ޚަބަރު

ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯކަމުން ނޮއެލް ގްރެގަރ އިސްތިއުފާދެއްވައިފި


  • ބޭންކުގެ ސީއީއޯކަމަށް ނޮއެލް ގްރެގަރ އައްޔަންކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޮގަަސްޓް މަހު

  • ޕީސީބީން ވަނީ ނޮއެލް ގްރެގަރގެ އިސްތިއުފާ ޤަބޫލުކުރައްވައި މަގާމުން ވަކިކުރައްވާފައި

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރކަމުގެ މަޤާމުގައި ހުންނެވި ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯކަމުގެ މަގާމުން ނޮއެލް ގްރެގަރ އިސްތިއުފާދެއްވާ އެކަން ހުށައަޅުއްވާފައިވާތީ އިސްތިއުފާ ގަބޫލުކުރައްވައި މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ.

ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯކަމުގެ މަގާމަށް އިނގިރޭސިވިލާތުގެ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޮގަަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކޮށްފައިވަނީ މި ބޭންކް މެދުވެރިކޮށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ތަރައްޤީގެ މުހިންމު މަޝްރޫއުތަކަށާއި އަމިއްލަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ލޯނު ލިބޭނެ މަގު ތަނަވަސްކުރުމުގެ މަޤުޞަދުގައެވެ. މި ބޭންކު އިފްތިތާޙުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހުއެވެ.