ޚަބަރު

އީދު ދުވަހު ހަވީރަކީ ހިނގާފައި އުޅޭ ވަގުތެއް، ވެހިކަލް ދުއްވުން މަނާ


  • ވެހިކަލް ދުއްވުން މަނާކޮށްފައިވަނީ މިއަދު ހަވީރު 16:00 އިން 18:00 އަށް

  • ހަވީރު 16:00އިން ރޭގަނޑު 23:30އާއި ދެމެދު ބަރު އުޅަނދު ދުއްވުމަކީވެސް މަނާކަމެއް

ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ނިންމައިފިއެވެ.

ވެހިކަލް ދުއްވުން މަނާކޮށްފައިވަނީ މިއަދު ހަވީރު 16:00 އިން 18:00 އަށެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ކުރީ އަހަރުތަކޭ އެއްގޮތަށް މިއަހަރުވެސް ހަވީރު 16:00 އިން 18:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާވާނެކަމަށެވެ. އަދި މީގެ އިތުރުން ހަވީރު 16:00 އިން ރޭގަނޑު 23:30 އާއި ދެމެދު ގްރޭޓަރ މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުމަކީވެސް މަނާކަމެއް ކަމުގައި އެ ވުޒާރާއިން ވަނީ ކަނޑައަޅުއްވާފައެވެ.

މި ގަޑިތަކުގައި ދުއްވަން ހުއްދަ އޮތް އުޅަނދުތަކަކީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި، އެމްބިއުލެންސް، ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ އުޅަނދު، ޚާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްސަކުރެވިފައިވާ އުޅަނދު، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތުގެ އިތުރުން އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު ކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ފިތުރު އީދު ދުވަހުގެ ހަވީރުގެ ވަގުތަކީ ހިނގާފައި އުޅޭ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މީގެކުރިންވެސް މިފަދަ މުނާސަބަތުތަކާއި ދިމާކޮށް ހިނގާފައި އުޅޭ ވަގުތުތައް މާލޭގައި ކަނޑައަޅާފައިވެއެވެ.

މިއަހަރުގެ ފިތުރު ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. އެގޮތުން މިއަހަރުގެ ޢީދަށް މުޅި ރާއްޖެ ދިއްލާލުމަށްޓަކައި މާބަގީޗާތަކާއި ލައިޓްތައް ވަނީ ހަރުކޮށްފައެވެ. ޢީދަށް މުޅި ރާއްޖެ ދިއްލާލުމުގެ އިތުރުން ސަރުކާރުގެ ބައެއް ވުޒާރާތަކާއި އެކި މުއައްސަސާތަކުގެ އިތުރުން ސަރުކާރުން ހިއްސާވާ ކުންފުނިތައް ގުޅިގެން ޢީދު ދުވަހުގެ ހަވީރު ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ރާއްޖޭގެ އިހުގެ ކުޅިވަރުތަކާއި ޘަޤާފަތް ދައްކާލުމަށް ހަމަޖެހިފައިވާއިރު ފިއުޝަން ޝޯވއެއްވެސް ކުރިއަށްދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މީގެއިތުރުން އެމްއެންޑީއެފްގެ އެކި ވިންގްތަކުގެ ހަރަކާތްތަކާއި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ އެކި ހަރަކާތްތައްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ސަލްޓަން ޕާކު ސަރަޙައްދާއި، ޝަހީދުންގެ ބިނާ ކުރިމަތީގައާއި ޖުމްހޫރީ މައިދާނުގައެވެ.