ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދުގެ ތަހުނިޔާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢީދު ސަލާން ކުރައްވައިފިއެވެ.
ޢީދު ސަލާން ކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ، ހެނދުނު 09:00 ން 11:00 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ޢީދު ސަލާން ކުރެއްވުމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ވެރިންގެ ހިމެނެއެވެ.
މީގެއިތުރުން، ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި ޢާއިލާތަކުންވެސް ޢީދުގެ ސަލާން ކުރެއްވުމަށް ދިޔަކަން ފާހަގަކޮށްލެވޭ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ ޢީދު ސަލާމްކުރުމުގައި ބައިވެރިވުމަށް ދިވެހި ރައްޔިތުންނަށް ދަޢުވަތު އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މިދިޔަ އަހަރުވެސް ފިޠުރު ޢީދު ދުވަހު ޢީދު ސަލާންކުރެއްވުން ކުރިއަށް ގެންދަވާފައެވެ.