ކުޅިވަރު

ވޯލްޑް ކަޕުގެ ކުރިން ކަންކަން ރަނގަޅުކުރުމަށް ވަގުތު އެބައޮތް: ޕޮޗެޓީނޯ


އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕުގެ ކުރިން ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް، ގެންނަންޖެހޭ ބަދަލުތައް ޓީމަށް ގެނައުމަށް އަދި ވަގުތު އެބައޮތް ކަމަށް އެމެރިކާގެ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ކޮންކާކަފް ނޭޝަންސް ލީގުގެ ތިންވަނަ ހޮވި މެޗުގައި ކެނެޑާ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ. ޕޮޗެޓީނޯ ބުނީ ކުރިއަށް މިއޮތް 2026 ވަނަ އަހަރު ކެނެޑާ، މެކްސިކޯ އަދި އެމީހުންގެ އަމިއްލަ ދަނޑުގައި ވޯލްޑް ކަޕް މެޗުތައް ކުޅެން ހަމަޖެހިފައިވާއިރު، އެ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ޓީމުން ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަނެ، ދުރާލާ ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު އަދި އެބައޮތްކަމަށެވެ.

ކޮންކާކަފުގައި ކެނެޑާ އަތުން އެމެރިކާ ބަލިވެފައިވާއިރު، މިއީ މި މުބާތާރުގައި ޖެހިޖެހިގެން އެމެރިކާ ބަލިވި ދެވަނަ މެޗެވެ. މިދިޔަ ބުރާސްފަތިދުވަހު ކުޅުނު ސެމީ ފައިނަލު މެޗުގައި ޕެނަމާ އަތުން 1-0 ގެ ނަތީޖާއަކުންވެސް އެމެރިކާ ބަލިވެފައިވާއިރު، މިއީ އެމެރިކާ ފަދަ ބޮޑު ޓީމަކުން ލަދުގަންނަން ޖެހޭނެ ފަދަ ނަތީޖާއެއްކަމަށް ޓީމުގެ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ.

ތަޖުރިބާކާރު ކޯޗު ޕޮޗެޓީނޯ ވަނީ މިދިޔަ އަހަރުގެ މެއި މަހާ ހަމައަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ ބަލަހައްޓާފައެވެ. އަދި ސީޒަނަކަށްފަހު އެޓީމު ދޫކޮށްލުމަށްފަހު، އެމެރިކާގެ ގައުމީ ޓީމާ ވަނީ ރަސްމީކޮށް ހަވާލުވެފައެވެ. އެއަށްފަހު ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެމެރިކާ ޓީމުން ތައްޔާރުވަމުން އަންނަނީ ޕޮޗެޓީނޯގެ ލަފައާއި އިރުޝާދުގެ ދަށުންނެވެ.

ކޮންކާކަފްގައި ކެނެޑާއަތުން ބަލިވުމަކީ މާ ބޮޑު ކަމެއްގެ ގޮތުގައި ނުދެކޭކަމަށް ބުނަމުން ޕޮޗެޓީނޯ ބުނެފަވަނީ އަދިވެސް ޓީމަށް ވަގުތު އެބައޮތް ކަމަށެވެ. ޓީމުގެ ކުޅުން ދެރަކަމަށް އޭނާ ގަބޫލުނުކުރާނެކަމަށާއި، ޓީމު މިހާތަނަށް ވާދަކުރި ހުރިހާ މެޗަކުން ނުކުމެފަވަނީ މިފަދަ ދަށް ނަތީޖާއެއް ނޫންކަމަށް ޕޮޗެޓީނޯވަނީ ނޫސްވެރިން ގާތު ބުނެފައެވެ.

"ކުޅުންތެރިން މާޔޫސްވާ ފަދަ ވާހަކަތައް (އެއްވެސް ބަޔަކު) ނުދެއްކުމަކީ އަހަރެންގެ އެދުމެއް. ދެރަވެސްވާނެ ކަމެއް ނެތް. މެޗުން ބަލިވުމަކީ ސަޕޯޓަރުންގެ ހިތްހަމަ ނުޖެހުން ލިބޭނެކަމެއްކަން އަހަރެން ގަބޫލުކުރަން. އެކަމަކު ޓީމުގެ ކުޅުންތެރިން މާޔޫސްވެދާނެ ފަދަ އެއްވެސް ކަމެއް ހިނގާކަށް އަހަރެން ފުރުސަތެއް ނުދޭނަން. އެމެރިކާ ޓީމަކީ މޮޅެތި ކުޅުންތެރި ތިބި ޓީމެއް" ޓީމުގެ ދިފާއުގައި ޕޮޗެޓީނޯ ބުންޏެވެ.

އެމެރިކާ ޓީމުން މަސައްކަތްކުރާނީ ކުޅުން އިތުރަށް ރަނގަޅުކޮށް، ލިބިފައިވާ ވަގުތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައި، 2026ގެ ވޯލްޑް ކަޕަށް ޓީމު ވަރުގަދަ ކުރުމަށްކަމަށް ޕޮޗެޓީނޯ ވަނީ ބުނެފައެވެ.

އެމެރިކާ ޓީމުން ދެން އެންމެ އަވަހަށް ނިކުންނާނީ އަމިއްލަ ގައުމުގައި ތުރުކީ އަދި ސްވިޓްޒަލޭންޑް އާއި ވާދަކުރުމަށެވެ. ބައިނަލްއަގުވާމީ އެކުވެރިކަމުގެ މި މެޗުތައް ތާވަލުކޮށްފަވަނީ ޖޫން މަހަށެވެ.