ޚަބަރު

ޣައްޒާ ޢުދުވާން މެދުކަނޑައިލުމުގެ އައު ހުށަހެޅުމަށް ޙަމާސުން ރުހުންދީފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ސިފައިން ހިންގަމުންދާ ލާއިންސާނީ ޢުދުވާން މެދުކަނޑައިލުމަށް މިޞްރާއި ޤަޠަރުން ހުށަހަޅާފައިވާ އައު ހުށަހެޅުމަށް އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރުހުންދީފިއެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު އަދާ ކުރަމުން ދަނީ މިޞްރާއި ޤަޠަރުންނެވެ.

ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އަރާއިރު، އިތުރު 111,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތި ކޮށް ބިމާ ހަމަކޮށްލާފައެވެ.

ޙަމާސާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 900އާ ގާތް ކުރާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ. އަދި، 1,980ށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.

“މިޞްރާއި ޤަޠަރުގެ އައު ހުށަހެޅުމެއް، މީގެ ދެ ދުވަސް ކުރިން އަޅުގަނޑުމެންނަށް ލިބުނު. އަޅުގަނޑުމެން އެއާ މެދު އަމަލު ކޮށްފައި ވާނީ ވަރަށް ބިނާކުރަނިވި ގޮތަކަށް، އަދި އެއަށް ރުހުންދީފައި ވާނެ،” ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ޚަލީލް އަލް-ޙައްޔާ ވިދާޅުވިއެވެ. ޔަހޫދީންގެ ފަރާތުން ވެސް އައު ހުށަހެޅުމަށް ރުހުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެއްބަސްވުމަށް އިޙުތިރާމު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މިޞްރުގެ މަޞްދަރުތަކުން ބުނީ، ޒަޔަނިސްޓުންގެ ކިބައިން ވެސް އައު ހުށަހެޅުމަށް ބިނާކުރަނިވި ޖަވާބެއް ލިބިފައިވާ ކަމުގައެވެ. މިޞްރާއި ޤަޠަރުން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް ކޮންމެ ހަފުތާއަކު ފަސް އަސީރުން މިނިވަން ކުރުމަށް ޙަމާސުން ވަނީ އެއްބަސްވެފައެވެ. މިޞްރުގެ ހުށަހެޅުމާ އެއްގޮތް ޔަހޫދީން ވެސް ވަނީ އައު ޝަރުޠުތަކެއް ހުށަހަޅާފައެވެ.

ޙަމާސުން ވަނީ ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާތުތައް ފުރިހަމަ ކޮށްފައެވެ. މި ގޮތުން، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 33 އަސީރުން މިނިވަން ކޮށްފައިވާއިރު، އެއްބަސްވުން ނިމުމަކަށް ގެނެސްފައި ވަނީ ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށެވެ.

އައު އެއްބަސްވުމެއް އެކުލަވައިލި ނަމަވެސް، ކުރީގެ އެއްބަސްވުމުގެ ދެވަނަ މަރުޙަލާއަށް އަމަލު ކުރުމަށް ޙަމާސުން ވަނީ ޝަރުޠު ކޮށްފައެވެ. ނަމަވެސް، ޔަހޫދީން ހުށަހަޅާފައި ވަނީ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ މުއްދަތު އިތުރު 42 ދުވަހަށް އިތުރު ކުރުމަށެވެ. ޙަމާސުން މި ކަމަށް އެއްބަސްވެފައިވާ ކަން ސާފެއް ނޫނެވެ.