ޚަބަރު

އުފާވެރިކަން މިންކުރާއިރު، އުފާވެރިކަމާ ގުޅިފައިވާ ގިނަ ދާއިރާތަކަކަށް ރިޢާޔަތްކުރެވޭނެ: ވަޒީރު އާދަމް ޝަރީފް


  • ހަދިޔާ ބަދަލުކުރުމާއި ދުވަހާ ގުޅޭ ކާޑު ބެހުމާއި މާ ހަދިޔާކުރުމުގެ ހަރަކާތެއް އޮންނާނެ

  • ދިވެހިންގެ އުފާވެރިކަން މިންކުރުމުގެ ޤައުމީ މަޝްރޫޢު މި އަހަރު ވަނީ ފަށާފައި

ރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު ކަނޑައަޅާއިރު، އުފާވެރިކަމާ ގުޅިފައިވާ ގިނަ ދާއިރާތަކަކަށް ރިޢާޔަތްކުރެވޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އުފާވެރިކަމުގެ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި މެސެޖެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު ކަނޑައެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން އުފާވެރިކަމުގެ މިންގަނޑު ކަނޑައަޅާއިރު، އުފާވެރިކަމާ ގުޅިފައިވާ ގިނަ ދާއިރާތަކަކަށް ރިޢާޔަތްކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި ގޮތުން އެކި ދާއިރާއަކާ މެދު ދިވެހިން ހިތްހަމަޖެހޭތޯ ބެލޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އިސްލާމް ދީނާ އެއްގޮތަށް ޢަމަލުކުރުމާއި އިޤްތިޞާދީ ކުރިއެރުމާއި އުފެއްދުންތެރިކަމަށް އިސްކަންދިނުން، ޞިއްޙަތާއި ދުޅަހެޔޮކަން، ތިމާވެށި، ދެމެހެއްޓެނިވި ތަރައްޤީއަށް ޢަމަލުކުރުން، ޓެކްނޮލޮޖީ، މީޑިއާގެ ބޭނުންކުރުމާއި ސަގާފަތާއި އާދަކާދަ ދިރުވުމުގެ އިތުރުން އަމާންކަމާއި ރައްކާތެރިކަމުގެ ވެށްޓެއް ޤާއިމްކުރުން، މުޖުތަމަޢުގެ ބަދަހިކަމަށް އިސްކަންދީގެން މަސައްކަތްކުރުން މި ދާއިރާތަކުގެ ތެރޭގައި ހިމެނޭ." ވަޒީރު ވިދާޅުވިއެވެ.

ސިޓީތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، އުފާވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ހަދިޔާ ބަދަލުކުރުމާއި ދުވަހާ ގުޅޭ ކާޑު ބެހުމާއި މާ ހަދިޔާކުރުމާއި ދުވަހުގެ ތަހުނިޔާ ފޮނުވުން ފަދަ ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ. އަދި ޕީއެސްއެމްއިން ލޯންޗްކޮށްފައިވާ "ހިތްހެޔޮކަމުން އުފާވެރިކަން" މި ކެމްޕޭނުގެ ދަށުން ޓީވީ މޯލްޑިވްސްއިން ހިތްހެޔޮކަމާއި އޯގާތެރިކަމުން އުފާވެރިކަން ގެނެސްދޭ ވީޑިއޯތައް ދައްކަމުންދާނެކަމަށް ސިޓީތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި އަހަރުގެ އުފާވެރިކަމުގެ ދުވަސް ފާހަގަކުރަނީ ޕީއެސްއެމާއި ދިރާގާއި މޯލްޑިވްސް ޕޮލިހާއި އުރީދޫ މޯލްޑިވްސްގެ އިތުރުން ވީބީ މަރޓްގެ އެހީތެރިކަމާއެކުކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ދިވެހިންގެ އުފާވެރިކަން މިންކުރުމުގެ ޤައުމީ މަޝްރޫޢު ވަނީ އިފްތިތާޙުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ފަރުދީ ފެންވަރުގައާއި ރަށްރަށުގެ އަދި ޤައުމީ ފެންވަރުގައި އުފާވެރިކަން ވަޒަންކުރެވޭނެ މިންގަނޑުތަކެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.

ބައިނަލްއަޤުވާމީ އުފާވެރިކަމުގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މާރޗް މަހުގެ 20 ވަނަ ދުވަހުއެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ފަރުދީ ފެންވަރުގައި އެކަކު އަނެކަކަށް އެހީވެދީ، އޯގާތެރިވުމުގެ ގޮތުން ކޮންމެވެސް ކަމެއްކުރުންކަމަށް ސިޓީތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.