ޚަބަރު

ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރި 300 މީހެއްގެ ވިސާ ބާޠިލުކޮށްފި


އެމެރިކާގެ ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނާއި، އެ ޤައުމަށް ޒިޔާރަތް ކުރަމުންދާ މީހުންގެ ތެރެއިން ފަލަސްޠީނުގެ ޙައްޤުތަކަށް ވަކާލާތުކޮށް އަޑުއުފުލާ ބޭރު ޤައުމުތަކުގެ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައިވާނެ ކަމުގައި ވިދާޅުވެ، އެ ފަދަ 300އެއްހާ މީހެއްގެ ވިސާ ބާޠިލު ކޮށްފައިވާނެ ކަން ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ހާމަކުރައްވައިފިއެވެ. އޭނާ މި މޭރުމުން އިންޒާރު ދެއްވާފައި މި ވަނީ، މެސެޗުސެޓްސްގެ ޓަފްޓްސް ޔުނިވަރިސިޓީގައި މަތީ ތަޢުލީމު ހާސިލު ކުރަމުންދިޔަ ތުރުކީވިލާތުގެ ދަރިވަރަކު ހައްޔަރުކޮށް، އޭނާގެ ވިސާ ބާޠިލު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

"
އެ ފަދަ 'ސިކުންޑި ހަމަނުޖެހޭ މޮޔަކެއް' ފެންނަ ކޮންމެ ފަހަރަކު، ސީދާ އަޅުގަނޑު މި ދަނީ އެ މީހެއްގެ ވިސާ އަތުލަމުން،"
މާކޯ ރޫބިޔޯ، އެމެރިކާގެ ޚާރިޖީ ވަޒީރު

ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތު ކުރަމުންދާ ދަރިވަރުންނަކީ "ސިކުނޑި ހަމަނުޖެހޭ މޮޔައިންތަކެއްގެ" ގޮތުގައި ރޫބިޔޯ ސިފަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ ފަދަ "މޮޔައިން" ހޯދައި، އެ މީހުންގެ ވިސާ ބާޠިލު ކުރުމަށް ޚާރިޖީ ވުޒާރާއިން ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމުގައެވެ. ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކޮށްދިނުމަށް ގޮވައިލައި އެއްވެސް މީހަކު އަޑުއުފުލުމަކީ އޭނާއަށް ހަޖަކު ކުރެއްވޭނެ އަމަލެއް ނޫނެވެ.

މެސެޗުސެޓްސްގެ ސަމަރވިލްގައި ހައްޔަރު ކޮށްފައި ވަނީ ރުމަޔިސާ އޮޒްތުރްކް ކިޔާ ދަރިވަރެކެވެ. އޭނާގެ ކުށަކީ، ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުތަކަށް ވަކާލާތު ކުރުމެވެ. އަދި، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅަށް އަޑުއުފުލުމެވެ. އޮޒްތުރްކަކީ، ފަލަސްޠީނުގެ ޙައްޤުތަކަށް އަޑުފުލާ މީހުން ހޯދައި، ހައްޔަރު ކުރުމަށް ރައީސް ޓްރަމްޕްގެ އަމުރަށް ފަށާފައިވާ އޮޕަރޭޝަންގެ ދަށުން އެންމެ ފަހުން ހައްޔަރު ކޮށްފައިވާ ދަރިވަރެވެ.

"އެ [ހައްޔަރުކޮށް ވިސާ ބާޠިލު ކޮށްފައިވާ މީހުންގެ] އަދަދު މިހާރު 300އަށްވުރެ މައްޗަށް އުފުލިދާނެ. އަޅުގަނޑުމެން ކޮންމެ ދުވަހަކު ވެސް މި ދަނީ އެ ކަން ކުރަމުން. އެ ފަދަ 'ސިކުންޑި ހަމަނުޖެހޭ މޮޔަކެއް' ފެންނަ ކޮންމެ ފަހަރަކު، ސީދާ އަޅުގަނޑު މި ދަނީ އެ މީހެއްގެ ވިސާ އަތުލަމުން،" ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުތަކަށް ވަކާލާތުކޮށް އަޑުއުފުލާ ދަރިވަރުންނާ ދެކޮޅަށް ޓްރަމްޕްގެ އަމުރަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރޫބިޔޯ ވިދާޅުވިއެވެ.

