ކީރިތި ޤުރުއާނާ ބެހޭ ވަޤުފް އިމާރާތް އެޅުމަށް މާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ
ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޡުން ދަސްވެނިވުން ފުރަތަމަ ފަހަރަށް ފާހަގަކުރައްވައި، ސަނަދު ދެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ދަސްވެނިވި މި 24 ހާފިޒުންނަށް މަރުހަބާ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ 24 ހާފިޒުން ދަސްވެނިވުމަކީ ޤައުމު ފަޚުރުވެރިވާންޖެހޭ ކަމެއްކަމަށެވެ.
ނަމަވެސް ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އަޅުގަނޑުމެންގެ އުއްމީދުތައް ހުންނަންޖެހޭނީ މިއަށްވުރެ މަތީގައި ކަމަށާއި މިއަށްވުރެ އެތައް ގުނައެއް އިތުރަށް ހާފިޒުން ދަސްވެނިވާން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިސަރުކާރުގެ ސިޔާސަތަކީ ވިސްނުމަކީ އަދި އަޒުމަކީވެސް އެންމެން ގުޅިގެންކުރާ މަސައްކަތުން މިއަދަދު އެތައް ގުނައަކުން އިތުރުކުރުންކަމަށެވެ.
މިއަދު ދަސްވެނިވި ހާފިޒުންގެތެރެއިން ވަރަށް ގިނަ ހާފިޒުންނަކީ ވަރަށް ޒުވާންކުދިންކަން ފާހަގަކުރައްވަމުން، އެތައް ކުދިންނެއް ގުރުއާން ހިތުދަސްކުދިންނަށް ހެދުމަށް އެންމެން ގުޅިގެން ބުރަ މަސައްކަތެއް ކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސްވަނީ ގޮވާލައްވާފައެވެ. އަދި ޤައުމުގައި އިސްލާމް ދީނަށް ނަސްރުދިނުމަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތަކުން ނުކުންނާނީ ހެޔޮ ނަތީޖާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިސަރުކާރުގެ އެންމެ ފަޚުރުވެރި މަތިވެރި ޒިންމާއެއްގެ ގޮތުގައި ދެކެނީ އަދި އަމަލީ ގޮތުންވެސް ކަންކަން ބައްޓަންވެފައި އޮންނާނީ އިސްލާމް ދީނަށް ނަސްރުދިނުމުގައި. އެއަށްވުރެ އިސްކަން ދޭނެ ސިޔާސަތެއް މިސަރުކާރުގަ ނޯންނާނެ. މިގައުމުގައި އިސްލާމީ ކަންކަން ކުރިއަށް ގެންދިއުމުގައި އެންމެން ގުޅިގެން މަސައްކަތްތަކެއް ކުރުމަކީ މިފަދަ ރެއެއްގައި ވަރަށް ބޮޑަށް އަޒުމް އައުކުރަން ޖެހޭ ކަމެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޤުރުއާން އުނގަންނައި ދިނުމުގެ ފަންނު ކުރިއަށް ގެންދިއުމުގައި ވަރަށްގިނަ މަސައްކަތްތަކެއް މިދިޔަ ދުވަސްތަކުގައި ކުރެވިފައިވާކަމަށާއި އަދި ކުރިއަށް އޮތް ދުވަސްތަކަށްވެސްވަނީ ގިނަކަންތައްތައް ރާވާފައިވާ ކަމަށެވެ.
އެގޮތުން ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފް އިމާރާތެއް ހަމަޖެއްސުމުގެ މަސައްކަތް ފަހު 10ގެ ތެރޭގައި ކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކަމަށް މިހާރު މާލެއިން ބިމެއް ހަމަޖައްސާފައިވާ ކަމަށާއި، ހުޅުވޭތަނުން އެކަމާ ބެހޭ ސިިޓީ އިސްލާމިކް މިނިސްޓްރީއަށް ފޮނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިވަގްފު އިމާރާތް އެޅިގެން ދިއުމުން ވެގެންދާނީ ފިކުރީ އަދި ހުރިހާ މާނައެއްގައިވެސް މުހިންމު އިންވެސްޓްމަންޓަކަށް ކަމަށާއި އޭގެ ފުރިހަމަ ނަތީޖާ ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.