ޚަބަރު

ޔަހޫދީންގެ ހުރަސްތަކަށް ގޮން ޖެހީ އަބޫ އަލް-ޢަމްގެ ސީދީ ޝައިބާން ބަދިގެ


އަބޫ އަލް-ޢަމްގެ ބަދިގޭގައި ދަރުމަވެރިއަކު ކާއެއްޗެހި ތައްޔާރު ކުރަނީ | ފޮޓޯ: އަލްޖަޒީރާ

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ރަށެއް ކަމަށްވާ ރާމަاللهގެ އާދައިގެ ހޮޓަލެއްގައި، ޣައްޒާއަށް ނިޞްބަތްވާ ގާތްގަނޑަކަށް 100އެއްހާ މީހުން މަޑުކޮށްލައިގެން ތިއްބެވެ. ދިގު މޭޒުތަކެއްގެ ދޮށުގައި އެ މީހުން މަޑުކޮށްލައިގެން އެ ތިބީ ރޯދަ ވިއްލުމަށެވެ. އެ މީހުންގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމާއި ހިތާމައެވެ. އެއް ބައެއްގެ އަތްފައެއް ނެތެވެ. އަނެއް ބަޔަކަށް އިށީނދެ އިނދެވެނީ ވެސް ބިމުގައި އަސާގަނޑު ވިއްދާ، އޭގެ ބާރުންނެެވެ. މަންމައިންނާއި ބައްޕައިންނާއި މާމައިންނާއި ކާފައިން އެ މީހުންގެ ބަލި ދަރީން ގޮނޑިތަކުގައި ބައިތިއްބައިގެން ތިބެއެވެ. އެ މީހުންނަށް އިޚްސާސް ކުރެވޭ ވަރުބަލިކަން ވަށައިގެންވާ އެންމެންނަށް ވެސް ފޯރާ ކަހަލައެވެ.

އަޙްމަދު އަބޫ އަލް-ޢަމްއާއި އޭނާއާއެކު މަސައްކަތްކުރާ ދަރުމަވެރިން މަސައްކަތް ކުރަމުން އެ ދަނީ މި އެންމެންނަށް ކާއެއްޗެހި ބެހުމަށެވެ. ކާއެއްޗެހި އަތުރާފައިވާ ޓްރޭތައް ގެނައުމުން، ލޮރީއަކުން އެ ބާލައި ރޯދަ ވިއްލަން އައިސް ތިބި މީހުންނަށް ބަހާލައެވެ. އެ ތަކެތި ގެނައީ 15 މިނިޓެއްހާއިރު ދުރުގައި ހުންނަ ބަދިގެއެއްގައި ކައްކައިގެންނެވެ. މިއީ އަބޫ އަލް-ޢަމް ބޭނުން ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ހިލޭ ކާބޯތަކެތި ފޯރުކޮށްދިނުމަށް 2002ވަނަ އަހަރުން ފެށިގެން ހިންގާ ސީދީ ޝައިބާން ބަދިގެއެވެ.

ޓްރޭތައް ބަހަމުން ދާއިރު ރޯދަ ވިއްލުމަށް އައިސްތިބި އެންމެންނަށް އެ ތައްޔާރު ކުރި ކާނާއިން ނުފުދިދާނެތީ އަބޫ އަލް-ޢަމް ކަންބޮޑުވެއެވެ. އޭނާ ބުނީ ވީހާ ވެސް ގިނަ ބަޔަކަށް ކެއުން ތައްޔާރު ކުރެވޭތޯ އޭނާ ބަލާ ކަމަށެވެ. ނަމަވެސް ކާބޯތަކެތި ތައްޔާރު ކުރެވޭ ޢަދަދު ބަރޯސާ ވަނީ އެ ކެއްކުމަށް ބޭނުންވާ ތަކެތި އެ ބަދިގެއަށް ހަދިޔާ ކުރާ މިންވަރުގެ މައްޗަށެވެ. ތިޔާގި ދުވަސްދުވަސް ވެސް އާދެއެވެ. އެދެވޭ މިންވަރަށް ނުލިބޭ ދުވަސްތައް ވެސް މަދެއް ނޫނެވެ.

