ޚަބަރު

މިޔަންމާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1,600އަށްވުރެ މައްޗަށް


ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމެއް ކަމުގައިވާ މިޔަންމާއަށް މާރިޗު 28ވަނަ ދުވަހު ބާރުގަދަ ބިންހެލުމަށް އައިސްފައި ވަނީ އެ ޤައުމުގައި ދިރިއުޅޭ މުސްލިމުން ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް ތައްޔާރުވަމުން ދިޔަ ވަގުތުގައެވެ. ރިކްޓަރ މިންގަނޑުން 7.7ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުމާ ގުޅިގެން ވެއްޓުުނު އިމާރާތްތަކުގެ ދަށުވެ، މަރުވި މީހުންގެ އަދަދު ވަނީ 1,644އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ މުސްލިމުން ހިމެނޭ ކަމަށް ބެލެވެއެވެ.

ބިންހެލުމުގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ މިޔަންމާގެ މެދުތެރޭގައި އޮތް މަންދަލީއާއި ނީޕީޓޯއަށެވެ. މަންދަލޭގައި ދިރިއުޅޭ 25 އަހަރުގެ ހެއް މީން ބުނީ އެ ސަރަޙައްދަށް ބިންހެލުމުގެ ލޮޅުންތައް އަރާފައި ވަނީ ހުކުރު ނަމާދަށް ތައްޔާރުވުމުގެ ގޮތުން އޭނާ ވުޞޫ ކުރަން ހުއްޓައި ކަމުގައެވެ. ބިންހެލުމާ އެކު މިސްކިތަކާ އިންވެގެން ހުރި އޭނާ ދިރިއުޅެމުން ދިޔަ ގެ ވަނީ ވެއްޓިފައެވެ.

އެ ހާދިސާގައި އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އޭނާގެ ޢާއިލާގެ ގިނަ މެންބަރުންތަކެއް ވަނީ އިމާރާތުގެ ދަށުގައި ތާށިވެފައެވެ. އޭގެ ތެރޭގައި އޭނާގެ މާމައާއި، ދެ ބޮޑުބޭބެގެ އިތުރުން ދެ ބޮޑުދައިތަ ވެސް ހިމެނެވެ. އޭގެ ތެރެއިން އެއް ބޮޑުދައިތަގެ ފުރާނަ ސަލާމަތް ކުރެވިފައި ނުވާ ކަމުގައި އޭނާ ބުންޏެވެ. އަދި، މާމައާއި ދެ ބޮޑުބޭބެއިން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ފަސްގަނޑު ކޮނުމަށް ބޭނުން ކުރާ ޚާއްޞަ އާލާތްތައް ނެތުމާ އެކު، އެ މަސައްކަތަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި އޭނާ ބުންޏެވެ.

ބިންހެލުމުގައި މަރުވެފައިވާ މީހުންގެ އަދަދު 1,600އަށްވުރެ މައްޗަށް އުފުލިފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ މުސްލިމުން ހިމެނޭނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ހުކުރު ނަމާދު ވަގުތަށް ގިނަ އަދަދެއްގެ މުސްލިމުން މިސްކިތަށް ޖަމާވަމުން ދިޔަ ވަގުތުގައި އައި ލޮޅުމާ އެކު 50އަށްވުރެ ގިނަ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި މިޔަންމާގެ އަސްކަރީ ސަރުކާރުން ހާމަކުރިއެވެ.

ބިންހެލުމާ ގުޅިގެން ގިނަ އަދަދެއްގެ އިމާރާތްތަކަށް ގެއްލުން ލިބުނެވެ. އަދި، ބައެއް އިމާރާތްތައް ވެއްޓިފައިވާއިރު، އޭގެ ތެރޭގައި މިސްކިތްތައް ވެސް ހިމެނެއެވެ. އޭގެ ތެރެއިން ސުލީ ކޯ އަވަށުގައި ހުރި މިސްކިތެއް ވެއްޓި، އެ އިމާރާތުގެ ދަށުވެ، 10 ވަރަކަށް މީހުން މަރުވިއެވެ. އަދި، އިތުރު ދެ މިސްކިތެއް ވެއްޓި، އެ އަވަށުން ޖުމުލަ 23 މީހަކު މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމުގައި އެ އަވަށުގެ ރައްޔިތުން ބުންޏެވެ.

މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާ

މިޔަންމާގެ އާބާދީގެ ބޮޑު އިންސައްތައަކީ ބުދުދީނަށް އަޅުކަން ކުރާ މީހުންނެވެ. އެ ޤައުމުގެ އާބާދީގެ ތެރެއިން މުސްލިމުން ހިއްސާ ކުރަނީ އެންމެ %4.3 ކަމަށް 2014ވަނަ އަހަރު އެ ޤައުމުގައި ނަގާފައިވާ ބޯހިމެނުމުގެ ނަތީޖާއިން ދައްކައެވެ. މިޔަންމާގެ މުސްލިމުންނަށް އެ ޤައުމުގެ އަސްކަރީ ސަރުކާރުން ދަނީ ބޮޑެތި ފިއްތުންތަކެއް އަމާޒު ކުރަމުންނެވެ. ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ. އަދި، އެ ޤައުމުގެ އަސްކަރިއްޔާއިން ދަނީ، ރާކައިން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޤަތުލުޢާންމެއް ހިންގަމުންނެވެ.

