ޚަބަރު

ޗައިނާއިން 70،000އަށްވުރެ ގިނަ ފަތުރުވެރިން، މިއީ %10ގެ ކުރިއެރުމެއް


  • ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ %11 ހިއްސާކުރަނީ ޗައިނާ ފަތުރުވެރިން

  • މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ރާއްޖެއަށް އައިސްފައިވަނީ 63,919 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 70،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 10.7% އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެޤައުމުން ރާއްޖެއަށް މާރިޗުމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް ވަނީ 70،797 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ %11އެވެ.

ފަތުރުވެރިންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ރާއްޖެއަށް އައިސްފައިވަނީ 63,919 ފަތުރުވެރިންނެވެ.

2023ވަނަ އަހަރު ނިމުނު އިރު ޗައިނާ އަކީ ރާއްޖެއަށް 3 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. އެހެންނަމަވެސް މިދިޔަ އަހަރު ނިމުނު އިރު ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. އެ އަހަރު ތެރޭ ޗައިނާއިން ރާއްޖެއަށް ވަނީ 263،042 ފަތުރުވެރިން އައިސްފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް 2 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ.

ފަތުރުވެރިންގެ ޖުމްލަ އަދަދަކަށް ބަލާލާއިއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ބައި މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 593،956 ފަތުރުވެރިން އައިސްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކޮށްފައިވާ 570،898 ފަތުރުވެރިންނާ އަޅާ ބަލާއިރު 4 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު ރާއްޖެއަށް ވަނީ 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.