އެމެރިކާއަށް ޒިޔާރަތް ކުރާ މީހުންގެ ވިސާ ވެސް ބާޠިލު ކުރަނީ

ވިސާ ބާޠިލު ކޮށްފައިވާ މީހުންގެ ތެރޭގައި އެމެރިކާގެ ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންގެ އިތުރުން، އެ ޤައުމަށް ޒިޔާރަތް ކުރުމަށް ވިސާ ދޫކޮށްފައިވާ މީހުން ހިމެނޭ ކަމުގައި ވެސް ރޫބިޔޯ ވިދާޅުވިއެވެ. "އަޅުގަނޑުގެ އުންމީދަކީ، ފިޔަވަޅު އެޅޭނެ އެ ފަދަ ހުރިހާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅައި ނިންމުން، ނަމަވެސް ކޮންމެ ދުވަހަކު ވެސް އަޅުގަނޑުމެން މި ދަނީ އެ 'މޮޔައިންތައް' ހޯދުމަށް މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވިއެވެ.

އޮޒްތުރްކްގެ ވިސާ ބާޠިލު ކޮށްފައިވާ ސަބަބު ބަޔާން ކުރުމަށް ރޫބިޔޯގެ ޚާރިޖީ ވުޒާރާއިން ވަނީ ދެކޮޅު ހަދާފައެވެ. ފަލަސްޠީނުގެ ޙައްޤުތަކަށް ވަކާލާތުކޮށް އަޑުއުފުލާ އެހެން ދަރިވަރުން ހޯދައި، އެ މީހުންނާ ދެކޮޅަށް ވެސް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގައި ވިދާޅުވެ، ރޫބިޔޯ ވަނީ އިންޒާރު ދެއްވާފައެވެ. އެ ފަދަ އެއްވެސް ހަރަކާތެއްގައި އޮޒްތުރްކް ބައިވެރިވެފައިވާ ކަން އެމެރިކާއިން ސާފުކޮށްދީފައެއް ނެތެވެ. އޮޒްތުރްކުގެ ބަންދުގެ އަމުރު އިސްތިޢުނާފު ކުރުމަށް ހުށަހަޅާފައިވާ ކަން އޭނާގެ ޤާނޫނީ ވަކީލު މަހްސާ ޚަންބާބާއީ ހާމަކުރެއްވިއެވެ.

އޮޒްތުރްކަކީ ފުލްބްރައިޓް ސްކޮލަރޝިޕެއްގެ ދަށުން ޗައިލްޑް ސްޓަޑީ އެންޑް ހިޔުމަން ޑިވެލޮޕްމަންޓްގެ ދާއިރާއިން ޑޮކްޓޯރަލް ޑިގްރީގެ ފެންވަރަށް ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރު ކޮށްފައި ވަނީ، އޭނާ ލިޔެފައިވާ މަޒުމޫނެއް ޓަފްޓްސް ޔުނިވަރސިޓީގައި ދުވަހުނޫހުގައި ޝާއިޢު ކުރުމާ ގުޅިގެންނެވެ.

އެމެރިކާގެ ޔުނިވަރސިޓީތަކުން ޔަހޫދީންނާ އެކު ބާއްވަމުންދާ ގުޅުންތައް ކަނޑައިލުމަށް ގޮވައިލައި އަޑުއުފުލާފައިވާ ދަރިވަރުންނާ މެދު ޓަފްޓްސް ޔުނިވަރިސިޓީން އަމަލު ކޮށްފައިވާ ގޮތަށް އެ މަޒުމޫނުގައި އޮޒްތުރްކު ފާޑުކިޔައި، ލިޔެފައިވެއެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން 'ޤަތުލުޢާންމެއް' ހިންގަމުންދާ ކަން ބަލައިގަތުމަށް ވެސް އޭނާ ގޮވައިލާފައިވެއެވެ.

އޮޒްތުރްކް ހައްޔަރު ކޮށްފައިވާ މައްސަލައިގައި އެމެރިކާގެ ފެޑެރަލް ކޯޓަކުން ވަނީ އެ ޤައުމުގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓް (ޔޫއެސް އައިސް)ގެ މައްޗަށް ވަގުތީ އަމުރެއް ކޮށްފައެވެ. އެ އަމުރުގައި އޮތީ، މެސެޗުސެޓްސުން އޮޒްތުރްކް ބޭރަށް ގެންދިޔުމުގެ 48 ގަޑިއިރުގެ ކުރިން، އެ ކަމުގެ މަޢުލޫމާތު ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމުގައެވެ. އެ ޙުކުމާ ގުޅިގެން އެމެރިކާގެ ޝަރުޢީ އިދާރާއިން ބުނީ، އޮޒްތުރްކް ހައްޔަރު ކޮށްފައި ވަނީ މެސެޗުސެޓްސްގެ ބޭރުން ކަމަށް ބުނެފައެވެ. "އޭނާ [އޮޒްތުރްކް] ހައްޔަރު ކޮށްފައި ވަނީ ޚިޔާލު ފާޅުކުރުމުގެ މިިނިވަން ކަމުގެ ޙައްޤުގެ ބޭނުން ހިފުމުން،" އޭނާގެ ޤާނޫނީ ވަކީލު ޚަންބާބާއީ ވިދާޅުވިއެވެ.