ޚަބަރު

ޣައްޒާއަށް ދެމުންދާ ޙަމަލާތައް ކުރިއަށް، ރަފަޙުން މީހުން ހުސްކުރުމަށް ޔަހޫދީން ޢަމުރު ކޮށްފި


ފަލަސްޠީނުގެ ޣައްޒާގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ރަފަޙުން އެ ރަށުގެ ރައްޔިތުން ފޭބުމަށް ޔަހޫދީން ޢަމުރު ކޮށްފިއެވެ.

ޔަހޫދީ އަސްކަރިއްޔާގެ ތަރުޖަމާނެއް ކަމަށްވާ އަވިޗޭ އަދުރައީ ވަނީ ޔަހޫދީ ފައުޖުން ރަފަޙާއި ވަށައިގެންވާ ސަރަޙައްދުަތަކަށް ވަރުގަދަ ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ދީފައެވެ. ރަފަޙު ހުސްކޮށް އެ ސަރަޙައްދުގައި ތިބި ފަލަސްޠީނުގެ ރައްޔިތުން ޣައްޒާގެ އައްސޭރިފަށުގައި އޮންނަ އަލް-މަވާސީއަށް ދިޔުމަށް ޔަހޫދީ އަސްކަރިއްޔާއިން ވަނީ ޢަމުުރު ކޮށްފައެވެ. އަލް-މަވާސީއަކީ ރައްކާތެރި ސަރަޙައްދެއް ކަމަށް ޔަހޫދީން ބުނަމުން ދިޔަ ނަމަވެސް އެ ސަރަޙައްދަށް ޔަހޫދީން ބަރާބަރަށް ޙަމަލާ ދެއެވެ.

ރަފަޙުން މީހުން ފޭބުމަށް ޔަހޫދީން ޢަމުުރު ކުރުމުގެ އިރުކޮޅެއްގެެ ތެރޭގައި ރަފަޙުގައި ހުރި ފޭލިގެއަކަށް ޔަހޫދީން ޙަމަލާއެއް ދީފައިވެއެވެ. އެ ޙަމަލާގައި ދެ މީހުން ޝަހީދުވެފައިވެއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އދގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އިދާރާ، އޯސީއެޗްއޭއިން ވަނީ ޔަހޫދީން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާއަށް ދޭން ފެށި ޙަމަލާތައް ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން މެދުކަނޑާލާފައި އޮތުމަށްފަހު، އެއްބަސްވުމާ ޚިލާފަށް މި އަހަރުގެ މާރިޗު މަހުގެ 18ވަނަ ދުވަހު އަލުން ޙަމަލާ ދޭން ފެށި ފަހުން މިހާތަަނަށް ފަލަސްޠީނުގެ 142،000 މީހުން ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުވެފައިވާ ކަމަށް ބުނެފައެވެ.

ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ ޢުދުވާނީ ޙަމަލާތައް އަލުން ފެށިފަހުން ޔަހޫދީން މިހާތަނަށް ފަލަސްޠީނުގެ 900 ރައްޔިތުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ. އެއާއެކު ހަނގުރާމައިގައި ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު 50،000އަށްވުރެ އިތުރު ވެފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ޢީދުގެ އުފަލެއް ނެތް، ޔަހޫދީންގެ ޙަމަލާތައް މެދުކެނޑުމެއްނެތި ކުރިއަށް

ރަމަޟާން މަސް ނިމި ފިޠުރު ޢީދުގެ ތިން ދުވަސް ގުނަމުންދާއިރު ޣައްޒާގެ މުސްލިމުން ޢީދު ފާހަގަ ކުރަމުންދަނީ ޙަމަލާތަކާއި ހިތާމައިގެ ތެރޭގައެެެވެ. ޢީދުގެ ފުރަތަމަ ދުވަހު އެކަނި ވެސް ޔަހޫދީން ވަނީ ފަލަސްޠީނުގެ 64 ރައްޔިތުން ޝަހީދު ކޮށްލައިފައެެވެ. ޢީދުގެ ދެވަނަ ދުވަހު ވެސް ނުވަ މީހުން ޝަހީދު ކޮށްލާފައިވެއެވެ. ޣައްޒާގެ މައި ސިޓީއެއް ކަމަށްވާ ދީރުލް ބަލާޙުގައި ހަތް ގެއަކަށް ޙަމަލާ ދީ ތިން މީހުން ޝަހީދު ކޮށްލާފައިވާއިރު ދީރުލް ބަލާޙާ ފަސް ކިލޯމީޓަރު ދުުރުގައި އޮންނަ ނުޞީރާތަށާއި ނެތުސާރީމް ކޮރިޑޯއާ ކައިިރި ސަރަޙައްދުތަކަށް ވެސް ޔަހޫދީން ވަނީ ވަރުގަދަ ޙަމަލާތައް ދަނީ ދެމުންނެވެ.