2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް އުޒްބެކިސްތާނާއި އީރާން ބައްދަލުކުރާ މެޗު މިރެއަށް ވަނީ ތާވަލުކޮށްފައެވެ. ތެހެރާނުގެ އާޒާދީ ސްޓޭޑިއަމުގައި ކުޅޭ މި މެޗަށް އީރާނުގެ ގައުމީ ޓީމުން ނުކުންނާނީ ވޯލްޑް ކަޕަށް ދަތުރުފެށުމަށް ބޮޑު އުއްމީދަކާ އެކުގައެވެ. ޖަޕާން ފަދައިން ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުކުރުމަށް އީރާނުން ނުކުންނައިރު، މި މެޗު އެއްވަރުވި ނަމަވެސް އީރާނަށް ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުވެގެންދާނެއެވެ.
އޭޝިއާ ސަހަރައްދުގެ ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް އޭގައި ވާދަކޮށް މުބާރާތުގެ ޖާގައެއް ހޯދުމަށް އީރާނުން އަތުކުރި އޮޅާލާފައިވާއިރު، މި ޖާގަ އެ ޓީމަށް ކަށަވަރުވެއްޖެނަމަ މިއީ އީރާނުން ވޯލްޑް ކަޕުގައި ވިދިވިދިގެން ވާދަކުރާނެ ހަތަރުވަނަ އަހަރެވެ. މޮޅު ކުޅުމެއް މިހާތަނަށް އެ ޓީމުން ދައްކާފައިވާއިރު، އީރާނުން ވަނީ ގްރޫޕް އޭގައި އުޒްބެކިސްތާންގެ މައްޗަށް ތިން ޕޮއިންޓްގެ ލީޑެއް ނަގައި، ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ މައްޗަށް ނުވަ ޕޮއިންޓުގެ ބޮޑު ފަރަގެއް ހޯދާފައެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އީރާނާއި އުޒްބެކިސްތާން ވަނީ މިހާތަނަށް ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އެ ތިން މެޗުވެސް ނިމިފައިވަނީ ދެ ޓީމު އެއްވަރުވެގެންނެވެ.
މީގެ އިތުރުން މިއަދަށް ތާވަލުކޮށްފައިވާ ދެވަނަ މެޗަކީ ދެކުނު ކޮރެއާ އަދި އުރުދުން ބައްދަލުކުރާ މެޗެވެ. ދެކުނު ކޮރެއާގެ އަމިއްލަ ދަނޑުގައި އުރުދުންއާ ދެކޮޅަށް ނުކުތުމަށް ތައްޔާރުވަމުން އަންނައިރު، މިމެޗަކީ ދެކުނު ކޮރެއާއަށް ނޭވާ ހިފަހައްޓާލަން ޖެހޭނެ މެޗެއްކަމަށް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ. ދެކުނު ކޮރެއާ ޓީމުގެ ފަރާތުން އާދަޔާ ޚިޔާލަށް ދަށް ކުޅުމެއް ފެންނަމުންދާ ކަމަށް އެންމެންވެސް އިއްތިފާގުވާއިރު، މިހާލަތަށް ޓީމު ދިއުމުގައި ސަބަބުތަކެއް އެބަހުއްޓެވެ. އެގޮތުން ދެކުނު ކޮރެއާ ސްކޮޑުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ތިބެން ޖެހިފައިވުމަކީ ޓީމުގެ އަސްލު ކުޅުން މިހާތަނަށް ދެއްކުމަށް ނުކުޅެދިފައިވާ އެންމެ ބޮޑު ސަބަބުކަމަށް އެ ޓީމުގެ ކޯޗު ހޮންގް މިޔުންގް-ބޯ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައެވެ.
އޭޝިއާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގެ ތިންވަނަ ބުރުގައި ތިން ގްރޫޕެއް ހިމެނޭއިރު، ކޮންމެ ގްރޫޕަކުންވެސް ގަދަ ދެ ޓީމު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕަށް ސީދާ ދަތުރުކުރާނެއެވެ. އަދި ތިންވަނަ އާއި ހަތަރުވަނަ ހޯދާ ގައުމުތައް އަލުން ޖެހޭނީ އޮކްޓޯބަރު މަހަށް ތާވަލުކޮށްފައިވާ ކޮލިފައިންގެ ހަތަރުވަނަ ބުރުގައި ވާދަކުރާށެވެ.
މިހާތަނަށް ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުވެފައިވާ ހަމައެކަނި ގައުމަކީ ޖަޕާންއެވެ. ޖަޕާން ވޯލްޑް ކަޕަށް ކޮލިފައިވެފައިވަނީ އޭޝިޔާ ބައްރުގެ ކޮލިފައިންގައި ބުރާސްފަތި ދުވަހުގެރޭ ބަހްރެއިންއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ގްރޫޕް އޭގެ މެޗުތަކަށް ބަލާއިރު، އޭޝިއާގެ ޗެމްޕިއަނުންކަމަށްވާ ގަތަރު ވާދަކުރުމަށް ހަމަޖެހިފައިވަނީ ކިރްގިސްތާނާ ދެކޮޅަށެވެ. އަދި ޔޫއޭއީ ނިކުންނާނީ އުތުރު ކޮރެއާގެ މައްޗަށް ކުރި ހޯދުމަށެވެ. މި ދެ ޓީމުގެ ފަރާތުންވެސް މާ މޮޅު ކުޅުމެއް މިހާތަނަށް ފެނިފައިނުވާއިރު، ވޯލްޑް ކަޕް ކޮލިފައިންގެ ހަތަރުވަނަ ބުރުގައި މި ދެ ޓީމު އަލުން ކުޅެންޖެހޭނެ ކަމަށް ކުޅިވަރުގެ ތަޖުރިބާކާރުން ދަނީ ލަފާކުރަމުންނެވެ.
އޭޝިއާ ބައްރުގެ ކޮލިފައިންގެ ގްރޫޕް ބީއަށް ބަލާއިރު، މި ގްރޫޕްގެ އެއްވަނައިގައި އޮތީ މިހާތަނަށް ދަށް ކުޅުމެއް ދެއްކި ދެކުނު ކޮރެއާ އެވެ. ދެކުނު ކޮރެއާއިން އެއްވަނަ ހޯދާފައިވަނީ ދެވަނައިގައި އޮތް އުރުދުނަށްވުރެ ތިން ޕޮއިންޓު އިތުރަށް ހޯދައިގެންނެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ދެކުނު ކޮރެއާއިން މިއަދު ނިކުންނާނީ އުރުދުންއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ ދެކުނުކޮރެއާގެ ތާރީޚީ ސިޓީއެއްކަމަށްވާ ސުވޮންގައެވެ. މިއީ މިދިޔަ އަހަރުގެ އޭޝިއަން ކަޕުގެ ސެމީ ފައިނަލަށްފަހު މިދެޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ.