ޤައުމީ އެއަރލައިން މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކަށް ޕްރިމިއަމް އިކޮނޮމީގެ ނަމުގައި އައު ޓިކެޓް ކްލާހެއް ތަޢާރަފުކުރަން ނިންމައިފިއެވެ. މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ އޭޕްރިލް މަހުގެ 13ވަނަ ދުވަހުން ފެށިގެންނެވެ.
މޯލްޑިވިއަނުން ވިދާޅުވީ، މި އައު ޚިދުމަތް ފަރުމާކުރެވިފައިވަނީ އެތެރޭގެ ދަތުރުތަކުގައި ދަތުރުކުރާ ފަސިންޖަރުންނަށް އިތުރު ލުއިތަކެއް ގެނެސްދިނުމަށްޓަކައިކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން ފަސިންޖަރުންނަށް ކުރިއަށްވުރެ ރަނގަޅު ތަޖުރިބާއެއް ފޯރުކޮށްދެވިގެންދާނެކަމަށްވެސް އެއެއަރލައިނުން މައުލޫމާތުދެއެވެ.
މޯލްޑިވިއަނުން ވިދާޅުވީ، ޕްރިމިއަމް އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންނަށް ތަފާތު ޚިދުމަތްތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މި ކްލާހުގައި ދަތުރުކުރާ ކޮންމެ ފަސިންޖަރަކަށް 25 ކިލޯގެ ބެގެޖް އެލެވެންސަކާއި، އިތުރު ފީއަކާ ނުލައި ފުރާ ދުވަސް އެއް ފަހަރު ބަދަލުކުރެވޭނެއެވެ. ހަމަމިއާއެކު ފަސިންޖަރުންނަށް ހާއްސަ ސީޓުތަކެއް ހަމަޖައްސާފައިވާއިރު ފްލައިޓްގައި ލުއިކެއުމަކާއި ބުއިމެއް ލިބިގެންދާނެއެވެ.
We are thrilled to introduce our all-new Premium Economy experience on all domestic routes, starting 13th April 2025! ✈️✨💺
— MaldivianAero (@MaldivianAero) March 19, 2025
Book your Premium Economy seat today and elevate your travel experience! 🧳🛫#maldivianaero #premiumeconomy pic.twitter.com/hY0lypISDP
މޯލްޑިވިއަނުން ވިދާޅުވީ، ޕްރިމިއަމް އިކޮނޮމީގެ ފަސިންޖަރުންނަށް އެއާޕޯޓުތަކުންވެސް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ޗެކިން އަދި ބޯޑިންގައި އިސްކަން ލިބުމާއިއެކު މާލެ، ދަރަވަންދޫ އަދި އިފުރު އެއާޕޯޓުން ލައުންޖްގެ ހިދުމަތް ލިބިގެންދާނެއެވެ. އަދި މަންޒިލަށް ދެވުމުން އެންމެ ފުރަތަމަ ލިބޭ ދަބަސްތަކުގެ ތެރޭގައި މި ފަސިންޖަރުންގެ ދަބަސް ހިމެނިގެންދާނެކަމަށްވެސް އެއެއަރލައިނުން މައުލޫމާތުދެއެވެ.
މޯލްޑިވިއަނުން މި ދަތުރުތަކަށް ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. އަދި މި ކްލާހުގައި ދަތުރުކުރުމަށް އެއެއަރލައިންގެ ވެބްސައިޓާއި، މޯބައިލް އެޕްގެ އިތުރުން ބުކިންގ ޗެނަލްތައް މެދުވެރިކޮށް ފަސޭހައިން ޓިކެޓް ގަނެވޭނެކަމަށް އެއެއަރލައިނުން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ޤައުމީ އެއަރލައިން މޯލްޑިވިއަނަށް ގެނައި ވައިޑް ބޮޑީ އެއަރކްރާފްޓްގައި މިހާރުވެސް ޕްރިމިއަމް އިކޮނޮމީ ކްލާހުގެ ޚިދުމަތްތައް ފޯރުކޮށްދެމުންދެއެވެ. މި އެއަރކްރާފްޓް ރާއްޖެއަށް ގެނެސްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 6ވަނަ ދުވަހުއެވެ.
މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާ ބޯޓުގެ ދަތުރުތައް މިހާރު ދަނީ ޗައިނާގެ 3 މަންޒިލަކަށް ކުރަމުންނެވެ. އެއީ ބެއިޖިން، ޝަންގހާއީ އަދި ޗެންޑޫއެވެ. އެއެއަރލައިނުން މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ތެރޭގައި އިތުރު ބޯޓެއް ގެނައުމަށެވެ. އަދި ޔޫރަޕްގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.