ޚަބަރު

ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި


  • ޤައުމީ ޚިދުމަތުގައި ފުލުހުން އަދާކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރައްވާކަމަށް ވިދާޅުވި

ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ފުލުހުންނަށް ފޮނުއްވައިފިއެވެ.

ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާވަނީ ޤައުމީ ޚިދުމަތުގައި ރެޔާއި ދުވާލު ދިވެހި ފުލުހުން ޒިންމާދާރުކަމާއެކު ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާ ދިވެހި ފުލުހުންނަށާއި އާއިލާތަކަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް ރަސްމީގޮތުން ފެށިފައިވަނީ 1933 ވަނަ އަހަރުއެވެ. އެއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީ އެކުލަވާލައި، އެޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތަށް އޭރު ހުންނެވި ރަދުން އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި 1933 ވަނަ އަހަރު މާރޗް 29 ވަނަ ދުވަހުއެވެ.

ފުލުހުންގެ ޚިދުމަތް ސިފައިންގެ ޚިދުމަތާއެކު އެއް މުއައްސަސާއެއްގެ ދަށުން ދެމުން އައިސް ސިފައިންނާއި ފުލުހުންގެ ޚިދުމަތް ވަކި ޚިދުމަތެއްގެ ގޮތުގައި ދޭން ސަރުކާރުން ހަމަޖެއްސީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ފުރަތަމަ ދުވަހުއެވެ.

އެއަށްފަހު ފުލުހުންގެ މުޢައްސަސާއަށް މުހިންމު ހެޔޮ ބަދަލުތަކެއް ގެނެސް ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ޒަމާނީ ބަދަލުތައް އަންނަނީ ގެންނަމުންނެވެ.

މި ސަރުކާރުން ދަނީ ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިދައުރުގެ މިވީ ދުވަސްކޮޅުތެރޭގައި މިހާތަނަށް ގާތްގަނޑަކަށް 28 ޕޮލިސް ޕޯސްޓް ވަނީ ހުޅުވާފައެވެ. އަދި މި ހިނގާ މާރިޗު މަހުގެ 27 ވަނަ ދުވަހުވެސް ވަނީ ފުލުހުންގެ މަރުކަޒު ބިނާކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ މަޝްރޫޢުގެ ދަށުން އެމްޓީސީސީން 21 ރަށެއްގައި، އާރުޑީސީން 21 ރަށެއްގައި އަދި ފެނަކައިން 41 ރަށެއްގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއެކު ޖުމުލަ 83 ރަށެއްގައި ފުލުހުންގެ މަރުކަޒު ޤާއިމުކުރެވިގެންދާނެއެވެ.

މީގެ އިތުރުން ދިވެހި ފުލުހުންގެ ޤާބިލިއްޔަތު އިތުރުކުރުމުގެ ގޮތުން، އެ އިދާރާއަށް ބޭނުންވާ ފަންނީ އަދި ތަޢުލީމީ ވަޞީލަތްތައް އިތުރުކުރުމުގެ ގިނަ މަސައްކަތްތައް މިހާތަނަށްވަނީ ކުރައްވާފައެވެ.