ރޯދަ ވިއްލަން އައިސް ތިބި މީހުންގެ ތެރޭގައި އުމުރުން 36 އަހަރުގެ ޙަޔާ ނަހަލް ވެސް ހިމެނެއެވެ. ޣައްޒާއިން ހުޅަނގު އައްސޭރިއަށް އޭނާ އައީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށުމުގެ ދެ މަސް ކުރިންނެވެ. އޭނާ ރާމަاللهއަށް ދިޔައީ އުމުރުން 11 އަހަރުގެ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިފުޅު، ރަޣަދު ގޮވައިގެން، އޭނާއަށް ބޭނުންވާ ފަރުވާ ހޯދުމަށެވެ. ޙަޔާގެ ފިރިމީހާއާއި ފިރިހެން ދަރިފުޅު ތިބީ ޣައްޒާގައެވެ.

“އޭރުން ސުރެ އަހަރެން މި ހުރީ ޣައްޒާއަށް އަނބުރާ ނުދެވިފައި. ޣައްޒާގައި އަހަރެމެންގެ ދިރިއުޅުން ކިތަންމެ އުނދަގޫވި ނަމަވެސް އެއީ އަހަރެމެން އެ ތަނަކަށް ނިޞްބަތްވާ، އަހަރެމެންނަށް ލޮބުވެތި ވަޒަން. ރާމަاللهގައި އަހަރެމެންނަށް ބޯހިޔާވަހިކަން ލިބޭ. އަހަރެމެންނަށް އެހީތެރިވާނެ ހިތްހެޔޮ މީހުން ވެސް އެބަ ތިބި. އެކަމަކު.. މިއީ އަހަރެމެންގެ ގެއެއް ނޫން”، ވަރަށް ދެރަ ވެފައި ޙަޔާ ބުންޏެވެ.

އަބޫ އަލް-ޢަމްގެ ބަދިގޭގައި ތައްޔާރު ކޮށްފައިވާ ކެއުންތައް ބޭނުން ޖެހިފައިވާ ޢާންމުންނަށް ފޯރު ކޮށްދޭ | ފޮޓޯ: އަލްޖަޒީރާ

ޙަޔާ ކައިރީގައި އިށީނދެލައިގެން ދެން އިނީ، ޣައްޒާއަށް ނިޞްބަތްވާ އުމުރުން ދުވަސްވީ މާމައެކެވެ. އެއީ ލައިލާއެވެ. އެ މާމަ ރާމަاللهއަށް ދަތުރު ކުރީ، ކެންސަރު ޖެހިފައިވާ އޭނާގެ މާމަ ދަރިފުޅު، އާމިރާގެ ފަރުވާއަށެވެ. އާމިރާ ގޮވައިގެން ރާމަاللهއަށް އައުމުގެ ޙުއްދަ އާމިރާގެ މަންމައާއި ބައްޕައަށް ޔަހޫދީން ނުދިނެވެ. އެހެން ކަމުން އެ ކުއްޖާގެ ފަރުވާއަށް ރާމަاللهއަށް އަންނަން ޖެހުނީ އުމުރުން ދުވަސްވީ ބަލިކަށި މާމައެވެ.

‘އަހަރެމެން މި ތަނަށް އައީ ހަނގުރާމަ ފެށުމުގެ ހައެއްކަ މަސް ކުރިން. އުމުރުން އެންމެ 9 އަހަރުގައި އަހަރެންގެ މާމަ ދަރިފުޅު މި ދުނިޔެއާ އަލްވަދާޢު ކިއީ މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު. އަހަރެން މިތާ އުޅޭތާ މިހާރު ދެ އަހަރު ވަނީ.. އަހަރެންގެ ހިތް އެދެނީ ޣައްޒާއަށް އެނބުރި ދިޔުމަށް. އެކަމަކު ޣައްޒާއަށް އެނބުރި ދެވޭނެ ގޮތެއް ނެތް’، ހުދު ރުމާކޮޅަކުން ލޯ ފޮހެލަމުން ލައިލާ ކިޔައިދިނެވެ.

