ކެއިންބުއިމުގައި ބޭނުންކުރާ ލޮނު އުފައްދާ ފެކްޓްރީގެ މަސައްކަތް ނިންމާ ހުޅުވައިފިއެވެ. މިއީ ރާއްޖޭގައި ޤާއިމްކުރި މިފަދަ ފުރަތަމަ ފެކްޓްރީއެވެ.
ޖަޕާނުގެ ކުންފުންޏަކާ ދިވެހި އަމިއްލަ ކުންފުންޏެއް ގުޅިގެން މި މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ހއ.ދިއްދޫގައެވެ. ރާއްޖޭގައި ލޮނު ފެކްޓްރީ އަޅާފައިވަނީ އެމް.ޑީޕް އިންވެސްޓްމަންޓް ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ. މިތަން ތަރައްޤީކުރުމަށް 15000 އަކަފޫޓްގެ ބިމެއް ދިއްދޫ ކައުންސިލުން 15 އަހަރު ދުވަހަށް ވަނީ ކުއްޔަށް ދީފައެވެ.
މި ފެކްޓްރީގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އެމަސައްކަތް ފަށާފައިވަނީ ރާއްޖޭގެ ކަނޑުގެ ލޮނުގެ ކޮލިޓީ ޖަޕާނުގައި ޓެސްޓުކުރުމަށްފަހުއެވެ. މި ޓެސްޓުތަކުން ފެނުނީ އެހެން ޤައުމުތަކުގެ ކަނޑުގެ ލޮނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ލޮނަކީ ކޮލިޓީ ރަނގަޅު އަދި ސިއްޙަތަށް ފައިދާހުރި މާއްދާތަކުގެ މިންވަރުވެސް މަތި ލޮނެއްކަމަށް އެމް.ޑީޕް އިންވެސްޓްމަންޓްއިން ވަނީ ބުނެފައެވެ.
މި ފެކްޓްރީ ތަރައްޤީކޮށްފައިވަނީ އައްޔާއި ހޫނު ބޭނުންކޮށްގެން ލޮނުފެން ގުދުރަތީގޮތުން ހިއްކައިގެން، ލޮނު އުފައްދާގޮތަށެވެ. ފެކްޓްރީގައި 3 ބާވަތެއްގެ ލޮނު ތައްޔާރުކުރާނެއެވެ. މީގެތެރޭގައި އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ލޮނާއި، ބައެއް ޚާއްސަ ބާވަތްތައް ހިމެނޭނެއެވެ. މީގެއިތުރުން ލޮނު މަސް ތައްޔާރުކުރުމަށް ޚާއްޞަ ލޮނުވެސް ތަޖުރިބާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ލޮނުގެ އުފެއްދުންތައް ރާއްޖޭގެ ރިސޯޓްތަކަށާއި، މީހުން ދުރިއުޅޭ ރަށްތަކަށްވެސް މާކެޓްކުރާނެއެވެ.
ލޮނު ބެޗެއް ތައްޔާރުކުރުމަށް ހަފްތާއެއްހާ ދުވަސް ހޭދަވާނެއެވެ. ހިކި ލޮނު ތައްޔާރުކުރާނީ މޫދުން ނަގާ ލޮނު ފިލްޓަރކޮށް ސާފުކުރުމަށްފަހުގައެވެ. ކޮންމެ މަހެއްގައިވެސް ތައްޔާރުކުރާ ލޮނުގެ ބެޗުތައް، ރާއްޖޭގެ އިތުރުން ޖަޕާނުގައިވެސް ޓެސްޓުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދިއްދޫގައި ތަރައްޤީކުރި ލޮނު ފެކްޓްރީ ކާމިޔާބުކަމާއެކު ކުރިއަށްގެންދެވިއްޖެނަމަ އިތުރު 4 ފެކްޓްރީ ރާއްޖޭގެ އެކި ސަރަޙައްދުގައި ހެދުމަކީ އެ ކުންފުނީގެ އަމާޒުކަމަށް ރާއްޖޭގައި ލޮނު އުފެއްދުމަށް މަސައްކަތްކުރާ ކުންފުނިން ބުންޏެވެ.