ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން، އެންއައިސީން އިލްތިމާސް ކުރައްވައިފިއެވެ.
އެންއައިސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ޤާނޫނީ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ޝައްކާއި ނުރަނގަޅު ތަސައްވުރު އުފެދޭގޮތަށް ސޯޝަލް މީޑިއާގައި ވާހަކަތައް ދައުުރުވުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަދި ތަންފީޒީ އިދާރާތަކުން ކުރާ މަސައްކަތަކީ ޤައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރަމުންދާ އަގުހުރި މަސައްކަތްތަކެއް ކަމަށާއި، އެ އިދާރާތަކުގެ މަސައްކަތްތަކަށް ހުރަސްނާޅައި ޤާނޫނު ތަންފީޒު ކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރެއްވިއެވެ.
ތަންފީޒީ އިދާރާއަކުން ނުވަތަ އެފަދަ އިދާރާއެއްގެ މުވައްޒަފަކު ޤާނޫނާއި ޤަވާއިދާ ޚިލާފު އަމަލެއް ހިންގާކަމަށް ތުހުމަތު ކުރެވޭ ހާލަތުގައި އެ މައްސަލަ ބަލައިދިނުމަށް އެދި އެންއައިސީއަށް ކޮންމެ މީހަކަށްވެސް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ. މިފަދަ މައްސަލަތައް ތަހުގީގު ކުރުމަކީ، ޤާނޫނުން އެ ކޮމިޝަނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެކެވެ.
އެފަދަ މައްސަލައެއް ފާހަގަވާނަމަ ކޮމިޝަނަށް މައްސަލަ ހުށަހެޅުމަށް އެންއައިސީން ވަނީ، އިލްތިމާސް ކުރައްވާފައެވެ. އަދި ތަންފީޒީ އިދާރާތަކުން އެ މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ޤާނޫނީ އިމުގެ ތެރެއިން ކުރުމުގައި ދެމިތިބުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.