ރޯދަ ވިއްލާ ގަޑި ޖެހުނީއެވެ. އެންމެން ވެސް އެ މީހުންގެ އަމިއްލަ ޚިޔާލުތަކާއި ހަނދާންތަކަށް ގެއްލި ތިބެ ކާން ފަށައެވެ. އެމީހުންގެ ދުލު ކުރީގައި އޮތީ ޝުކުރުވެރިކަމުގެ ދުޢާއެކެވެ. އަބޫ އަލް-ޢާމްއާއި ދަރުމަވެރިން އެ ތިބީ އެ މީހުންގެ ޚިދުމަތުގައެވެ. ރޯދައަށް ތިބި ނަމަވެސް، އާދައިގެ މަތިން އަބޫ އަލް-ޢާމްއާއި އޭނާގެ ބައިވެރިން ކަނީ އެންމެނަށް ޚިދުމަތްކޮށް ނިމުމަށް ފަހު އެންމެ ފަހުންނެވެ.

އަބޫ އަލް-ޢަމްގެ ބަދިގެ

އަލް-ބިރާގައި ހުންނަ އަބޫ އަލް-ޢަމްގެ އެޕާޓުމަންޓުގެ ސިޓިންގ ރޫމާއި ބެލްކަނީގައި ހުރީ ކެކިކެކި ހުރި ބޮޑެތި ތެލިތަކެކެވެ. މި އެޕާޓްމަންޓުގައި މިހާރު މީހުން ދިރިއުޅޭ ގެއެއްގެ ގޮތުގައި ހަދާފައި ހުރި ތަނެއްގެ ސިފައެއް ނުޖަހައެވެ. އެ ތަނުގައި އަޅާފައި ހުރި ކާޕެޓުތަކާއި ސޯފާތައް ނަގައި، އޭގެ ބަދަލުގައި މިހާރު އެ ހުރީ އުނދުންތަކާއި ބޮޑެތި ތެލިތަކެވެ. އުމުރުން 43 އަހަރުގެ އަބޫ އަލް-ޢަމް ފަހަރަކު ތެއްޔެއް ކައިރިއަށް ގޮސް އޭގެ މަތި ނަގައި ހަލުވާލައެވެ.

އަބޫ އަލް-ޢަމް ކޮންމެ ތެއްޔެއްގެ މަތި ހިއްލައިލުމުން މުޅި ތަނަށް ހޫނު އާވިއާއި މީރު ވަސްގަނޑު ފެތުރިގެން ދެއެވެ. އެ ވަގުތު އެ ތަނުގައި އަބޫ އަލް-ޢަމްއާއެކު މަސައްކަތްކުރާ އެހެން މީހުން ކެއްކުމަށް ބޭނުން ކުރާ އެއްޗެހި ފަރިތަކަމާއެކު ކޮށަމުން ދެއެވެ. މިއަދު އެ ކައްކަނީ ސަނާމުގާއި ލޮނުމެދު އަޅައިގެން ތައްރާރު ކުރާ މީރު ބަތަކާއި ކަނބަޅި މަހާއި ކުކުޅު މަހެވެ. މަޣްރިބަށް ބަންގި ދޭން އަދި ލައްކަ ވަގުތު އެބަ އޮތެވެ. އިރުކޮޅަކުން ބަދިގެ ދޮށަށް މީހުން އަންނަން ފަށާނެއެވެ. އެއްބަޔަކު އެ ތަނަށް އަންނަނީ އެ ތާ ތިބެ ކޮންމެ ވެސް އެއްޗެއް ކާލުމަށެވެ. އަނެއް ބަޔަކު އަންނަނީ ކާއެއްޗެހި އަޅާފައިވާ ޓްރޭއެއް ގެއަށް ގެންދިޔުމަށެވެ. ދިގު މޭޒެއްގެ އެއް ކޮޅުން އަނެއް ކޮޅަށް އަތުރާފައި ހުރި ތަށިތައްޓަށް ކާއެއްޗެހި އަޅަން ފަށާނީ އިރުއޮއްސޭ ގަޑިއާ އަދި ތަންކޮޅެއް ކައިރި ކޮށްލައިފައެވެ.