2017ވަނަ އަހަރު އެމެރިކާގެ ޚާރިޖީ ވުޒާރާއިން ހަދާފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ، މިޔަންމާގެ މުސްލިމުން އަޅުކަން ކުރުމަށް ބޭނުން ކުރާ މިސްކިތްތައް މަރާމާތު ކުރުމަށް އެ ޤައުމުގެ ސަރުކާރާއި އަސްކަރިއްޔާއިން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރުވާފައިވާ ކަމުގައެވެ. މި ގޮތުން، މިސްކިތްތައް މަރާމާތުކޮށް، އާބާތުރަ ފިލުވުމަށް ބޭނުންވާ ހުއްދަަތައް ދޫކުރުމަށް ދެކޮޅު ހެދުމާއި، އައު މިސްކިތްތައް ބިނާ ކުރުމަށް ހުރަސް އެޅުން ފަދަ ޖަރީމާތައް ހިމެނޭ ކަމުގައި އެމެރިކާގެ ޚާރިޖީ ވުޒާރާއިން ހާމަކުރިއެވެ. މި ކަމާ ގުޅިގެން މިޔަންމާގައި ހުރި ތާރީޚީ ގިނަ މިސްކިތްތައް ވަނީ ވީރާނާވެ، ބަލިކަށިވެފައެވެ.

ބިންހެލުމާ ގުޅިގެން ތައިލެންޑުން ނުވަ މީހުން މަރުވުން

މާރިޗު 28ވަނަ ދުވަހުގެ ބިންހެލުމަކީ މިޔަންމާގެ ތާރީޚުގައި އެ ޤައުމަށް ކުރިމަތި އެންމެ ނުރައްކާތެރި އެއް ޤުދުރަތީ ކާރިސާއެވެ. ބިންހެލުމާއި ލޮޅުންތަކުގައި ވެއްޓިފައިވާ އެތަކެއް ސަތޭކަ އިމާރާތެއްގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދައި، ސަލާމަތް ކުރުމަށް އެ ޤައުމުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ކަމުގައި އެހީތެރި ކަން ފޯރުކޮށްދިނުމަށް ބޭރު ޤައުމުތަކުގެ ޓީމުތަކުން ވެސް ވަނީ އެ ޤައުމަށް ދަތުރުކޮށް، މަސައްކަތުގައި ބައިވެރިވާން ފަށާފައެވެ. ބިންހެލުމުގައި ޢާންމުންގެ ގެދޮރާއި، ހަސްފަތާލުތަކާއި، މަގުތަކާއި، އުމްރާނީ އެހެން ވަސީލަތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޭގެ ތެރޭގައި ވައިގެ ބަނދަރުތައް ވެސް ހިމެނެއެވެ.

ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު ދެކުނުއިރުމަތީ އޭޝިޔާގެ އެހެން ޤައުމުތަކަށް ވެސް ކުރިއެވެ. އޭގެ ތެރޭގައި ތައިލެންޑާއި ޗައިނާގެ ޔުންނާން ޕުރޮވިންސް ހިމެނެއެވެ. ބިންހެލުމުގެ ލޮޅުންތަކާ އެކު، ތައިލެންޑުގެ ވެރިރަށް ބެންގކޮކުގައި ބިނާ ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ބޮޑު އިމާރާތެއް ވެއްޓި، އެ އިމާރާތުގެ ދަށުގައި 47އަށްވުރެ ގިނަ މީހުން ތާށިވިއެވެ. ބިންހެލުމާ ގުޅިގެން ހިނގި ހާދިސާތަކުގައި އެ ޤައުމުން ނުވަ މީހަކު މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާއިރު، ވެއްޓިފައިވާ އިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ސަލާމަތް ކުރުމަށް މިހާރު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ބިމުގެ ސަތަހައަށް އަންނަ ލޮޅުންތައް ދިރާސާ ކުރާ ޔޫއެސް ޖިޔޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސު)ން ބުނީ ބިންހެލުމުގެ ފުރަތަމަ ލޮޅުންތައް އައިސްފައި ވަނީ މިޔަންމާގެ ސައްގާއީ ސަރަޙައްދުގެ 16 ކިލޯމީޓަރު ހުޅަނގުއުތުރަށް ކަމުގައެވެ. އަދި، ބިމުގެ ސަތަހައިގެ 10 ކިލޯމީޓަރު އަޑިއަށް ކަމުގައެވެ. އަދި، ބިންހެލުމާ ގުޅިގެން އެ ޤައުމުން މަރުވި މީހުންގެ އަދަދު 10,000އަށްވުރެ މައްޗަށް އުފުލުމުގެ ފުރުޞަތު އޮތް ކަމަށް އަންދާޒާ ކުރެވޭ ކަމުގައެވެ.