ޚަބަރު

ދީނީ ކަންކަމަށް އިސްކަންދޭ ޒުވާން ޖީލެއް ބިނާކުރުން، އެންމެ ބޮޑު އިންވެސްޓްމަންޓު


  • ހާފިޡުން ދަސްވެނިވުމަށް ފުރަތަމަފަހަރަށް ޚާއްޞަ ރަސްމިއްޔާތެއް

  • ޙާފިޡުންނަށް ދޭ އެލަވެންސް ބޮޑުކުރުމަށް ވަނީ ނިންމާފައި

  • ޙާފިޡުކަމުގެ ސަނަދު އެމްކިއުއޭ ގަބޫލުކުރާ ސަނަދަކަށް

ކީރިތި ޤުރްއާން ހިތުދަސްކޮށްފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލްގެ ނަމުގައި ޚާއްސަ މެޑަލްއެއް ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ. އެ މެޑަލް ދެމުން އައިސްފައިވަނީ ކީރިތި ޤުރުއާން ކިޔެވުމަށާއި ހިތުދަސްކުރުމަށް ބާރު އެޅުމުގެ ގޮތުންނާއި، ކީރިތި ޤުރުއާން ހިތުދަސްވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

މި މެޑަލް އެންމެ ފުރަތަމަ ދެއްވާފައިވަނީ 2014 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައެވެ. އޭރު އެ މެޑަލް ހާސިލްކުރީ 3 ޙާފިޡެކެވެ. އޭގެ ފަހުން ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ކޮންމެ އަހަރަކުވެސް ޚާއްސަ މެޑަލް ދެއްވަމުން ގެންދެވިއެވެ. ނަމަވެސް 2020 ވަނަ އަހަރު މެޑަލް ދިނުމުގެ އޫޞުލަށް ބަދަލުގެންނަވާ ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ ތެރެއިން %85 މާކްސް ލިބިގެން 1 ވަނަ ދަރަޖައިގައި ފާސްވާ ހާފިޡުންނަށް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މެޑަލް ދެއްވުމަށް ނިންމެވިއެވެ. އަދި 2 ވަނަ އަދި 3 ވަނަ ދަރަޖައިގައި ފާސްވާ ހާފިޡުންނަށް ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި އެ މެޑަލް ދިނުމަށް އޭރުގެ ސަރުކާރުން ނިންމެވިއެވެ.

މިއީ ކީރިތި ޤުރުއާން ހިތުދަސްކުރަ ކުދިންގެ މެދުގައި ކުރެވޭ ތަފާތުކުރުމެއްގެގޮތުގައި ބައެއް ފަރަތްތަކުން ދެކެވެ.

ނަމަވެސް މިދިޔަ އަހަރުން ފެށިގެން ދަރަޖަ ތަފާތުކުރުމެއް ނެތި ހުރިހާ ހާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވިއެވެ. މިއީ އެއްވެސް ޙާފިޡެއްގެ މެދުގައި ތަފާތުކުރުން ނެތްކަން ހާމަވެގެންދިޔަ ކަމެކެވެ.

ފުރަތަމަ ފަހަރަށް ޙާފިޒުން ދަސްވެނިނިމުމަށް ޚާއްޞަ ރަސްމިއްޔަތެއް

ފާއިތުވި ދިހަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކީރިތި ޤުރުއާން ހިތުދަސް ފަރާތްތަކަށް މެޑަލް ދެމުން އައިސްފައިވަނީ އެކި ދުވަސްތައް ފާހަގަކުރުމަށް ބެއްވި އެކިއެކި ރަސްމިއްޔާތުތަކުގައެވެ. މަތީ ތަޢުލީމާއި އެހެނިހެން ސަނަދުތައް ޙާސިލްކުރާ ފަރާތްތަކަށް ދަސްވެނިވުމަށް ވަކިން ހަފްލާތަކާއި ރަސްމިއްޔާތުތައް ބާއްވަމުން އައިސްފައިވެއެވެ. ނަމަވެސް ސައްތައިންސައްތަ އިސްލާމީ ޤައުމެއްގައި، ކީރިތި ޤުރުއާން ހިތުދަސްކުރުން ފާހަގަ ނުކުރެވެންވީ ސަބަބެއް ނެތެވެ. އެއީ މާތް އަދި މަތިވެރިވެގެންވާ ސަނަދެކެވެ.

ނަމަވެސް އަދުގެ ސަރުކާރުގެ އެންމެ ފަޚުރުވެރި އަދި މަތިވެރި ޒިންމާއަކީ އިސްލާމްދީނަށް ނަޞްރުދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ދުނިޔޭގެ އިސްލާމީ އެހެން ޤައުމުތަކުގައިވެސް ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުން ދަސްވެނިވުމަށް ޚައްޞަ ބޮޑެތި ރަސްމިއްޔާތުތައް ބާއްވަމުން ގެންދަވައެވެ.

