ޚަބަރު

ސޫރިޔާގެ އަސްކަރީ ދެ މަރުކަޒަކަށް ޔަހޫދީ ފައުޖުން ޙަމަލާދީފި


ޔަހޫދީ ދަޢުލަތުގެ ނިރުބަވެރި ސިފައިން ސޫރިޔާގެ އަސްކަރީ ދެ މަރުކަޒަކަށް ވައިގެ ޙަމަލާތަކެއް ދީފިއެވެ.

ޔަހޫދީ ސިފައިން ސޫރިޔާއަށް އަރައިގަނެފައި ވަނީ، ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވައްޓައިލުމަށް ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން ހިންގި އޮޕަރޭޝަނާ ގުޅިގެންނެވެ.

ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އެޗްޓީއެސްގެ ފައުޖުތަކުން ވެރިރަށް ދިމިޝްޤަށް އަރައި، އަސަދުގެ ވެރިކަން ވައްޓައިލާފައި ވަނީ ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ.

އޭގެފަހުން، ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުން ދަނީ ސޫރިޔާގެ އަސްކަރީ މަރުކަޒުތަކާއި ހަތިޔާރު ގުދަންތަކަށް ވައިގެ ޙަމަލާތައް ދެމުންނެވެ. އެއީ އެތަންތަން އީރާނާއި ލުބްނާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތް ހިޒްބުﷲގެ އަތްދަށަށް އެތަންތަން ދިޔަ ނުދޭން ކަމަށް ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ބުނެއެވެ.

ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސޫރިޔާގެ ދެކުނުގެ ސަރަޙައްދުތައް ކޮންޓުރޯލު ކުރުމުގެ ފުރުޞަތު އެޗްޓީއެސް އަދި ސޫރިޔާގެ އަސްކަރިއްޔާއަށް ވެސް ނުދޭނެ ކަމަށް ބުނެފައެވެ. އަދި، ޒަޔަނިސްޓުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމުގެ ގޮތުން، އެ އެ ސަރަޙައްދުތަކަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިން ނުބާލާނެ ކަމުގައެވެ.

ޔަހޫދީ ފައުޖުން މިއަދުގެ ވަގުތެއްގައި ވައިގެ ޙަމަލާތައް ދީފައިވަނީ ޙުމްސްގައި ހުންނަ ޓީ4 އަދި ތަދްމޫރު އަސްކަރީ މަރުކަޒުތަކަށެވެ.