އަބޫ އަލް-ޢަމްއަކީ ސަރުކާރުގައި މަސައްކަތްކުރާ ސިވިލް ސާވަންޓެކެވެ. ދެ ކުދިންގެ ބައްޕައެއްް ކަމަށްވާ އަލް-ޢަމް ބަދިގެ ހަދާފައި އެ ހުރި ގެޔަކީ އޭނާއަށް ވާރުތަވި ގެއެކެވެ. އެ ގޭގައި ބަދިގެ ހަދާފައި އޭނާއާއި އެނާގެ ޢާއިލާ ދިރިއުޅެނީ އެހެން ގެއެއްގައެވެ. އޭނާ ބުނީ އޭނާގެ ބަދިގެ ހިންގަނީ މީހުން ދޭ ދީލަތި އެހީއިން ކަމަށެވެ. ޢާންމުންނަށް ޚިދުމަތްތައް ފޯރު ކޮށްދިނުމުގައި އެއްވެސް މީހެއް އިސްތިސްނާއެއް ނުވެއެވެ. އަބޫ އަލް-ޢަމްގެ މަޤްސަދަކީ ވީހާ ވެސް ގިނަ ޢާއިލާތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމެވެ.

އަބޫ އަލް-ޢަމަށް މި ބަދިގެ ހެދުމުގެ ޚިޔާލު އައީ ދެވަނަ އިންތިފާދާގެ ދުވަސްވަރެވެ. ޔަހޫދީން ހުޅަނގު އައްސޭރި ވަށައިލުމުން ޙާލުގައި ޖެހިފައި ތިބި ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެ ވެސް ކަމެއް ކޮށްދިނުމަށް އޭނާ ބޭނުންވިއެވެ. 2000 އަހަރުތަކުގެ މެދުތެރޭގައި ދެވަނަ އިންތިފާދާ ނިމުމަކަށް އައި ފަހުން މި މަސައްކަތް ވަނީ އިތުރަށް ފުޅާވެފައެވެ. މިއަދު އެ ތަނަކީ މުޖުތަމަޢުގެ ބޭނުންތައް ދެނެގަނެ އެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތް ކުރާ ތަނެކެވެ. މި ބަދިގެއަށް ސީދީ ޝައިބާންގެ ނަން ދިނީ 2015ވަނަ އަހަރުގެ ތެރޭގައި މީސްމިޑިޔާގައި މި ބަދިގެ މަޝްހޫރުކަން ހޯދި ހިސާބުންނެވެ. އޭގެ ފަހުން ބަލިމަޑުކަމާއި އިސްތިޢުމާރު ކުރުމާއި އިޤްތިޞާދީ ދަތިކަންފަދަ އެތައް ކަމެއްގެ ތެރޭގައި ވެސް މި ބަދިގެ ވަނީ ޢާންމުންނަށް ޚިދުމަތް ކޮށްފައެވެ. މި ބަދިގެެއިން ކައްކައިގެން އިރުމަތީ ޤުދުސާއި ޣައްޒާގައި ވެސް ބައެއް ފަހަރު ރޯދަވިއްލުންތައް އިންތިޒާމު ކޮށް ކާއެއްޗެހި ބެހުމުގެ މަސައްކަތް ކޮށްފައިވެއެވެ.

