ސަރުކާރުގެ ކުންފުނިތަކާއި ބައެއް މުވައްސަސާތައް ގުޅިގެން ޢީދުގެ ބޮޑު ޙަރަކާތެއް މާލޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި ޙަރަކާތް ޢީދު ދުވަހު މާލޭގެ 3 ސަރަޙައްދެއްގައި ކުރިއަށްދާނެކަމަށް މިޙަރަކާތް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދެއްވައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދުގެ ޙަރަކާތްތައް އިންތިޒާމު ކުރަމުންދާއިރު މާލޭގައިވެސް ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށްދަނީ މަސައްކަތް ކުރަމުންނެވެ. ދިފާޢީ ވުޒާރާއިން ސަރުކާރުގެ އެކި ކުންފުނިތަކާއި ކުޅިވަރާއި ބެހޭ ވުޒާރާއާއި، ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން ކުރިއަށްގެންދާ ޢީދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޢީދު ދުވަހުގެ ހަވީރު 4 އިން 6 އަކަށެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްއެންޑީއެފްއިން ވިދާޅުވީ، މާލޭގެ 3 ސަރަޙައްދެއްގައި ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ކުރިމަތީގައި އަދި ޖުމްހޫރީ މައިދާން ސަރަޙައްދުގައި ޙަރަކާތްތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ޢީދު ދުވަހުގެ ހަވީރު ބާއްވާ ޙަރަކާތްތަކުގެ ތެރޭގައި ކުންފުނިތަކުގެ ފަރާތުން ރާއްޖޭގެ އިހުގެ ޘަޤާފަތް ދައްކާލުމާއި، އިހު ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ދައްކާލުންވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން ޒަމާނީ ކެރެކްޓަރސްތައް ފިއުޝަންގޮތަށް ދައްކާލުންވެސް އޮންނާނެކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އަދި އެމްއެންޑީއެފް އަދި ފުލުހުންގެ އުޅަނދުތައްކަށް އެރުމާއި އުޅަނދުތަކުގައި ފޮޓޯ ނެގުމުގެ ފުރުސަތު އޮންނާނެކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
މީގެއިތުރުން އެމްއެންޑީއެފްގެ ބަރު ހަރިޔާރުތައް ދައްކާލުމާއި، ޑްރިލްތަކުގައި ކުރިއަށްދާ ބައެއް ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ހަމައެއާއެކު ބޭންޑުގެ ހަރަކާތްތަކާއި ސައިލެންޓް ޑްރިލްއެއްވެސް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
ކުޅިވަރާއި ބެހޭ ވުޒާރާގެ ފަރާތުން ގޭމިންގ ސްޓޯލްތަކާއި ފިއުޝަން ޝޯވއެއް ދައްކާލުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި ޖުމްހޫރީ މައިދާނުގައި ފެނުގެ އެކި ކުޅިވަރުތައް ކުރިއަށްދާނެކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. މިޙަރަކާތްތަކުގައި ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި އެމްއޭސީއެލް، ވެމްކޯ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، އެޗްޑީސީ، އެމްޓީސީސީ، ސްޓެލްކޯ، އެމްޕީއެލް ހިމެނެއެވެ. މުވައްސަސާތަކުގެތެރެއިން ޕޮލިސް، އެމްއެންޑީއެފް، ސްޕޯޓްސް މިނިސްޓްރީއިންވެސް ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.
ޢީދާއި ގުޅިގެން މާލޭގެ އިތުރުން އަތޮޅުތަކުގެ ގިނަ ރަށްރަށް ދިއްލާލުމަށްވެސް މިއަހަރުވަނީ ނިންމާފައެވެ. މިގޮތުން މިއަންނަ ހޮނިހިރު ދުވަހު "ޢީދު އަލި" ފެށުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.