ކޮންމެއަކަސް ސަރުކާރުން މިވަނީ ކީރިތި ޢުރުއާނުގެ ޢިލްމު ފުޅާކޮށް ކުރިއެރުވުމަށް އިސްކަންދެއްވާކަން ސާބިތުކޮށްދެއްވާފައެވެ. ފުރަތަމަ ފަހަރަށް ޙާފިޡުން ދަސްވެނިވުމަށް ބޭއްވި ރަސްމިއްޔާތާއެކު ޙާފިޡުންނަށް ލިބިގެންދިޔައީ ފަޚުރަކާއި ޝަރަފެކެވެ. މިއީ ފެށުމެކެވެ. ސަރުކާރުން ނިންމަވާފައިވަނީ އެގޮތުން ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ 27 ވިލޭރެ ހާފިޡުންގެ ދަސްވެނިމުމަށް ޚާއްސަ އަދި ކުލަގަދަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމަވާފައެވެ. މިދިޔަ ބުދަދުވަހުގެ ރޭ ބޭއްވި ހާފިޒުންގެ ދަސްވެނިމުމުގެ ރަސްމިއްޔާތުގައި 24 ހާފިޒަކު ދަސްވެނިމިފައިވެއެވެ. މީގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. 18 އަހަރު ނުފުރޭ ސްކޫލް ތަޢުލީމު މަރުހަލާގެ ކުދިންވެސް އެހާމެ ގިނައެވެ. މިއީ ދީނީ ޢިލްމު ފުޅާކުރުމަށް މުސްތަޤްބަލަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ.

މީގެ ކުރިން ކީރިތި ޤުރުއާން ހިތުދަސް ކުރާ ފަރާތްތަކަށް މެޑަލް ދޭ ޖަލްސާތަކުގައި އެފަރާތްތަކުން ވަކި ޚާއްސަ ހެދުމެއް ނުލައެވެ. އެހެންނަމަވެސް މިފަހަރުގެ ޖަލްސާއިން ފެނުނީ ހާފިޡުންނަށް ޚާއްސަ ގައުނެއް ތުރުކުރައްވައިގެން ތިއްބެވި މަންޒަރެވެެ.

އެއީ މާލޭ ހުކުރު މިސްކިތުގެ ހިތްގައިމު ޑިޒައިންތައް ހިމެނޭހެން ނުލާއި ރަންކުލައިން ފަރުމާކޮށްފައިވާ ގައުންއެކެވެ. އެ ގައުނުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚާއި ސަޤާފަތާއި ދިވެހިންގެ މެދުގައިވާ އިސްލާމީ އުޚުއްވަތްތެރިކަމެވެ. މި ގައުން ދަސްވެނިމުމުގެ ރަސްމިއްޔާތުގައި ލުމުގެ އިތުރަށް ގައުންއާއި، ތާކިހާ ވަކި އުޞޫލެއްގެ ދަށުން މިލްކުކުރުމުގެ ފުރުޞަތުތައްވެސް އެބައޮތެވެ.

ވުމާއެކު ކޮންމެ ތަނަކުން މީހަކު އެ ގައުން ނުވަތަ ތާކިހާ ތުރުކުރައްވައިގެން ފެނިއްޖެނަމަ އެއީ ޙާފިޡެއްކަން އެނގޭނެއެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް އިތުރުކުރުމަށް ޚާއްސަ ސަމާލުކަމެއް

ސަރުކާރުގެ ސިޔާސަތަކީ ހުރިހާ އެންމެންގެ ބައިވެރިވުމާއެކު ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް އިތުރުކުރުމެވެ. އެކަން ފުރަތަމަ ފަހަރަށް ބޭއްވި ހާފިޡުން ދަސްވެނިމުމުގެ ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަކޮށްދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުގެ އެންމެ ފަޚުރުވެރި، މަތިވެރި ޒިންމާއެއް ގޮތުގައި ދެކެނީ އަދި ޢަމަލީގޮތުންވެސް ކަންކަން ބައްޓަންވެފައި އޮންނާނީ އިސްލާމްދީނަށް ނަޞްރު ދިނުމުގައިކަމަށެވެ. އަދި އެއަށްވުރެ އިސްކަންދޭނެ ސިޔާސަތެއް މި ސަރުކާރަކު ނޯންނާނެކަން ރައީސް ވިދާޅުވިއެވެ.

މިދިޔަ ދުވަސްތަކުގައި ކީރިތި ޤުރުއާން ދަސްކޮށްދީ އުނގަންނައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތްތަނުގައިވެސް ކުރައްވާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ފިކުރީ އަދި ހުރިހާ މާނައެއްގައިވެސް މުހިންމު އިންވެސްޓްމަންޓަކަށް ހެދުމަށް ކީރިތި ޤުރްއާނާބެހޭ ޚާއްޞަ ވަޤުފް އިމާރާތެއް އެޅުމަށް ނިންމަވައި ވަނީ ބިންވެސް ހަމަޖއްސަވާފައެވެ.

