ވ. ކެޔޮދޫގައި ސަރުކާރުން ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ ކެޔޮދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން 45 ޓަނުގެ 2 އާރްއޯ ޕްލާންޓާއި 345 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކުގެ އިތުރުން 960 ޓަނުގެ ވާރޭފެން ރައްކާކުރާ 1 ޓޭންކް ބަހައްޓާފައިވާކަމަށެވެ.
ނަރުދަމާ ނިޒާމަށް 3 ޕަންޕިން ސްޓޭޝަނާއި 4.3 ކިލޯ މީޓަރުގެ ފެނުގެ ވިއުގައަކާއި 3.9 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް އަޅާފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ. މީގެއިތުރުން 27 ކިލޯވޮޓުގެ ސޯލަރ ޕެނަލްވެސް ވަނީ މި މަޝްރޫއުގެ ދަށުން ހަރުކޮށްފައެވެ.
އިމާރާތްކުރުމާބެހޭ ވުޒާރާއިން ވިދާޅުވީ ކެޔޮދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިންމާލުމަށްފަހު އޮޕަރޭޓަރާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ނިޒާމު ޓެސްޓްކުރުމުގެ ގޮތުން އަގު ނުނަގައި، މިހާރު ޚިދުމަތް ފޯރުކޮށްދެމުންދާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
2023 ވަނަ އަހަރު މަސައްކަތް ފެށި ކެޔޮދޫ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ދައުލަތުން ޚަރަދުކޮށްގެންނެވެ. އަދި މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.
މިމަހުގެ ތެރޭގައި ވ. ފެލިދޫގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ. އަދި މިދިޔަ މަހު ގދ. ފަރެސްމާތޮޑާއާއި ލ.އިސްދޫގެ އިތުރުން ލ.ގަމުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.