ސަރުކާރުން ށ. ފުނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ކަނދުފަތި ސެންޓަރަށް ބޭނުންވާ ބިން ހަމަޖެހިފައިވާކަމަށް މަސްކަވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިއީ ރާއްޖޭގައި ޤާއިމްކުރާ 2 ވަނަ ކަނދުފަތި ސެންޓަރެވެ.
ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެކެވެ. އެއީ ހުޅުމާލޭގައި ހުރި ސެންޓަރެވެ. މިއީ ކަނދުފަތިތައް ޤާއިމްކުރުމަށް އެވުޒާރާއަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިކަމަށް ހައްލު ގެނައުމުގެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި އެޅުމަށް 2 ސެންޓަރު ޤާއިމްކުރައްވާނެކަން ސަރުކާރުން ވަނީ އިއުލާންކުރައްވާފައެވެ.
ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ 2 ކަނދުފަތި ސެންޓަރުގެ ތެރެއިން އެންމެ ފުރަތަމަ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ށ. ފުނަދޫގައެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިހާރު ފުނަދޫއިން ސެންޓަރު އެޅުމަށް ބިން ހަމަޖެހިފައިވާކަމަށެވެ. އެއީ 10،000 އަކަފޫޓުގެ ބިމެކެވެ. މިހާރު ކުރެވެމުންދަނީ ބިން ސާފުކުރުމުގެ މަސައްކަތެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، އަންނަ ހަފްތާގެ ތެރޭގައި މި ސެންޓަރުގެ ޑިޒައިން ފައިނަލް ކުރެވިގެންދާނެކަމަށެވެ. އަދި އެއަށްފަހު ބިޑަށް ހުޅުވާލާނެކަމަށެވެ. އަދި އުންމީދަކީ ޖުލައި މަހުގެ ތެރޭގައި މަސައްކަތް ކޮންޓްރެކްޓަރަކާއި ހަވާލުކޮށް ސެންޓަރުގެ އަމަލީ މަސައްކަތް ފެށުންކަމަށް ވަނީ ވިދާޅުވެފައެވެ.
މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް މީގެ ކުރިން ވިދާޅުވެފައިވަނީ މި ސެންޓަރުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ.
ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ. ރާއްޖޭގައި މިވަގުތު އަޅާފައިވަނީ ދޮށީގެ މަސްވެރިކަމަށް އަޅާފައިވާ 65 ކަނދުފައްޗާއި ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ 26 ކަނދުފައްޗެވެ.