ޚަބަރު

ބޮޑު ޚަރަދުކޮށްފައި ބޭންކިންގެ ޚިދުމަތް ހޯދަން ކުރަންޖެހޭ ދަތުރުތަކަށް އޭޓީއެމާއެކު ނިމުން އަންނާނެ: ވަޒީރު ޠާރިޤް


  • ރަށުގެ އިޤްތިޞާދާއި ވިޔަފާރީގެ ކަންކަމަށް ފަސޭހަވާނެހެން ބޭންކިންގެ ޚިދުމަތް މުހިންމުކަމަށް ވިދާޅުވި

ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ފެށުމުން ފައިސާ ނެގުމަށާއި ޖަމާކުރުމަށް ބޮޑު ޚަރަދުކޮށްފައި އެހެން ރަށްރަށަށް ކުރާ ދަތުރުތަކަށް ނިމުން އަންނާނެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރަށްރަށުގައި އޭޓީއެމްތައް ބެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހއ. މާރަންދޫގައި އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ ރަށެއްގެ އިޤްތިޞާދު ކުރިއަރައިދާނީ ވިޔަފާރީގެ ކަންކަމަށް ފަސޭހަވާނެހެން ބޭންކިންގެ ޚިދުމަތްވެސް އެރަށަކުން ލިބިގެންކަމަށެވެ. އެގޮތުން މިއަދު މާރަންދޫގައި ހުޅުވި އޭޓީއެމާއެކު ރަށާއި އެ ސަރަޙައްދުގެ ވިޔަފާރި ކުރިއަރައިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ކުރިން ކިތަންމެ ކުޑަ ފައިސާއެއް ޖަމާކުރުމަށް އަދި ނެގުމަށްވެސް މާރަންދޫގެ ރައްޔިތުން ދާންޖެހެނީ ބޮޑު ޚަރަދުކޮށްފައި އެހެން ރަށަކަށްކަން ފާހަގަކުރައްވަމުން މާރަންދޫގައި އޭޓީއެމް ބެހެއްޓުމުން ބޮޑު ޚަރަދުކޮށްފައި މީގެ ކުރިން ދިއްދޫއަށް ދާންޖެހޭ ދިއުން ނިމުމަކަށް އަންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަން ހާސިލްކުރެވިފައިވަނީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެއްވުމަށް ރައީސް ނިންމެވި ނިންމެވުމާއެކުކަމަށް ވަޒީރު ވިދާޅުވިއެވެ.

"މާރަންދޫގެ ރައްޔިތުންވެސް ވަރަށް ބޮޑަށް ބޭނުންވޭ ރަށުގައި ތިބެގެން ބޭންކިންގެ ޚިދުމަތް ހޯދުމަށް. ކިތަންމެ ކުޑަ ފައިސާއެއް ނެގުމަށްވެސް ނުވަތަ ޖަމާކުރުމަށްވެސް މާރަންދޫގެ ރައްޔިތުން ދާން މިޖެހެނީ ދިއްދޫއަށް. އެއީ 100 ރުފިޔާ ނަގަން ޖެހޭ މީހާއަށްވެސް އެތައް ފައިސާއެއް ޚަރަދުކުރަންޖެހޭ." ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވިއެވެ.

އަތޮޅުގެ އެކި ސަރަޙައްދުތަކަށް ފަތުރުވެރިކަން ފުޅާވެގެން ދާއިރު އަމިއްލަ ރަށުން ބޭންކިންގެ ޚިދުމަތް ލިބެން ފެށުމުން ބޮޑު ފަސޭހައެއް ލިބިގެންދާނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޠާރިޤް ވިދާޅުވީ ހއ. އަތޮޅާއި ހދ. އަދި ށ. އަތޮޅުގައ ފަތުރުވެރިކަމުގެ އިތުރު މަންޒިލްތައް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ފަތުރުވެރިކަމަށް ފަހިވާގޮތަށް ހއ. އަތޮޅުގެ އެކި ސަރަޙައްދުތަކާއި ހދ. އަދި ށ.އަތޮޅުގެ އެކި ރަށްރަށުގައި ނުވަތަ ފަޅުގައި ޓޫރިސްޓް ރިސޯޓް ހެދިގެން ދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތް ކުރެވުމުން ރަށުގައި ތިބެގެން ބޭންކިންގެ ޚިދުމަތް ލިބުމަކީ ފަސޭހަވެގެން ދާނެކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.