ޚަބަރު

މާލީގޮތުން ދަތިޙާލުގައި ދިރިއުޅެމުންދާ ޤައިދީންގެ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީފި


  • ދަތި ޙާލުގައި ދިރިއުޅެމުންދާ 10 ޢާއިލާއަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ

  • ކޮންމެ ޢާއިލާއަކަށް 2،220ރ މަގުންވަނީ އެހީ ފޯރުކޮށްދީފަ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނާއި ބަންދުގައި ތިބި މީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ޙާލުގައި ދިރިއުޅެމުންދާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެމްސީއެސް ގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނާއި ބަންދުގައި ތިބި މީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ޙާލުގައި ދިރިއުޅެމުންދާ 10 ޢާއިލާއަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކޮންމެ ޢާއިލާއަކަށް 2,220ރ (ދެހާސް ދުއިސައްތަ ވިހި) ރުފިޔާގެމަގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިއީ މިއަހަރުގެ ރަމަޟާންމަހާ ގުޅުވައިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ފަރާތުން ފޯރުކޮށްދިން އެހީތެރިކަމެކެވެ. މީގެ މަޤްސަދަކީ ޖަލުގައި ތިބޭ ޤައިދީންނާއި، ބަންދުގައި ތިބި މީހުންގެ ޢަޢިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ޢާއިލާތަކަށް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންގެ ފަރާތުން ވެދެވެންހުރި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެމްސީއެސްއިން ވިދާޅުވެއެވެ.

މި ޕްރޮގްރާމުގެ ދަށުން 40 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަރެކްޝަނަލް ސަރވިސްއިން އަމާޒުކޮށްފައިވީނަމަވެސް، އެ ޕްރޮގްރާމަށް އެދި ފޯމް ހުށަހަޅާފައިވަނީ ޖުމްލަ 21 ފަރާތުންކަމަށް އެމްސީއެސްއިން ވިދާޅުވެއެވެ. ނަމަވެސް އޭގެތެރެއިން ޝަރުތުތައް ހަމަވެފައިވަނީ 10 ޢާއިލާއަކަށްކަމަށްވެސް އެމްސީއެސްއިން ވިދާޅުވެއެވެ.

ޕްރޮގްރާމަށް އެދި ހުށަހެޅުމަށް ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ގެންދާތާ މަދުވެގެން 5 އަހަރު ހޭދަކޮށްފައިވުމާއި 18 އަހަރު ނުފުރޭ ކުދިން ތިބުމާއި ޢާމްދަނީ ލިބޭމިންވަރު ހިމެނެއެވެެ.