ހިޔާގެ ފްލެޓުތަކުގެ ފުރަތަމަ ހަތަރު ޓަވަރުގެ ލިފްޓުތައް އަންނަ މަހުގެ ފުރަތަމަ ހަފްތާގައި އޮޕަރޭޝަނަށް ބޭނުންކުރަން ފެށޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ. ހިޔާގެ ކޮންމެ ފްލެޓަކަށް ދެ ލިފްޓް އިތުރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން، އެޗްޑީސީން ވިދާޅުވީ ހިޔާ ޓަވަރުތަކުގެ ލިފްޓު ހަރުކުރުމުގެ މަސައްކަތް މަޑުޖެހުމެއް ނެތި ތައާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް ފުރަތަމަ 3 ޓަވަރުގެ މަސައްކަތް ނިމި ލިފްޓްތައް ޓެސްޓް ކުރުމުގެ މަރުހަލާކުރިއަށްދާކަމަށް އެޗްޑީސީން ވިދާޅުވިއެވެ. އަދި ދާދި އަވަހަށް 4 ވަނަ ޓަވަރުގެ މަސައްކަތްވެސް ނިންމާލެވޭނެކަމަށް އެކުންފުނިން ވިދާޅުވިއެވެ.
ޓަވަރުތަކުގެ ލިފްޓުތައް ޓެސްޓުކުރުމުގެ މަސައްކަތް ނިމި ފުރަތަމަ 4 ޓަވަރުގައި ޤާއިމްކުރާ 8 ލިފްޓު މިއަންނަ މަހު ފުރަތަމަ ހަފްތާ ތެރޭ އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ. އަދި އެހާ ހިސާބަށް ކޮރިޑޯ އެކްސެސްވެސް ނިންމާލޭނެކަމަށް އެކުންފުނިން ވިދާޅުވިއެވެ.
އެޗްޑީސީން ވިދާޅުވީ، ފުރަތަމަ ހަތަރު ޓަވަރުގެ އިތުރުން ބާކީ ހުރި ޓަވަރުތަކުގެ ލިފްޓުތަކުގެ މަސައްކަތްވެސް ތައާވާލާއި އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއްވެސް ސައިޓުތަކަށް ގެންދެވި މަސައްކަތް، މަޑުޖެހުމެއްނެތި ބާރަށް ކުރިއަށްދާކަމުގެ ޔަޤީންކަން އެކުންފުނިން ދެއްވައެވެ.
Testing has begun today on the newly installed additional elevators at Hiyaa Flats. This fulfills President @MMuizzu’s presidential pledge to resolve the elevator congestion issue faced by Hiyaa residents for years. These new larger elevators soon to be in service will be a… pic.twitter.com/1wXqdkO9iI
— Pokman 🇲🇻 (@PokmanMV) April 7, 2025
ހިޔާގެ ކޮންމެ ފްލެޓަކަށް ދެ ލިފްޓް އިތުރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު، ހިޔާ ފްލެޓުތަކުގައ ދިރިއުޅޭ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެކެވެ. ރައީސްގެ ވަޢުދާ އެއްގޮތަށް ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އެޕްރީލް މަހުއެވެ. އެއީ 16 ޓަވަރު ހިމެނޭހެން ޖުމްލަ 32 ލިފްޓެވެ.
މި މަސައްކަތާއެކު، ހިޔާ ފްލެޓްތަކުގެ ލިފްޓަށް އެރުމަށް ކިއުބޮޑުވާ މައްސަލައަށް ހައްލެއް ލިބޭނެއެވެ. ފްލެޓްތަކުގެ ލިފްޓް މަދުވުމުގެ ސަބަބުން މިހާރު، ލިފްޓް ކައިރީގައި މީހުން ތޮއްޖެހި، ގިނަ ވަގުތު ހޭދަކުރަންޖެހެއެވެ. ހިޔާގެ ކޮންމެ ޓަވަރެއްގައި 400އެއްހާ ފްލެޓް ހިމެނެއެވެ. ކޮންމެ ޓަވަރެއްގެ އާބާދީ 2000އާއި ގާތްކުރެއެވެ. މިހާރު ފްލެޓެއްގައި ހުންނާނީ 3 ނުވަތަ 4 ލިފްޓެވެ.
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާއި ހަވާލުކޮށްގެންނެވެ. އެއީ ބަލި މީހުން އުފުލޭނެ އިންތިޒާމާއެކު، ސްޓްރެޗަރ އެރުވޭގޮތަށް ހުންނަ ލިފްޓުތަކެކެވެ. 14 މީހުންގެ ޖާގައިގެ މިލިފްޓުތަކުގައި ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އެނގޭނެހެން ފްލޯ ނަމްބަރު ބްރެއިލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.