫދީން ތުހުމަތު ކުރާ ގޮތުގައި، ޙަމާސުން ދަނީ ޣައްޒާއަށް އެތެރެ ކުރާ ކާބޯތަކެއްޗާއި އެހީގެ ސާމާނަށް ބާރު ފޯރުވަމުންނެވެ. ނަމަވެސް، ޣައްޒާ އަދި ހުޅަނގު އައްސޭރިއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ކަންކަން ވިލަރެސް ކުރާ އދގެ އެންމެ އިސް އޮފިޝަލް، ޖޮނެތަން ވިޓޯލް ވިދާޅުވީ، ޔަހޫދީންގެ އެ ތުހުމަތުތަކަށް ބާރުދޭނެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމުގައެވެ.
"ޣައްޒާއަކީ [މުސްލިމުން] ޝަހީދު ކުރުމަށް [ޔަހޫދީން] ބޭނުން ކުރާ މައިދާނެއް—ޣައްޒާގެ ޢާންމު ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައި ލޭއޮހޮރުވުމަށް ނިމުމެއް ނެތް،" ގުތެރޭޝް ވިދާޅުވިއެވެ. "ޣައްޒާގެ ސަރަޙައްދީ ރޮނގުތައް ބަންދުކޮށް، އެހީ އެތެރެ ކުރުމަށް ހުރަސް އަޅައި، ސަލާމަތީ ކަންކަން ވަނީ ވިއްސިވިހާލިވެފައި، އަދި އެހީ ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައި."
އިސްރާއީލަކީ ފަލަސްޠީނުގެ މުސްލިމުންގެ ބިންތަައް ފޭރިގަނެ، އެ މީހުންގެ މައްޗަށް އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންދާ ބަޔެއްގެ ގޮތުގައި ވެސް ގުތެރޭޝް ސިފަ ކުރެއްވިއެވެ. "އިސްތިޢުމާރީ ބާރުގެ ގޮތުން، އިސްރާއީލުގެ މައްޗަށް ބައިނަލްއަޤުވާމީ ޤާނޫނުތައް ހިނގާނެ، އަދި އަދާ ކުރަން ޖެހޭ ޒިންމާތަކެއް ވޭ. އޭގެ ތެރޭގައި އިންސާނިއްޔަތު ކަމާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނާއި އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނު ހިމެނޭ،" ގުތެރޭޝް ވިދާޅުވިއެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 114,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,390އަށްވުރެ އިތުރުވެފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.