ޚަބަރު

ދަރިވަރުންނަކީ މުދައްރިސުންނަށް ކަމޭހިތާ، އިޙްތިރާމްކުރާ ބަޔަކަށްވުމަށް ތަޢުލީމީ ވަޒީރު އިލްތިމާސްކުރައްވައިފި


  • ދަރިވަރުންގެ މުސްތަޤުބަލު ގުޅިފައިވަނީ ކިޔަވައިދެއްވާ މުދައްރިސުންނާއި

  • ވަޒީރު ވަނީ މާލެ ސަރަޙައްދުގެ ބައެއް ސުކޫލްތަކަށް ޒިޔާރަތް ކުރައްވާފައި

ދަރިވަރުންނަކީ ކިޔަވައިދެއްވާ މުދައްރިސުންނަށް ކަމޭހިތާ މުދައްރިސުން ކުރާ ބުރަ މަސައްކަތްތަކުގެ އަގުވަޒަން ކުރާ ބަޔަކަށްވުމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އިލްތިމާސްކުރައްވައިފިއެވެ.

ވަޒީރު މިފަދައިން އިލްތިމާސްކުރެއްވީ ދިރާސީ އައު އަހަރު ފެށުމާއި ގުޅިގެން އަމީނިއްޔާ ސުކޫލްގައި ބޭއްވި ޚާއްސަ އެސެމްބްލީގައި ވާހަކަފުޅުދައްކަވަމުންނެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ދިރާސީ އަހަރު ފެށިގެން މިދަނީ ޤައުމު ބިނާކުރުމަށް ދައުލަތުން ކުރާ މަސައްކަތުން ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދީ ހުލްގު ހެޔޮ ޖީލެއް އުފެއްދުމުގެ މަސައްކަތުގެ ތެރެއިންކަމަށެވެ.

ވަޒީރު ވިދާޅުވީ ދަރިވަރުންގެ މުސްތަޤުބަލު ގުޅިފައިވަނީ ކިޔަވައިދެއްވާ މުދައްރިސުންނާކަމަށެވެ. ދަރިވަރުންގެ މައިންބަފައިންގެ އިތުރުން ކިޔަވައިދެއްވާ މުދައްރިއްސުންނަށް ދަރިވަރުން އިޙްތިރާމްކުރަންވާނެކަމަށެވެ. އަދި ވަޒީރު ވަނީ ކިޔަވައިދެއްވާ މުދައްރިސުން ދެކެ ލޯބިވުމާއި އިޙްތިރާމްކޮށް ގަދަކުރުމަށް ދަރިވަރުންނަށް އިލްތިމާސްކުރައްވާފައެވެ.

ތަޢުލީމީ ވަޒީރު ވިދާޅުވީ ވަޒީރެއްކަމުގައި ވިއަސް ޕްރިންސިޕަލެއްކަމުގައި ވިއަސް އަދި ސީނިއަރ މެނޭމްންޓުގެ ބޭފުޅެއްކަމުގައި ވިއަސް ކުރާ މަސައްކަތަކީ ދަރިވަރުންނާއި މުދައްރިސުންނަށް އެހީތެރިވުމުގެ ގޮތުން ކުރާ މަސައްކަތްކަމަށެވެ.

އެގޮތުން ވަސީލަތްތައް ހަމަކުރުމާއި ސުކޫލް ނިޒާމެއްގެ ތެރެއިން ހިނގުމަށް އެހީތެރިވެދިނުމާއި ދަތިވާ ހުރިހާ ކަމެއް ހައްލުކުރުމަށް ރެޔާއި ދުވާލު މަސައްކަތްކުރުންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ބަދަލުވަމުންދާ ޒަމާނާއި އެއްގޮތަށް ތަޢުލީމީ ނިޒާމު ބައްޓަންކުރުމަކީ މުހިންމުކަމެއްކަމަށެވެ.

"އިހުގައި މާ ބޮޑު އިމާރާތްތަކެއް ނެތް. ގަހެއްގެ ދޮށުގައިވެސް ކިޔާވަފައި އެބަތިބި. އަދި ހިޔަލެއް އޮންނަ ޖިފުޓިގަނޑެއްގައިވެސް ކިޔަވާފައި އެބަހުރި. އެހެންވީމަ ޒަމާނަށް އަންނަ ބަދަލާއެކުގައި އެ ޒަމާނުގެ ބަދަލުތައް އަޅުގަނޑުމެން ގަބޫލްކޮށް އެ ގޮންޖެހުންތަކަށް ރިޔާއަށްކޮށް އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކީ ވަސީލަތް ހަމަ ތަޢުލީމީ ނިޒާމެއް ޤާއިމްކުރުން." ވަޒީރު ވިދާޅުވިއެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވީ، ކާބަފައިން ގެނެސްދެއްވާފައިވާ ރިވެތި ސިފަތައްކަމުގައިވާ އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި އަޅާލުމާއި ލޯބިވުމާއި ރީތިބަހުން މުއާމަލާތްކުރުމުގެ ސަޤާފަތް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅާއެކު މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ މުނާސަބަތުގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ އަމީނިއްޔާ ސުކޫލްގެ އިތުރުން މާލެ ސަރަހައްދުގެ ބައެއް އެހެން ސްކޫލްތަކަށްވެސް ޒިޔާރަތްކުރައްވާފައެވެ.