ޚަބަރު

މިޔަންމާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 150އަށް


މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ޤައުމުގައި މަރުވި މީހުންގެ ޢަދަދު 150އަށް އަރައިފިއެވެ.

ބިމުގެ ސަތަހައަށް އަންނަ ލޮޅުންތައް ދިރާސާ ކުރާ ޔޫއެސް ޖިޔޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސު)ން ބުނީ، މިޔަންމާގެ މެދުތެރޭގެ ސަރަޙައްދުތަކަށް އައިސްފައިވާ ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 7.7ގައި ކަމަށެވެ. ޔޫއެސްޖީއެސުން ބުނީ ބިންހެލުމުގެ ފުރަތަމަ ލޮޅުންތައް އައިސްފައި ވަނީ މިޔަންމާގެ ސައްގާއީ ސަރަޙައްދުގެ 16 ކިލޯމީޓަރު ހުޅަނގުއުތުރަށް ކަމަށެވެ. އަދި، ބިމުގެ ސަތަހައިގެ 10 ކިލޯމީޓަރު އަޑިއަށް ކަމަށެވެ.

ބިންހެލުމާ ގުޅިގެން މިޔަންމާއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ އެ ޤައުމުގެ ދެވަނައަށް އެންމެ ބޮޑު ސީޓީ ކަމަށްވާ މަންދަލީއަށެވެ. އެ ސިޓީ އޮންނަނީ ބިންހެލުން އުފެދުނު ސަރަޙައްދާ ގާތްގަނޑަކަށް 17 ކިލޯމީޓަރު ދުރުގައެވެ. ބިންހެލުމުގެ ލޮޅުންތަކާ އެކު އެ ސަރަޙައްދުގެ ބުރިޖުތައް ވެއްޓި، ފަސް ރަށަކުން ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓިފައިވާ ކަމަށް އެ ޤައުމުގެ އިދާރާތަކުން ބުނެއެެވެ. ބިންހެލުމުގެ ސަބަބުން މުޅި ސިޓީއަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު އެ ސިޓީގެ އެއް އަވަށް ކަމަށްވާ ސޭން ޕޭންގައި ވަނީ އަލިފާން ރޯވެފައެވެ.

ބިންހެލުމާ ގުޅިގެން މިޔަންމާގެ އަސްކަރީ ސަރުކާރުން ވަނީ ކުއްލި ޙާލަތު އިޢުލާނު ކޮށްފައެވެ. ބިންހެލުމުގެ ސަބަބުން މިޔަންމާގައި މިހާތަނަށް 144 މީހުން މަރުވެފައިވާއިރު 732 މީހުންނަށް ވަނީ ބޮޑެތި ޒަޚަމްތައް ވެފައެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ މީހަކު ބުނީ މިޔަންމާގެ ވެރިރަށް ނޭޕިއަޑައު ކައިރީގައި އޮންނަ ޕްޔަންމާނާއިން ވެސް މިހާތަނަށް 60 މީހުން މަރުވެފައިވާ ކަމަށާއި އަދި ވެސް ގިނަ ޢަދަދެއްގެ މީހުން އިމާރާތްތަކުގެ ދަށުވެފައިވާ ކަމަށެވެ. އެއީ ހަމައެކަނި އޭނާ މަސައްކަތް ކުރާ ޓީމަށް މިހާތަނަށް ފެނިފައިވާ ހަށިގަނޑުގެ ޢަަދަދު ކަމަށް އޭނާ ބުންޏެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ވަނީ މަރުވެފައިވާ މީހުންގެ ޢަދަދު އަދި ވެސް އިތުރުވާނެ ކަމަށާއި އަނިޔާވެފައިވާ މީހުުންގެ ޢަދަދު ވެސް އިތުރު ވާނެ ކަމަށް ބުނެފައެވެ. އަސްކަރިއްޔާގެ ވެރިޔާ ވަނީ މިޔަންމާއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ޤައުމުތަކުން އެ ޤައުމަށް އެހީތެރިވުމަށް ދައުވަތު ދީފައެވެ. ބައިނަލްއަޤްވާމީ އެހީ ބަލައިގަނެވޭނެ އިންތިޒާމް ހަމަޖައްސާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިޔަންމާއަށް އައި ބިންހެލުމުގެ އަސަރު މިޔަންމާއާ އިންވެގެން އޮންނަ ތައިލެންޑުގެ ވެެރިރަށް ބެންގކޮކަށް ވެސް ކޮށްފައި ވެއެވެ. ބާރުގަދަ ބިންހެލުމުގައި ބެންގކޮކުގައި ބިނާ ކުރަމުންދިޔަ އުސް އިމާރާތެއް ވަނީ ބިމާ ހަމަވެފައެވެ. ބެންގކޮކުގައި މިހާތަނަށް ނުވަ މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން އަށް މީހުންނަކީ އެ އިމާރާތުގެ މަސައްކަތުގައި އުޅުނު މީހުންނެވެ. އެ ސަރަޙައްދުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެ ސައިޓުގައި ތިބި 100އަށްވުރެ މީހުން މިހާތަނަށް ހޯދިފައެއް ނުވެއެވެ.