ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށް ނިކަމެތި ކުރަމުން ދަނީ ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފަށް ކަން ހާމަކޮށް، އެކުވެރި ދައުލަތްތައް (އދ)ގެ އިންސާނީ ޙައްޤުތަކާ ބެހޭ ސަފީރުގެ އޮފީސް (އޯއެޗްސީއެޗްއާރު)ން ޔަހޫދީ ފައުޖުގެ ލާއިންސާނީ ޖަރީމާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ. އެ އޮފީހުން މި ކަން ހާމަކޮށްފައި މި ވަނީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން، އެ ސަހަރުގެ ބައެއް ސަރަޙައްދުތައް ހުސްކުރުމަށް ޒަޔަނިސްޓު ސިފައިން އަމުރު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އަރާއިރު، އިތުރު 111,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތި ކޮށް ބިމާ ހަމަކޮށްލާފައެވެ. އެ ސަހަރުގެ 2.3 މިލިޔަނެއްހާ މީހުންގެ އާބާދީގެ ބޮޑު އިންސައްތައެއް މި ވަގުތު ދިރިއުޅެމުން ދަނީ ފޭލިގެތަކާއި ވަގުތީ ހިޔާތަކުގައެވެ. ނުވަތަ މަގުތަކުގެ މަތީގައެވެ.
ޙަމާސާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 900އާ ގާތް ކުރާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ. އަދި، 1,980ށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.
ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ 10 ސަރަޙައްދެއް ހުސް ކުރުމަށް އަމުރު ކޮށްފައެވެ. އަދި، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެހެން ހިސާބުތަކަށް ދަތުރު ކުރުމަށް މަޖުބޫރު ކުރުވާފައެވެ. އޭގެ ތެރޭގައި ގިނައީ ފޭލިގެތަކާއި ވަގުތީ ހިޔާތަކުގައި ދިރިއުޅޭ މީހުންނެވެ. އެ ސަރަޙައްދުތަކުން 142,000ށްވުރެ ގިނަ މީހުން ބޭރުކޮށް، މަގުމަތި ކޮށްލާފައިވާ ކަމުގައި އދގެ އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އިދާރާ (އޯސީއެޗްއޭ)ން ހާމަކުރިއެވެ.
"މި ގޮތަށް މަޖުބޫރު ކުރުވައިގެން [ޣައްޒާގެ ރައްޔިތުން] ވަޒަނުން ބޭރު ކުރުމަކީ ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފު ޖަރީމާއެއް،" އޯއެޗްސީއެޗްއާރްގެ ތަރުޖަމާނު ޘަމީން އަލް-ޚީޠާނީ ވިދާޅުވިއެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ހިންގަމުންދާ ކަމަށް ކަނޑައަޅައި، ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައިސީސީ)ން ވަނީ ޒަޔަނިސްޓު އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެވެ. ޔަހޫދީންގެ ކުރީގެ ދިފާޢީ ވަޒީރު ޔޮއާވް ގަލާންތު ހައްޔަރު ކުރުމަށް ވެސް އައިސީސީން އޮތީ އަމުރު ކޮށްފައެވެ.
"ގެދޮރުން ބޭރުކޮށް، ނިކަމެތި ކޮށްލާފައިވާ [ޣައްޒާގެ] މީހުންނަށް ހިޔާވަހި ކަން ފޯރުކޮށް ދިނުމަށް އިސްރާއީލުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވޭ، އެ މީހުން ގެދޮރުން ބޭރު ކުރަމުން ދަނީ ސާފުތާހިރުކަމާއި، ޞިއްޙީ މިންގަނޑުތަކަށް ވެސް ބެލުމެއް ނެތި،" ޚީޠާނީ ވިދާޅުވިއެވެ. އދން ބުނީ، އަމިއްލަ ވަޒަން ދޫކޮށް އެހެން ސަރަޙައްދުތަކަށް ބަދަލުވުމަށް ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ޔަހޫދީ ފައުޖުން މަޖުބޫރު ކުރުވާފައިވާ ކަމުގައެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ދަނީ އެ ސަހަރުގެ ދެކުނުގައި އޮތް ރަފަޙާއި، އައްސޭރިފަށުގައި އޮތް އަލް-މަވާސީއަށް ދިޔުމަށް މަސައްކަތް ކުރަމުންނެވެ.
"ޣައްޒާގެ ޢާންމު ރައްޔިތުންނަށް އެހެން ސަރަޙައްދުތަކަށް ދަތުރު ކުރުމަށް މަޖުބޫރުކޮށް، އެ މީހުންނަށް ދިރިއުޅެވޭނެ ބިންކޮޅު ކުޑަ ކުރަމުން ދިޔުމަކީ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް،" ޚީޠާނީ ވިދާޅުވިއެވެ. މާރިޗު 18ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޣައްޒާއިން 855 މީހުން ޝަހީދު ކޮށްލާފައިވާ ކަން އދން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި، 1,869 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ވެސް އދން ބުންޏެވެ.