ޚަބަރު

ޕާކިސްތާން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހުރިއްޔާ ތަހުނިޔާ ފޮނުއްވައިފި


  • ރާއްޖެއާއި ޕާކިސްތާނަކީ ޒަމާންވީ ގުޅުމެއް އޮތް ދެ ޤައުމުކަމަށް ރައީސް ވިދާޅުވި

  • ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވި

ޕާކިސްތާން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަދަރީއާއި ބޮޑުވަޒީރު ޝަބާޒް ޝަރީފާއި ޕާކިސްތާނުގެ އަޚުންނާއި އުޚްތުންނަށް "ޕާކިސްތާން ދުވަހުގެ" ތަހުނިޔާ ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުމަކީ އިޙްތިރާމާއި އެއްގޮތް ހަމަތަކެއްގެ މައްޗަށް ބިނާވެފައި އޮތް ޒަމާންވީ ގުޅުމެއް ކަން ފާހަގަކުރައްވާ ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

ޕާކިސްތާން ދުވަސް ފާހަގަކުރަނީ ޕާކިސްތާނު ދައުލަތެއްގެ ގޮތުގައި އުފެދި ފުރަތަމަ ފަހަރަށް އެ ޤައުމުގެ ޤާނޫނު އަސާސީ އެކުލަވާލުން ފާހަގަކުރުމުގެ ގޮތުންނެވެ. ޕާކިސްތާނުގެ ފުރަތަމަ ޤާނޫނުއަސާސީ އެކުލަވާލީ 1956 ވަނަ އަހަރުގެ މާރޗް މަހުގެ 23 ވަނަ ދުވަހުއެވެ.