މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ބިދޭސީ މަސައްކަތްތެރިން އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމަށް ތުހުމަތުވާ މައްސަލައިގައި އެ މުއައްސަސާއިން ބިދޭސީންތަކެއް ހައްޔަރުކުރީ އުސޫލުތަކާ ޚިލާފަށް ހިންގި އޮޕަރޭޝަނެއްގައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްއާން ވަޙީދު ހިމެނޭހެން އިމިގްރޭޝަންގެ 5 މުވައްޒަފަކު ހައްޔަރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ މިހާރު ތަހުގީގުކުރައްވަމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ މިހާތަނަށް ތަހުގީގަށް ހޯދާފައިވާ ހޯދުންތަކުން އެނގިފައިވާ ގޮތުގައި މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަންގެ މުވައްޒަފުން، މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އޮޕަރޭޝަނެއް ހިންގާފައިވާއިރު އެ އޮޕަރޭޝަން ހިންގީ ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް އަދި އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ ޚިލާފަށްކަން އެނގިފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު އޭރު ކޮންޓްރޯލަ ޖެނެރަލްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޝަމްޢާން ވަޙީދަށް އެނގިވަޑައިގަންނަވާކަމަށް ތަހުގީގަށް ދެނެގަނެވިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އެ އޮޕަރޭޝަން ހިންގި ތަނަށް އެންމެ ފުރަތަމަ ދިޔައީ އިމިގްރޭޝަންގެ އެފަދަ އޮޕަރޭޝަންތައް ހިންގުމުގެ ވަޒީފާގެ
މަސްއޫލިއްޔަތު ނެތް 3 މުވައްޒަފުން ކަމަށެވެ. އެއީ ކޮންޓްރޯލަރ ޖެނެރަލްގެ ބިއުރޯ އަދި ބިއުރޯގެ ދަށުން ހިންގާ ޕްލޭނިން
އަދި މީޑިއާގައި މަސައްކަތްކުރާ ތިން މުވައްޒަފުން ކަމަށާއި އެ އޮޕަރޭޝަންގައި 7 ބިދޭސީ މަސައްކަތްތެރިން ހުއްޓުވައި ބަލައި ފާސްކުރިކަމަށް ވިދާޅުވިއެވެ. އަދި އޭގެފަހުން އެފަދަ އޮޕަރޭޝަންތަކަށް ޚާއްސަކޮށްފައިވާ އިމިގްރޭޝަންގެ ޓީމެއް އެރޭ ގެނެސް، އަލުން ސީން ޕްރޮސެސްކޮށް، ހައްޔަރުކުރެވުނު ބިދޭސީންގެ ތަކެތި ސީލްކޮށް ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި އޮޕަރޭޝަނުގައި އިމިގްރޭޝަނުން ހައްޔަރުކުރި 7 ބިދޭސީ މަސައްކަތްތެރިންނަކީވެސް ލިޔެކިޔުންތައް ގަވާއިދާ އެއްގޮތަށް ހުރި ބިދޭސިންކަން ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ހައްޔަރުކުރި ބިދޭސީންގެ ތެރެއިން، އެކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނުނުއިރު މި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު މ. ސްޓާ ކްލައުޑްގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް އޭނާ ގެންދިޔަ ކަމަށާއި އޭނާ ދޫކޮށްލީ ޝަމްއާންގެ އިރުޝާދުގެ ދަށުން އެކަން "އަރޖެންޓް" ކަމެއްގެ ގޮތުގައި އަމަލުކުރުމަށް އަންގައިގެންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ދޫކޮށްލި ބިދޭސީ މީހާއާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވީ މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ އިމިގްރޭޝަން މުވައްޒަފެއްގެ އާއިލާ މެމްބަރެއް ކަމަށެވެ. ބިދޭސީ މީހާ ހައްޔަރުކުރެވުނުއިރު އޭނާގެ އަތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފައިސާ އޭނާ ދޫކޮށްލިއިރު ކޮތަޅަކަށް އަޅާފައި އަނބުރާ ހަވާލުކުރިކަން ތަހުގީގަށް އެނގިފައިވާކަމަށްވެސް ވިދާޅުވިއެވެ.
ހާދިސާ ހިނގި ގޮތް ތަފްސީލުކޮށްދެއްވަމުން ފުލުހުން ވިދާޅުވީ ބިދޭސީ މީހާ ދޫކޮށްލުމުގެ ޕްރޮސެސް ހިނގަމުންދިޔައިރު ވަޒީފާގެ މަސްއޫލިއްޔަތު ނެތި ބަލައި ފާސްކުރުން ކުރިއަށް ގެންދިޔަ އިމިގްރޭޝަން މުވައްޒަފުން މ. ސްޓާ ކްލައުޑް ސަރަހައްދުގައި ތިބިކަމަށެވެ. އަދި ބިދޭސީ މީހާ ދޫކޮށްލުމަށްފަހު އޭނާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވި މީހާއާއެކު ސައިކަލެއްގައި ދިޔަ ނަމަވެސް ޝަހީދު ޢަލީ ހިނގުމުން އިމިގްރޭޝަން މުވައްޒަފަކާއެކެ އޭނާ އިމިގްރޭޝަންގެ އުޅަނދަށް އެރި ކަމަށާއި އެ އުޅަނދު
މާލޭގެ އެކި ސަރަހައްދުތަކުގައި ދުއްވާފައިވާއިރު ތަހުގީގުން ގަބޫލުކުރާގޮތުގައި "ވަކި ކަންތައްތަކެއް ނިންމުމަށްފަހު"
ބިދޭސީ މީހާ އޭނާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ އިމިގްރޭޝަން މުވައްޒަފަކު ސައިކަލެއްގައި ވެލާނާ ބިލްޑިންގ ކައިރިއަށްގޮސް އިމިގްރޭޝަންގެ އުޅަނދުން ފައިސާ އެޅި ކޮތަޅު ނަގައިގެން ޝަމްއާންގެ ގެއަށް ގޮސްފައިވާކަން އެނގޭ ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ގެ ބަލައި ފާސްކުރިއިރު 257،475 ރުފިޔާ އާއި 10،000 އެމެރިކާ ޑޮލަރު އަދި އެހެން ބައެއް ޤައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގެ ތަހުގީގުގައި ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު އެއްކޮށް، ގިނަ ބަޔަކާ ސުވާލުކޮށް، މައްސަލައާ ގުޅުން ހުރި ފަރާތްތަކުގެ ބަޔާން ނަގާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.