ޚަބަރު

ނަމާދާ މެދު ފަރުވާކުޑަ ކުރާ މީހާ އެހެން ހުރިހާކަމަކަށްވެސް ފަރުވާކުޑަކުރާނެ: އިޙްޔާ ފޯރަމް


  • ފޯރަމްގައި ވިދާޅުވީ ނަމާދަކީ އިސްލާމް ދީނުގެ ތަނބުކަމަށް

  • ފަރުޟުތަކުގެ ތެރެއިން އެންމެ ފަހު ދުވަހާއި ޖެހެންދެންވެސް ދެމި އޮންނާނެ ފަރުޟަކީ ނަމާދު

  • މުޖުތަމަޢުން ފެންނަނީ ނަމާދާމެދު އިހުމާލުވެފައިވާ މަންޒަރު

ނަމާދާއި މެދު ފަރުވާ ކުޑަކުރާ މީހާއާއި ހަވާލުވާ ހުރިހާކަމަކަށް އޭނާ ފަރުވާ ކުޑަކުރާނެކަމަށާއި، ނަމާދު ރަނގަޅުވެއްޖެ މީހާގެ ދެދުނިޔޭގެ ކަންކަން އިސްލާޙުވާނެކަމަށް މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމްގެ އިސް އިމާމް، ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އިޙްޔާ ފޯރަމްގެ މިރޭގެ މަޢުޟޫއަކީ "ނަމާދުގެ މާތްކަން" މިމަޢުޟޫއެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބާއްވަމުންގެންދާ ސިލްސިލާ އިޙްޔާ ފޯރަމްގައި ވާހަކަދައްކަވަމުން މަސްޖިދުއްސުލްޠާމް މުޙައްމަދު ތަކުރުފާނުލް އައުޡަމްގެ އިސް އިމާމް، ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްވަނީ އިސްލާމް ދީނުގައި ނަމާދުގެ މަޤާމު ތަފްސީލުކޮށް ބަޔާންކޮށްދެއްވާފައެވެ.

ޝައިޚް ވިދާޅުވީ މާތްﷲ ނަމާދު މާތްކުރައްވާފައިވާކަމަށާއި ނަމާދަކީ އިސްލާމްދީނުގެ ތަނބުކަމަށެވެ. އަދި ފަރުޟު ކަންކަމުގެ ތެރެއިންވެސް އެއަޅުކަމެއް ބާވާލެއްވުމަށް މާތްﷲ ކީރިތި ރަސޫލާ މުޙައްމަދު(ޞ.ޢ.ވ) އިސްރާއިމިޢުރާޖްގެ މަތިވެރި ދަތުރުފުޅުގައި 7 އުޑުގެ މަތިން ސިދުރަތުލް މުންތަހާގެ މަތިން ގެންދެވުމަށްފަހު އެއްވެސް އިތުރު މެދުވެރިއެއް ނެތި އެއަޅުކަން ބާވާލެއްވި ލެއްވުމަކީ ދީނުގައި ނަމާދަށް ދެއްވާފައިވާ މަޤާމުގެ މަތިވެރިކަންކަމުގައި ވިދާޅުވިއެވެ.

ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ، ނަމާދަށް ފަރުވާ ކުޑަކުރާ މީހާއާ ޙަވާލުކުރާ އެހެން ހުރިހާކަމަކަށްވެސް އޭނާ މާބޮޑަށް ފަރުވާކުޑަކުރާނެކަމަށެވެ. އަދި މަރުވުމަށްފަހު އަޅާއާއި އެންމެ ފުރަތަމަ ސުވާލުވެވޭނެ ކަމަކީ ނަމާދުކަމަށާއި ނަމާދުގެ ކަންކަން ރަނގަޅުވެއްޖެ މީހާގެ އެހެން ޢަމަލުތައްވެސް އިސްލާޙުވާނެކަމަށް ވިދާޅުވިއެވެ.

"ނަމާދަކީ އިންސާނާއާއި އޭނާގެ ވެރި ރަސްކަލާނގެއާއި ދެމެދު އޮންނަ އެންމެ ވަރުގަދަ ގުޅުން. އިންސާނާ ﷲއާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތަކީ ނަމާދުގައި ސަޖިދައިގައި އޭނާ ވާވަގުތު. ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ސުވާލުކުރެވޭނީ ނަމާދާއި ބެހޭގޮތުން. ނަމާދު ރަނގަޅުވެއްޖެނަމަ ދެން ހުރި ހުރިހާކަމެއް ރަނގަޅުވެގެންދޭ." ޝައިޚް ވިދާޅުވިއެވެ.

ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ މުޖުތަމަޢުގައި މިއަދު ފެންނަނީ ރީތި މިސްކިތްތަކާއެކުވެސް ނަމާދާއި މެދު އިހުމާލުވެފައިވާ މަންޒަރުކަމަށެވެ. އެގޮތުން ނަމާދަށް ބަންގި ގޮވާ ވަގުތު މިސްކިތް ކުރިމަތިންދާއިރުވެސް ނަމާދަށް ދާން ހިތަށް ނާރާކަމަށާއި، ނަމާދު ގަޑި ފަސްދީ ދާއިރުވެސް ކޮފީތަކާއި އެނޫންވެސް މަސައްކަތްތަކުގައި ވަގުތު ބޭކާރުކުރާ މަންޒަރު އާއްމުކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ގޭތެރޭގައި ނަމާދަށް ދިޔުމަށް ބާރު އެޅުމަށްޓަކައި ބޮޑެތި މީހުންގެ ޣީރަތްތެރިކަން ނަމާދާއި މެދު ނެތްކަން ޝައިޚް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ފިރިހެނުންގެ ތެރެއިން ގޭގައި ނަމާދުކުރާ މީހުން ރަސޫލާ(ޞ.ޢ.ވ)ގެ ސުންނަތް ދޫކޮށްލާފައިވާކަމަށާއި އެއީ ކަންބޮޑުވާންޖެހޭކަމެއްކަމަށް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ ކީރިތި ރަސޫލާ(ޞ.ޢ.ވ) ސުވަރުގެ ވަޑައިގަތް އާލާސްކަންފުޅުގައިވީ ހިނދުވެސް އެކަލޭގެފާނު އުއްމަތަށް ކުރެއްވި އެންމެ ފަހުގެ ވަޞިއްޔަތަކީވެސް ނަމާދަށް ރައްކާތެރިވުމަށް ކުރެއްވި ވަޞީޔަތްކަމަށެވެ. އަދި އެކަލޭގެފާނުގެ ސުންނަތުން ސާބިތުވާ އެއްކަމަކީ މުސްލިމު އުއްމަތުގައި ފަރުޟު ކުރެއްވުނު ކަންކަމުގެ ތެރެއިން އެންމެ ފުރަތަމަ، ދޫކޮށްލާނެ އެއްޗަކީ އިންސާފަށް ނިޔާކުރުންކަމަށާއި އަދި އެންމެ ފަހު ދުވަހާއި ހަމައަށްވެސް ދެމިއޮންނާނެ ފަރުޟަކީ ނަމާދުކަމުގައި ބަޔާންކުރައްވާފައިވާ ކަމަށް ޝައިޚް ވިދާޅުވިއެވެ.

ނަމާދު ބާވާލެއްވުނީ ނަބީކަމާއިގެން ފޮނުއްވިތާ 10 އަހަރު ފަހުންނެވެ. އަދި އެއީ ހިޖުރައިގެ ދޮޅު އަހަރެއްހާ ދުވަސްކުރިންނެވެ.