ޚަބަރު

ކްރޮސް ސަބްސިޑީ އުސޫލުން މަޝްރޫޢުތައް ހިންގުމާއި ގުޅޭ ޤަރާރު އިސްލާހުކުރައްވައިފި


  • މަޝްރޫޢު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ވަނީ ކަނޑައަޅުއްވާފައި

ކްރޮސް ސަބްސިޑީ އުސޫލުން ހިންގާނެ މަޝްރޫޢުތައް ކަނޑައެޅުމާއި ގުޅޭގޮތުން ނެރުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު އިސްލާހުކުރައްވައިފިއެވެ.

ކްރޮސް ސަބްސިޑީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކަކީ ދަޢުލަތުގެ އާންމު މަންފާއަކަށްޓަކައި ޙާޞިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މަޝްރޫޢުތަކެވެ.

ޓޫރިޒަމާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ މ ގެ 3 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދައުލަތުގެ އާއްމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާޢީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިއްމު މަޝްރޫޢުތަކާއި އެ މަޝްރޫޢު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ ކަނޑައަޅައި އާއްމުކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވަނީ އެ ޤަރާރަށް އިސްލާހުތަކެއް ގެންނަވާފައެވެ. މިގޮތުން ގެންނެވި އިސްލާހުގައި ދައުލަތުގެ އާއްމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މަޝްރޫޢުތަކާއި އެ މަޝްރޫޢު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ވަނީ ކަނޑައަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު

ކްރޮސް ސަބްސިޑީއަށް ތަންތަން ދޫކުރުމަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިޤްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާޢީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިޢުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫޢަކަށް ޚަރަދުކުރާ ފަރާތަކަށް ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށް ރަށެއް ކުއްޔަށް ދޫކުރުމެވެ. އެގޮތުން އެއަރޕޯޓުތައް އެޅުމަށާއި، ފެރީ ހިދުމަތް ދިނުމަށާއި، އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށްތައް ދޫކުރެއެވެ.

މި ޤަރާރުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތައް ހިންގުމަށް ނިންމަވާފައިވާ ސަރަޙައްދު އަދި މަޝްރޫޢުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނޭ މިންވަރު ވަނީ ބަޔާންކުރައްވާފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި، ހއ. ދިއްދޫ، ހދ. މަކުނުދޫ، ށ. ކޮމަންޑޫ، ށ. މިލަންދޫ، ށ. ބިލެތްފަހި، ރ. ފައިނު، ރ. އަލިފުށި، ބ. ތުޅާދޫ، އއ. މަތިވެރި، މ. މުލި، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި އަދި ގއ. ވިލިނގިލީގައި އެއާޕޯޓް ތަރައްޤީކުރުމާއި، ހުވަދު އަތޮޅާއި ހައްދުންމަތީގައި އިތުރު ދެ އެއާޕޯޓު ތަރައްޤީކުރުމާއި، ހުވަދުއަތޮޅު ދެކުނުބުރީގައި އިންޓަރނޭޝަލަން އެއަރޕޯޓެއް ތަރައްޤީކުރުން ހިމެނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން، ލ. ގަމާއި، އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް މަޝްރޫޢު ހިންގުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިޞްލާޙީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށްޓަކައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ "އުއްމީދު / ހޯޕް އައިލެންޑް" މަޝްރޫޢަށް ބޭނުންވާ 15 (ފަނަރަ) ހެކްޓަރުގެ ބިން، ކ. ގިރާވަރު އުތުރުފަޅުން ހިއްކައި، އެ ބިމުގައި ހޯޕް އައިލެންޑް ތަރައްޤީކުރުމަށް ވަނީ ކަނޑައަޅުއްވާފައެވެ. ހަމަ އެ ފަޅުން، "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" މަޝްރޫޢަށް ބޭނުންވާ 30 (ތިރީސް) ހެކްޓަރުގެ ބިން ހިއްކައި، "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" ތަރައްޤީކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ޤައުމުގެ ޞުލްޙަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރިއަށްގެންދިއުމަށް ރޭވިފައިވާ މަޝްރޫޢުތައްވެސް މި ސިޔާސަތުގެ ދަށުން ހިންގުމަށް ނިންމަވާފައިވެއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރޭގައި، މުޅި ދިވެހިރާއްޖޭގައި ސޯޝަލް ހައުސިންގް މަޝްރޫޢޫތައް ހިންގުމަށާއި، ރަސްމާލެ، ގުޅީފަޅު، ގިރާވަރުފަޅު، އަދި އުތުރު ތިލަފަޅުން ބިންހިއްކުމަށް ވަނީ ނިންމަވާފައެވެ. އަދި މުޅި ރާއްޖޭގައި، ބިންހިއްކާފައިވާ ރަށްރަށުގައި މަގު ހެދުމަށާއި، ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން، ކޮޅުމަޑުލު ވޭމަންޑޫ އާއި ކޮޅުމަޑުލު ކިނބިދޫ ކޯޒްވޭ ލިންކަކުން ގުޅައިލުމަށާއި، ކޮޅުމަޑުލު ދިޔަމިގިއްޔާއި ކޮޅުމަޑުލު މަޑިފުށި ކޯޒްވޭ ލިންކަކުން ގުޅައިލުމަށާއި، ހައްދުންމަތީ ހިތަދޫ އާއި ހައްދުންމަތީ ކުނަހަންދޫ ކޯޒްވޭ ލިންކަކުން ގުޅައިލުމަށާއި، ހައްދުންމަތީ ކަލައިދޫ އާއި ހައްދުންމަތީ ދަނބިދޫ ކޯޒްވޭ ލިންކަކުން ގުޅައިލުމަށާއި، މުލަކަތޮޅު މުއްޔާއި މުލަކަތޮޅު ނާލާފުށި ކޯޒްވޭ ލިންކަކުން ގުޅައިލުމަށް މަޝްރޫޢުތައް ހިންގުމަށް ވަނީ ނިންމަވާފައެވެ. މީގެއިތުރުން ހައިޕަރފޯމަންސް ސެންޓަރެއް ޤާއިމުކުރުމަށްވެސް ވަނީ ނިންމަވާފައެވެ.