ޚަބަރު

މިދިޔަ ހަފްތާގައި ރާއްޖެއަށް 44،410 ފަތުރުވެރިން، ކުރީ ހަފްތާއަށްވުރެ %3.9 އިތުރު


  • ރާއްޖެއަށް ވަނީ ޖުމްލަ 588،484 ފަތުރުވެރިން ޒިޔާރަތްކޮށްފައި

  • އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން

މިދިޔަ ހަފްތާތެރޭ ރާއްޖެއަށް 44،000އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ގުޅޭ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި ރާއްޖެއަށް ވަނީ 44،410 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ ހަފްތާގައި ރާއްޖެއަށް އައިސްފައިވާ 42،743 ފަތުރުވެރިންނާ އަޅާ ބަލާއިރު 3.9% އިތުރު އަދަދެކެވެ.

މި އަދަދުތަކާއި އެކު އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 588،484 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއަޅާ ބަލާއިރު %4.8 އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6000އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ. އަދި މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން 69 އިންސައްތަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި ގެސްޓުހައުސްތަކަށް އައިސްފައިވަނީ %25.6 ފަތުރުވެރިންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރު ރާއްޖެއަށް ވަނީ 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.