އަބޫ އަލް-ޢަމްގެ ބަދިގޭގައި ދަރުމަވެރިން ކާއެއްޗެހި ތައްޔާރު ކުރަނީ | ފޮޓޯ: އަލްޖަޒީރާ

ކޯވިޑް-19 ބަލިމަޑުކަމުގެ ފަހުން ބަދިގޭގެ ޚިދުމަތް ހޯދާ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެއަށްފަހު ޔަހޫދީން ހަނގުރާމަ ފެށައި، ހުޅަނގު އައްސޭރީގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމުން ކުރިން އޮތް ޙާލަތު އިތުރަށް ގޯސްވެ، ޙާލުގައި ޖެހިފައިވާ މީހުންގެ ޢަދަދު އެތައް ގުނައެއް އިތުރުވިއެވެ. އަބޫ އަލް-ޢަމް ބުނީ މަހުންމަހަށް އާމްދަނީ ލިބެމުން ދިިޔަ ގިނަ ޢަދަދެއްގެ މީހުންނަށް އާމްދަނީ ހޯދޭނެ ގޮތްތައް ބަންދުވި ކަމަށެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހުޅަނގު އައްސޭރީގެ މަގުތަކުގައި ޔަހޫދީން ވަނީ 900އަށް ވުރެ ގިނަ ބެރިކޭޑު ޖަހައިފައެވެ. އޭގެ ސަބަބުން އެ ސަރަޙައްދުގެ ޙާލަތު ވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެ ޙާލަތުގައި ބަދިގެ ހިންގުމަށް ބޮޑެތި ދަތިތައް ހުރި ނަމަވެސް އަބޫ އަލް-ޢަމްއާއި އޭނާގެ އެހީތެރިން ހިތްވަރު އެލުވާ ނުލައި ގަދައަޅައި މަސައްކަތް ކުރެއެވެ. ބަދިގެއަށް ބޭނުންވާ ތަކެތި ހޯދާ ބަދިގެއަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތައް ދަރުމަވެރިންގެ މެދުގައި ރާވާ އިންތިޒާމު ކޮށް އެ މަސައްކަތް ކުރިއަށް ގެންދެއެވެ.

ދަރުމަވެރިންގެ އެހީތެރިކަމާއެކު މި މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަން ޔަޤީންވާއިރު، ދަރުމަވެރިންގެ ގޮތުގައި މަސައްކަތް ކުރާ ގިނަ ޢަދަދެއްގެ މީހުންނަކީ ވެސް ޙާލުގައި ޖެހި އަބޫ އަލް-ޢަމްގެ ބަގިދެއިން އެއް ދުވަސްވަރެެއްގައި ކައިބޮއެ ހެދި މީހުންނެވެ. އެެހެންކަމުން އަމިއްލަ ޙާލަތު ރަނގަޅު ވުމުން އެހެން ބަޔަކަށް ހަމަ އެ ޚިދުމަތްތައް ދެވޭތޯ ދަރުމަވެރިން ގަދައަޅައި މަސައްކަަތް ކުރެއެެވެ.

އަބޫ އަލް-ޢަމްއާއެކު ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ އެންމެ ހަގު ކުއްޖާގެ ޢުމުރަކީ 14 އަހަރެވެ. އެއީ މުސްޠަފާއެވެ. އޭނާއަކީ ޔަތީމު ކުުއްޖެވެ. އޭނާ ބުނީ އޭނާ އަބޫ އަލް-ޢަމްއާއެކު މަސައްކަތް ކުރަނީ އެހެން މީހުންނަށް އުފާވެރިކަން ގެނެސްދޭން ބޭނުންވާތީ ކަމަށެވެ. ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމުން އޭނާގެ ޙަޔާތް ބަދަލުވެފައިވާ ކަމަށް މުސްޠަފާ ބުނެއެވެ. އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭ ކަމަށް އޭނާ ބުންޏެވެ. އޭނާގެ މަންމަ އޭނާއަކީ އެ ފަދަ މަސައްކަތެއް ކުރެވޭ ވަރަށް ވުރެ ހިތްބަލި ކުުއްޖެއް ކަމަށް ބުނަމުން ދިޔަ ކަމަށް މުސްޠަފާ ބުންޏެވެ. ނަމަ ވެސް މިއަދު އޭނާ މި ވަނީ އޭނާއަކީ ވަރުގަދަ ހިތެެއްގެ ވެރި، އެހެން މީހުުންގެ ޚިދުމަތުގައި އުޅެވޭނެ ކުއްޖެއް ކަން އޭނާގެ މަންމައަށް ސާބިތު ކޮށްދެމުންނެވެ.