ޚަބަރު

އިސްލާމްދީނުގެ ބޮޑެތި އަޅުކަންތައްތައް ތަރުތީބު ކުރެވިފައި ވަނީ އެއްބައިވަންތަކަމުގެ މައްޗަށް: ވަޒީރު ޑރ.ޝަހީމް


  • ނަމާދާއި ޒަކާތާއި އެނޫންވެސް ކަންކަން ބާރުއަޅަނީ އެއްބައިވަންތަކަމަށް

  • މިއުންމަތުގެ މެމްބަރުން އެއްބައިވަންތަކަންމަތީ ތިބިހާ ދުވަހަކު ސަފުތައް ފޫއަޅުވައެއް ނުލެވޭނެ

އިސްލާމްދީނުގެ ބޮޑެތި އަޅުކަންތައްތއް ތަރުތީބުކުރެވިފައިވާ އަސްލުތަކަށް ބަލާލުމުން ފެންނަން އޮތީ އެއްބައިވަންތަކަމުގެ މިސާލުތައްކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.ވމުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ މިހަފްތާގެ އިޙްޔާ ފޯރަމްގެ މަޢުޟޫއަކީ "ޤުރުއާނާއި އިޖުތިމާޢީ އަޚުލާޤިއްޔަތު" މި ޢުޟޫއެވެ.

ކޮންގްރެސް ޕާޓީގެ އިޙްޔާ ފޯރަމްގައި ދަރުސްދެއްވަމުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވަނީ އިސްލާމްދީނުގައި އެއްބައިވަންތަކަމަށް އިސްކަންދޭ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިސްލާމްދީނުގެ މުހިއްމު ހުރިހާ އަޅުކަމެއް ތަރުތީބުކުރައްވާފައިވާ ގޮތަށް ބަލާއިރު ފެންނަން އޮތީ މުސްލިމުންގެ ޖަމާޢާތުގެ ގުޅުން ބަދަހިކުރެއްވުމަށް ކީރިތި މާތްﷲ އެދިވޮޑިގަންނަވާ މިންވަރުކަމަށް ވަޒީރު ވިދާޅުވިއެވެ.

ދީނުގެ ތަނބުކަމުގައިވާ ނަމާދަށް ބަލާއިރު، އެކަނިކުރާ ނަމާދަށްވުރެ ޖަމާޢަތުގައިކުރާ ނަމާދުގެ ދަރަޖަ 27 ގުނަ އިތުރުކުރައްވާފައިވާކަމަށާއި އެއަށްފަހު މުސްލިމުން ހަފްތާއަކު އެއްފަހަރު އެއްވުރެ ބޮޑު ޖަމާޢަތަކުން ހުކުރު ދުވަހު ބައްދަލުކުރާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަހަރަކު ދެފަހަރު މުސްލިމުންގެ ބޮޑު ދެ ޢީދުގައި ޖަމާޢަތުގައި އެއަށްވުރެ ބޮޑު ޖަމާޢަތަކުން ބައްދަލުވާއިރު މުޅި އިސްލާމީ އުއްމަތުގެ އެކި ކަންކޮޅުތަކުން އަހަރަކު އެއްފަހަރު ޙައްޖުގެ މަތިވެރި ޖަމާޢަތުން މުސްލިމުން ބައްދަލުވާނެ ގޮތަށް އަޅުކަން ތަރުތީބުކުރައްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއިން ދައްކުވައިވދެނީ މުސްލިމުންގެ ޖަމާޢަތުގެ ބަދަހިކަން މާތްﷲ އެދިވޮޑިގަންނަވާ މިންވަރުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދީނުގެ އެހެން މުހިންމު އަޅުކަންތަކުގެ ތެރޭގައި ހިމެނޭ ރޯދައައި ޒަކާތާއި ޙައްޖުންވެސް ފެންނަ ޙަޤީޤަތަކީ އިސްލާމީ އުއްމަތުގައި ފަޤީރުކަމާއި ފާގަތިކަމާއި ދެމެދު އޮތް ފަރަޤުކުޑަކޮށް އިޖުތިމާޢީ އަޚްލާޤިއްޔަތަށް އިސްކަންދެއްވާފައިވާ މިންވަރުކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއުއްމަތުގެ މެމްބަރުން އެއްބައިވަންތަކާއެކު ތިބިހާ ދުވަހަކު މިއުއްތަމް ފޫއަޅުވާ ނުލެވޭނެކަން އެނގިގެންދޭ. ރަމަޟާން މަހުގެ މިދުވަސްތައް ހޭދަކުރަމުންދާއިރު އަޅުގަނޑުމެންގެ ސަފުތައް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަންޖެހޭ. ހިތްތައް ސާފުކުރަންޖެހޭ. އެކަކު އަނެކަކަށް މާފްކުރަންޖެހޭ" ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ކީރިތި މާތް ނަބިއްޔާގެ ޝަޙުސިއްޔަތުގެ އައިޑެންޓީޓީއަކީ ރިވެތި އަޚްލާޤުކަމަށެވެ. އަދި ރިވެތި އަޚްލާޤުގެ އެންމެ މަތިވެރި އެއް ދަރަޖައަކީ މުޖުތަމަޢުގައި އޮންނަ އަޚުވަންތަކަމާއި އެއްބައިވަންތަކަންކަމަށެވެ.

ވަޒީރުގެ ތަޤުރީރުގައި މުސްލިމުން އެއްބައިވަންތަކަމުގައި ދެމިތިބިހާ ދުވަހަކު މުސްލިމުންގެ ސަފުތައް ފޫއަޅިވާލުމަކީ ވާނެކަމެއް ނޫންކަން ފާހަގަކުރެއްވިއެވެ.