"އަޅުގަނޑުމެންގެ ކޮންމެ ދުވަހެއްގެ، ކޮންމެ ވަގުތެއްގެވެސް ޢަމަލީގޮތުން އަޅުގަނޑުމެންގެ ކަންކަން ބައްޓަންކުރުމުގައި ބޭނުންކުރާ އެއްޗަކީ ކީރިތި ޤުރްއާން ކަމުގައި ހެދުން އެއީ، އަޅުގަނޑުމެންގެ ޙަޤީޤީ ވިސްނުމަކަށް ވާންޖެހޭނީ. ދަސްކޮށްފައި، ހިތުދަސްކޮށްފައި، އެހިސާބުން ނިންމައެއްނުލެވޭނެ. ނޫނީވިއްޔާ ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުން، އެވަރަކުން ނިންމައެއްނުލެވޭނެ. އަޅުގަނޑުމެންގެ ގައިޑް ބުކަކީ، އަޅުގަނޑުމެން ޢަމަލީގޮތުން ކަންކަން ކުރާއިރު، ކަންކަން ކުރަންވީގޮތް ބަލައި، ކަންކަން ކުރަންވީގޮތް ދަސްކުރާ ފޮތަކަށްވާންވީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ދެއްވާފައި މިއޮތް ކީރިތި ޤުރްއާން. އެއީ، ޕްރެކްޓިކަލް ފޮތެއް، ޢަމަލީ ފޮތެއް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ޙާފިޒުންނަށްދޭ ސަނަދު އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް

ޙާފިޒުންނަށް ދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓްއެއްގެ ގޮތުގައި ޙާފިޡުކަމުގެ ސަނަދު ބަލައިގަތުމަށް ވަނީ ނިންމާފައެވެ.

ޙާފިޡުންނަށް ސަނަދު ހަވާލުކުރުމުގެ ޒިންމާ މަތިވެފައި އޮންނަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ދަށުން ހިންގާ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށެވެ. އެގޮތުން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި ރަޖިސްޓަރީކޮށްގެން ހިންގާ، ޤުރްއާން ހިތުދަސްކޮށްދޭ ކުލާހެއްގެ ދަރިވަރަކު ޙާފިޡުކަމުގެ އިމްތިޙާނު ހެދުމަށް އެދި، ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ކަނޑައަޅައިފައިވާ ކޮމިޓީއަށް ހުށަހެޅުމުން، އެ ދަރިވަރަކު އިމްތިޙާނު ކޮށްދެއެވެ. އިމްތިހާނަށްފަހު ހާފިޡުކަމުގެ ސަނަދުދެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމުން ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް ސަނަދު ދެވޭނީ މީގެކުރިން ޤުރުއާނާބެހޭ މަރުކަޒުގެ އިމްތިޙާން ހެދުމަށްފަހުއެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމާ ހަވާލުވެ، ޙާފިޒުންނަށް ސަނަދު ދިނުމަށް އޮންނަ އުޞޫލަށް ބައެއް ބަދަލުތައް ގެނެސްފައިވެއެވެ. އެގޮތުން މިހާރު އައިޔޫއެމުން ޤުރުއާން ހިތުދަސްކުރާ ކުދިން، ދަސްވެނިމުމުން ޤުރުއާނާބެހޭ މަރުކަޒުގެ އިމްތިޙާން ނުހަދާ ސަނަދު ދެވޭގޮތަށް އުޞޫލު ވަނީ ބަދަލުކޮށްފައެވެ.

މީގެ އިތުރުން ރަށްރަށުގައި ތިބެގެން ޤުރުއާން ހިތު ދަސްކޮށް، މުރާޖައާކުރުމަށްފަހު ހަމައެކަނި އިމްތިހާން ހެދުމަށް މާލެ އަންނަ ގޮތަށްވެސް އުޞޫލު ވަނީ ބަދަލުކޮށްފައެވެ. މީގެކުރިން ޤުރުއާން މުރާޖައާކުރުމަށްވެސް އަންނަންޖެހޭނީ މާލެއަށެވެ.

މީގެ އިތުރުންވެސް ހާފިޡުންނަށް ދައުލަތުން ދޭ އިނާޔަތް ބޮޑުކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީވެސް ޤުރުއާން ހިތުދަސްކުރުމަށް ބާރުއެޅުމަށް ނިންމެވި ނިންމެވުމެކެވެ. އަދި ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ ޚައްޞަ ޕްރޮގްރާމެއްވެސް ސަރުކާރުންވަނީ ފަށްޓަވާފައެވެ.

މިއީވެސް ކީރިތި ޤުރުއާން ހިތު ދަސްކުރުމަށް ހިތްވަރު ދިނުމަށް ސަރުކާރުން ނިންމެވި މުހިންމު ނިންމެވުމެކެވެ. ޙާފިޡުންނަށް ލިބުނު އުފަލެކެވެ. އެހެންކަމުން މިހާރު މިފެންނަނީ ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކޮށް ފެތުރުމަށް ސަރުކާރުން ދެއްވާ އަހަމިއްޔަތުކަމެވެ.