ޚަބަރު

ނިލަންދޫގައި ޤާއިމްކުރާ އެފްސީއެސްސީގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ވަޒީރު ބައްލަވައިލައްވައިފި


  • މިއީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިން ބެލެހެއްޓުމަށް ހަދާ އިމާތާތެއް

  • މިއަހަރުގެ ދެވަނަ ކުއާޓާގެ ތެރޭގައި މި އިމާރާތް ހުޅުވާނެ

  • ވަޒީރުގެ ދަތުރުފުޅުގައި އެރަށު ކައުންސިލާއި ވަނީ ބައްދަލުކުރައްވާފައި

ފ. ނިލަންދޫގައި ޤާއިމްކުރާ ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ، އެފްސީއެސްސީގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ބައްލަވައިލައްވައިފިއެވެ.

އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ފ. ނިލަންދޫގައި ޤާއިމްކުރާ ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ އައު އިމާރާތަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިން ބެލެހެއްޓޭނެ އިންތިޒާމުތަކާއެކު ޤާއިމްކުރާ އިމާރާތެއްކަމަށެވެ. އަދި މިއަހަރުގެ ދެވަނަ ކުއާޓާގެ ތެރޭގައި މި އިމާރާތް ހުޅުވައި، ޚިދުމަތް ފޯރުކޮށްދޭން ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް އެ ވުޒާރާއިން ފާހަަަކުރެއްވިއެވެ.

ފ. ނިލަންދޫގައި ޤާއިމްކުރާ ޗިލްޑްރެން ސަރވިސް ސެންޓަރުގެ އައު އިމާރާތަކީ 30 ކުދިން ބެހެއްޓޭގޮތަށް ހަދާފައިވާ ސެންޓަރެއްކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ނިލަންދޫއަށް ކުރައްވާ ދަތުރުފުޅުގައި މުއައްސަސާތަކާއި ގުޅިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެއްވުމަށް މުއައްސަސާތަކާއެކު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ އެރަށު ކައުންސިލާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ވުޒާރާއާއި ކައުންސިލާއި ގުޅިގެން އެރަށުގެ އިޖްތިމާޢީ އަދި އާޢިލީ ދުޅަހެޔޮކަން ތަރައްޤީކުރުމަށް ކުރެވިދާނެކަންތައްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ވަޒީރު ވަނީ ފެމެލީ އެންޑް ޗިލްޑަރެން ސާވިސް ސެންޓަރުގެ މުވައްޒަފުންނާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އެފްސީއެސްސީގެ ހިންގުން ހަރުދަނާކުރުމަށް މިހާރު ހުރި ގޮންޖެހުންތައް ހައްލުކުރުމާއެކު، ޚިދުމަތްތައް ފުޅާކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ފ. ނިލަންދޫއަށް ކުރެއްވި ދަތުރުފުޅުގައި ވަޒީރުގެ އިތުރުން އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައެވެ.