މި މަހުގެ 8-13 އަށް ތައިލެންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހުއަހިން ސިކްސެސް ކްރިކެޓް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުތައް ފުރައިފިއެވެ. މި މުބާރާތުގައި ރާއްޖޭގެ ތިން ޓީމެއް ވާދަކުރާނެއެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބުނީ ހުއަހިން ސިކްސެސް ކްރިކެޓް މުބާރާތުގައި ރާއްޖެއިން ތިން ކެޓެގަރީއަކުން 30 ކުޅުންތެރިން ވާދަކުރާ ކަމަށެވެ. އެއީ މާސްޓަރސް ކެޓެގަރީ އާއި، ވެޓެރަންސް ކެޓެގަރީގެ އިތުރުން ސުޕަރ ވެޓެރަންސް ކެޓެގަރީގައެވެ. މުބާރާތުގައި ވާދަކުރުމަށް މިރޭގެ ވަގުތެއްގައި ރާއްޖޭގެ ޓީމުތައް ވަނީ ތައިލެންޑަށް ފުރާފައެވެ.
މީގެ ކުރިންވެސް މި މުބާރާތުގައި ރާއްޖެއިން ތިން ފަހަރެއްގެ މަތިން ވަނީ ބައިވެރިވެފައެވެ. އެގޮތުން ފާއިތުވެދިޔަ އަހަރު މި މުބާރާތުން ރާއްޖޭގެ ޓީމުން ވަނީ ފަޚުރުވެރި ކާމިޔާބީތަކެއް ހޯދަދީފައެވެ. އެއީ 50 އަހަރުން މަތީ އުމުރުފުރާގެ ވެޓެރަންސް ކެޓެގަރީގެ ޗެމްޕިއަންކަމާއި، މާސްޓަރސް ކެޓެގަރީން ރަނަރަޕްކަމެވެ.
މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން މީގެ ހަވަރަކަށް މަސްކުރިން ރާއްޖޭގެ ކުޅުންތެރިން ވަނީ ފަރިތަކުރުންތައް ފަށާފައެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ގޮސްފައިވަނީ ސީނިއަރ ކްރިކެޓަރސް ކުލަބުގެ މެންބަރުންނެވެ. އޭގެ ތެރޭގައި ކުރީގެ ނަން މަޝްހޫރު ހުރިހާ ކުޅުންތެރިންތަކެއްހެން ޓީމުގައި ހިމެނޭ ކަމަށް ސީބީއެމްއިން މައުލޫމާތުދެއެވެ.