ޚަބަރު

އެއްފަހަރާ 500 އަށްވުރެ ގިނަ މީހުން ފީނައިގެން ބ. އަތޮޅުން ރިކޯޑެއް ޤާއިމުކުރަނީ


  • މި އިވެންޓުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި މެދު އާންމުން ހޭލުންތެރިކުރެވޭނެ

  • ހަމައެއާއެކު ބ.އަތޮޅު ފަތުރުވެރިކަމަށް ޕްރޮމޯޓުކުރުމަށްވެސް މަގުފަހިވާނެ

ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މީހުން އަހުލުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ބ. އަތޮޅު ޕްރޮމޯޓުކުރުމަށްޓަކައި ޚާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ބ. އަތޮޅުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އެއްވަގުތެއްގައި، އެއް ސަރަޙައްދެއްގައި ގިނަ ބައިވެރިވެގެން ސްނޯކްލްކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މިހަރަކާތުގައި މަދުވެގެން 500 އެއްހާ މީހުން ބައިވެރިވާނެކަމަށް މިހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

މިއީ ގިނީސް ވޯލްޑް ރިކޯޑު ފޮތުން ޖާގަ ހޯދުމަށް ރާވައިގެން ކުރިއަށްގެންދާ ހަރަކާތެއްކަމަށާއި މީގެ ސަބަބުން ތިމާވެށީގެ ނާޒުކުކަން އިޙްސާސްކުރެވި ބ. އަތޮޅު ފަތުރުވެރިކަމަށް ޕްރޮމޯޓުކުރެވޭނެކަމަށްވެސް އެފަރާތުން ބުނެއެވެ. މީގެކުރިން އެއްފަހަރާ އެންމެ ގިނަބަޔަކު ސްނޯކަލް ކޮށްގެން ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދާފައިނުވާކަމަށް ފްރީޑައިވް މޯލްޑިވްސްއިން ބުނެއެވެ.

ބ. އަތޮޅު ކައުންސިލާއި، ފްރީޑައިވް މޯލްޑިވްސް ގުޅިގެން މިހަރަކާތް ކުރިއަށްގެންދިޔުމަށްވަނީ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ.
މި އެއްބަސްވުމުގައި ފްރީޑައިވް މޯލްޑިވްސްގެ ފަރާތުން ސޮއިކުރީ ފަހުދު ފާއިޒްއެވެ. ބ.އަތޮޅު ކައުންސިލުން ސޮއިކުރީ އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާހެވެ.

ފްރީޑައިވް މޯލްޑިވްސްއިންވަނީ ސަރުކާރާ ގުޅިގެން 2019 ވަނަ އަހަރު "ނޭވާ 1"ގެ ނަމުގައި އެންމެ ގިނަ މީހުން އަޑިއައް އެއްފަހަރާ ފީނައިގެން ވޯލްޑް ރެކޯޑެއް ޤާއިމުކޮށްފައެވެ. މީގެ އިތުރުން 2022 ގައި "ނޭވާ "2 ގެ ނަމުގައި އެންމެ ގިނަމީހުން މޫދުގައި ނޭވާ ހިފެހެއްޓުމުގެ ރެކޯޑެއްވެސްވަނީ ހަދާފައެވެ.

ދުނިޔޭގެ ރެކޯޑް ހެދުމަށް މި އަހަރު ބާއްވާ މި ހަރަކާތަކީ އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ މިފަދަ އެންމެ ބޮޑު ހަރަކާތެވެ.