ޚަބަރު

ޓްރަމްޕްގެ ޣައްޒާ ތަސައްވުރު ތަންފީޒު ކުރާނެ ކަމަށް ނަތަންޔާހޫ ބުނެފި


ފަލަސްޠީނުގެ ޣައްޒާއަށް ވެރިވެގަނެ، އެ ބިން ފޭރިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ތަސައްވުރަކީ ޙަޤީޤަތަކަށް ހެދުމުގެ ގޮތުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ވަރުގަދަކޮށް ފުޅާ ކުރަމުންދާނެ ކަމުގައި ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. އޭނާ މި މޭރުމުން ބުނެފައި ވަނީ ޒަޔަނިސްޓު ސަރުކާރުގެ ކެބިނެޓު ބައްދަލުވުމެއްގައި ވާހަކަ ދައްކަމުންނެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އަރާއިރު، އިތުރު 111,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތި ކޮށް ބިމާ ހަމަކޮށްލާފައެވެ.

ޙަމާސާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 900އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.

ޓްރަމްޕް ބޭނުން ވަނީ ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރު ކުރަން

ޣައްޒާއަށް ވެރިވެގަންނަން ބޭނުންވާ ކަން ޓްރަމްޕް ހާމަ ކުރައްވާފައި ވަނީ މި އަހަރުގެ ފެބުރުވަރީ މަހުއެވެ. ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު ޓްރަމްޕް ވިދާޅުވީ ޣައްޒާއަށް ވެރިވެގަނެ، އެއީ އެމެރިކާގެ ބިމަކަށް ހެދުމަށް ބޭނުންވާ ކަމުގައެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން ނެރުމަށް ފަހު، އެ ބިން ފަތުރުވެރި ކަމަށް ތަރައްޤީ ކުރައްވާނެ ކަމުގައެވެ. ޣައްޒާ ހުސްކުރުމުގެ ގޮތުން އެ ސަހަރުގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ މީހުން އުރުދުނާއި މިޞްރަަށް ބަދަލު ކުރުމަށް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.

ނަތަންޔާހޫ ބުނީ، ޓްރަމްޕްގެ މި ތަސައްވުރު ޙަޤީޤަތަކަށް ހަދައިދިނުމަށް ޒަޔަނިސްޓު ސަރުކާރާއި ޔަހޫދީ ފައުޖުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރެވޭނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިތުރަށް ވަރުގަދަކޮށް ފުޅާކޮށްގެން ކަމުގައި ވެސް އޭނާ ބުންޏެވެ. ނަމަވެސް، އަސީރުންގެ ޢާއިލާތަކުން ވަނީ ނަތަންޔާހޫގެ މި ރޭވުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޣައްޒާ އަލުން އާރާސްތު ކުރެވޭނީ އެ ސަހަރުގެ މުސްލިމުން އެ ބިމުން ބާލައިގެން ކަމުގައި ޓްރަމްޕް ވިދާޅުވެފައިވާއިރު، ޣައްޒާ ފޭރިގަތުމަށް އޭނާ ގެންގުޅުއްވާ ތަސައްވުރުގެ ބަދަލުގައި އަމަލު ކުރާނެ ރޭވުމެއް ޢަރަބި ޤައުމުތަކުން ވަނީ ފާސްކޮށްފައެވެ. މާރިޗު 4ވަނަ ދުވަހު މިޞްރުގެ ވެރިރަށް ޤާހިރާގައި ބޭއްވި ޢަރަބި ޤައުމުތަކުގެ ސަމިޓުގައި ފާސްކޮށްފައި ވަނީ މިޞްރުގެ ހުށަހެޅުމެއްގެ މައްޗަށް ބިނާ ކޮށްފައިވާ އައު ތަސައްވުރެވެ.

ޢަރަބި ޤައުމުތަކުން ޓްރަމްޕްގެ ތަސައްވުރާ ދެކޮޅު

ޓްރަމްޕް ހުށަހަޅުއްވާފައި ވަނީ ޣައްޒާގެ ރައްޔިތުން މިޞްރާއި އުރުދުނަށް ގެންދިޔުމަށެވެ. ނަމަވެސް، އެ ދެ ޤައުމުގެ އިތުރުން ޢަރަބި ޤަައުމުތަކުން ވަނީ އެ ހުށަހެޅުމަށް އިންކާރު ކޮށްފައެވެ. އެއީ، ސަރަޙައްދީ ސުލްޙައާއި ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ޢަރަބި ޤައުމުތަކުން ސިފަކުރެއެވެ.

މިއީ، ޢަރަބީން ޤަބޫލު ކުރާ އަދި ބަލައިގަންނަ ތަސައްވުރެއް ނޫނެވެ. ޓްރަމްޕްގެ ތަސައްވުރަށް އިޢުތިރާޟު ކުރުމުގެ ގޮތުން މިޞްރުން ހުށަހަޅައި، ޢަރަބި ޤައުމުތަކުން އާނބަސް ބުނެފައިވާ ތަސައްވުރުގެ ދަށުން ޣައްޒާގެ ރައްޔިތުން ޙިމާޔަތް ކުރުމަށް ވަނީ އިސްކަން ދީފައެވެ. އަދި، އެ މީހުންގެ ވަޒަނުން ބޭރު ކުރުމެއް ނުހިމެނޭނެއެވެ. އަދި، މިޞްރުގެ ހުށަހެޅުމުގެ އާޚިރު ނަތީޖާއަކީ ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިމުގައި ފަލަސްޠީނާއި އިސްރާއީލުގެ މިނިވަން ދެ ދައުލަތް ޤާއިމު ކޮށްދިނުމެވެ.

ޣައްޒާގެ ކުރިމަގާ ގުޅޭ ގޮތުން މިޞްރުން ހުށަހަޅާފައިވާ ހުށަހެޅުން ބިނާވެފައި އޮތީ މައިގަނޑު ތިން ކަމެއްގެ މައްޗަށެވެ: އެއީ، އިންތިގާލީ ފިޔަވަޅުތައް، ޣައްޒާ އަލުން އާރާސްތު ކުރުން، އަދި ޣައްޒާގައި ވެރިކަން ހިންގާނެ ގޮތެއް ކަނޑައެޅުމެވެ. އެ ކަންކަން ފުރިހަމަ ކުރެވޭނީ ތިން މަރުޙަލާއަކަށެވެ.

ފުރަތަމަ މަރުޙަލާގެ މުއްދަތަކީ ހަ މަސް ދުވަހެވެ. އަދި، ދެވަނައާއި ތިންވަނަ މަރުޙަލާ، ހަތަރެއް ނުވަތަ ފަސް އަހަރަށް ދެމިގެންދާނެ ކަމުގައި މަޞްދަރުތަކުން ބުންޏެވެ. މިޞްރުގެ ހުށަހެޅުމުގެ މައިގަނޑު މަޤުޞަދަކީ ޣައްޒާ އަލުން އާރާސްތު ކުރުމާއި، ސުލްޙައާއި ހަމަޖެހުން ދެމެހެއްޓުމެވެ. އަދި، 17 އަހަރަށް ފަހު ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)އަށް ޣައްޒާގައި ވެރިކަން ކުރުމުގެ ފުރުޞަތު ދިނުމެވެ.