ޚަބަރު

މިދިޔަ ހަފްތާގައި 101 މަސް ދޯންޏަކަށް 9 މިލިޔަން ރުފިޔާ


  • މިދިޔަ ހަފްތާގައި މަހަށް ނިކުމެފައިވާ މަސް ދޯނިތަކުގެ އަދަދުވަނީ ދަށްވެފައި

  • އެހެންނަމަވެސް ހަފްތާގެ ފަހު ކޮޅު އަދަދުތައް ވަނީ އިތުރުވެފައި

މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 9 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން ފިޠުރު ޢީދު އަދި 6 ރޯދައިގެ ދުވަސްތަކުގައި މަހަށް ނިކުމެފައިވާ މަސް ދޯނިތަކުގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި މިފްކޯއަށް މަސް ކިރުވާފައިވަނީ 101 ދޯންޏަކުންނެވެ.

މަސްވެރިންނަށް މިދިޔަ ހަފްތާގައި 9 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، އެންމެ ގިނައިން މަސް ކިރުވާފައިވަނީ އޭޕްރީލް 4 ވަނަ ދުވަހުއެވެ. އެދުވަހު 37 ދޯންޏަކަށް ވަނީ 4 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން އޭގެ ކުރީ ހަފްތާގައި މިފްކޯއަށް 177 ދޯންޏަކުން މަސް ކިރުވާފައިވެއެވެ. އަދި އެ ދޯނިތަކަށް ޖުމްލަ 11.9 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ ފާއިތުވި މަސްވެރިންގެ ދުވަހުގައެވެ. މިފްކޯއިން މަޢުލޫމާތު ދެއްވާގޮތުގައި، މި އައު އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.

މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ގެނެސްދިނުމަށް މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި މަސް ބަންދުކުރާ ކާރުޚާނާއެއް ހުޅުމާލޭގައި އެޅުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.