ކުޅިވަރު

ވަޒީރު ރާފިޢު ހަނދާންކޮށްދެއްވީ ސާންތީ ވަކިވުމުގެ ކުރިން ހިއްސާކުރި މެސެޖު


މަރުހޫމް އިޙްސާން ޢަބްދުލްޣަނީ (ސާންތީ) ވަކިވެދިޔުމުގެ ކުރިން ހިއްސާކުރި މެސެޖަކީ ރާއްޖޭގެ ފުޓްބޯޅަ އާއިލާއިން ފެންނަން ބޭނުންވަނީ އެންމެން އެކަތިގަނޑެއްގެ ގޮތުގައި އެންމެން ގުޅިގެން މަސައްކަތް ކުރާތަން ފެނުން ކަމަށާއި، އެހެންކަމުން ފުޓްބޯޅަ އާއިލާ އަތުގުޅާލައިގެން ތިބީ ގުޅިގެން މަސައްކަތްކުރުމަށް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސާންތީގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވުމަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ސާންތީގެ އެބަސްތައް ހަނދާން އައުވެގެންދިޔައީ މި ފަދަ މުހިންމު ރަސްމިޔާތަކުން ފުޓްބޯޅައިގެ އާއިލާގެ ގިނަ މެންބަރުން ފެނުމުން ކަމަށެވެ. ސާންތީ ކޯޗު ނިޔާވުމަކީ ރާއްޖޭގެ ފުޓްބޯޅަ އާއި ކުޅިވަރަށް ލިބިގެންދިޔަ ހީނަރުކަމެއް ކަމަށާއި، އަދި މިއީ ދިވެހި ފުޓްބޯޅަށް ލިބިގެންދިޔަ ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށް ވިދާޅުވިއެވެ. އޭގެ އެންމެ މުހިންމު ސަބަބަކީ ސާންތީ ކޯޗު މުޅިއުމުރުގައި ފުޓްބޯޅައަށް ކުރި ޚިދުމަތާއި, ކޯޗުގެ ތަޖުރިބާ އާއި، ކޯޗުގެ ހުނަރު ބޭނުންކޮށްގެން ކުޅުންތެރިން އުފައްދައި އަދި ކޯޗުން އުފައްދަން ކުރި މަސައްކަތް ކަމަށްވެސް ވިދާޅުވއެވެ. އަދި ސާންތީ ކޯޗު ވަކިގެންދިޔައީ ކޯޗުންގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުންދަނިކޮށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ކޯޗު އެންމެ ފަހުން އަޅުގަނޑުމެންނަށް ދިން މެސެޖު، ކޯޗު އެދެނީ އަޅުގަނޑުމެން ގުޅިގެން މަސައްކަތްކުރުން، ފުޓްބޯޅައިގެ ކަންތަކުގައިވެސް އަދި ކުޅިވަރުގެ ކަންތަކުގައިވެސް ކުރިއަށް ގެންދިޔުމައްޓަކައި. ހަމަ އެބަސް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް، އަޅުގަނޑުމެން އެންމެ މިތަނުގައި މިތިބީ އެންމެ އަތުގުޅާލައިގެން އެންމެން އެކުއެކީގައި، އެއް އާއިލާއެއް ގޮތުގައި." ރާފިއު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސާންތި ހަނދާނުގައި ކުރެވެން އޮތްކަމަކީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއަށް އޮތް މުސްތަގުބަލަށް ފެންނަން ހުންނާނެ ގޮތަކަށް އިހުސާސްތަކާއި، ކޯޗާ މެދު ދެކޭގޮތް އަދި ހެޔޮ ދުއާތައް ތާރީޚައްޓަކައި ތައުޒިޔާގެ ދަފުތަރުގައި ލިޔެވިގެންދިޔުން ކަމަށެވެ. އަދި ސާންތީގެ އާއިލާއާއެކު އެ އިރުޝާދުގެ ދަށުން ދެވިހި ފުޓްބޯޅަ އާއިލާ އަބަދުވެސް ދެމި އޮންނާނީ އެންމެން އެކުއެކީގައި ގުޅިގެން މަސައްކަތް ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ސާންތީގެ ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރުން މި މަހުގެ 30 ގެ ނިޔަލަށް ހެންވޭރު ދަނޑުގައި ކުރިއަށްދާއިރު އީދު ބަންދަށްފަހު އަންނަ މަހުގެ 10 ގެ ނިޔަލަށް ރަސްމީ ގަޑީގައި، ކުޅިވަރާ ބެހޭ ވުޒާރާގައި ތައުޒިޔާ ދަފުތަރުގައި ސޮއިކުރުން އޮންނާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއްވައެވެ. ކުޅިވަރު ވުޒާރާއިން އިންތިޒާމުކުރި ރަސްމިއްޔާތުގައި ފުޓްބޯޅައިގެ ގިނަ ފަރާތްތަކެއް ވަނީ ބައިވެރިވެފައެވެ. އަދި މީގެ އިތުރުން ސާންތީގެ އާއިލާގެ މެންބަރުންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

މީގެ ދެ އަހަރު ދުވަހުގެ ކުރިން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ސާންތީ ނިޔާވީ ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހުގެރެއެވެ. އޭނާގެ ޖަނާޒާ ބޭއްވީ އާދިއްތަ ދުވަހު މެންދުރުފަހުއެވެ.