ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އޮޕަރޭޝަނެއްގެ ތެރެއިން މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި 10 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި މީހުން ހައްޔަރުކޮށްފައިވަނީ ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހުގެ ދަންވަރު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. އަދި އެ މީހުން ހައްޔަރުކޮށްފައި ވަނީ މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ 7 ކިލޯއަށްވުރެ ގިނަ ތަކެއްޗާއެކުކަމަށް ފުލުހުން ވިދާޅުވިއެވެ. މި އޮޕަރޭޝަންގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ބައިވެރިވެފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑޮނޭޝިއާގެ 3 މީހުންކަމަށްވާ 30 އަހަރުގެ ނަސްވަން އާދިލްއާއި 25 އަހަރުގެ އެޑްރިއަންސަޔާއާއި 30 އަހަރުގެ މުޙައްމަދު އިޤްބާލް މަކްރޫމެވެ. އަދި އިންޑިއާގެ ރައްޔިތުންކަމަށްވާ 35 އަހަރުގެ ޕްރަބާކަރަން ނަގަރާޖަން، 58 އަހަރުގެ ރޯމަންސް ސަންތިޔާ ފެނާންޑޯ، 22 އަހަރުގެ ގަނޭޝް ބޮމްމާލީ، 22 އަހަރުގެ ޑަތުކިލޭ ދަރްޝަން ވިޖޭ، 28 އަހަރުގެ ޕީޓާ ވިނީ އަދި 28ސަރަން ޕަދްމަންގެ އިތުރުން 30 އަހަރުގެ ގޯސިކް ރާޖް ޖޭމްސް ނޮކްސެވެ.
ފުލުހުން ވިދާޅުވީ ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 މީހަކު 5 ދުވަހަށް އަދި 5 މީހަކު އެއް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި 1 ދުވަހަށް ބަންދުކުރުމަށް އަމުރުކުރި މީހުންގެ ބަންދު އިތުރުކުރުމަށް މިއަދު ހާޒިރުކުރުމުން އެކަކަށް އިތުރު 3 ދުވަހަށް އަދި 4 މީހަކު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.