ޚަބަރު

އައު ޑެޕިއުޓީ މޭޔަރަށް ވަޒީރު ދެއްވީ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން


  • ޑެޕިއުޓީ މޭޔަރަކަށް ޢަރީޝް އިންތިޚާބުކުރީ އެ މަގާމުން ނަރީޝް އިސްތިއުފާ ދެއްވުމުން

  • ޑެޕިއުޓީ މޭޔަރު ވަނީ ވަޒީރާ ބައްދަލުކުރައްވާ ޝުކުރު އަދާކުރައްވާފައި

މާލެ ސިޓީގެ އައު ޑެޕިއުޓީ މޭޔަރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ދެއްވައިފިއެވެ.

ވަޒީރު އެ ޔަގީންކަން ދެއްވީ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޢަރީޝާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. މިއީ ޑެޕިއުޓީ މޭޔަރަކަށް ޢަރީޝް އިންތިޚާބު ކުރެއްވުމަށްފަހު ސިޓީތަކާބެހޭ ވަޒީރާއެކު ބޭއްވެވި ފުރަތަމަ ބައްދަލުކުރެއްވުމެވެ.

ވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޑެޕިއުޓީ މޭޔަރު ވިދާޅުވީ ވަޒީރު އާދަމް ޝަރީފާ ބައްދަލުވި ފުރަތަމަ ފަހަރުވެސް ދެއްވީ ޔަގީންކަމާއި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ އުންމީދުތައް ކަމަށެވެ. އެހެންވެ ވަޒީރަށް ޝުކުރުއަދާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ޑެޕިއުޓީ މޭޔަރަކަށް މުޙައްމަދު ޢަރީޝް އިންތިޚާބުކޮށްފައިވަނީ އެ މަގާމުގައި ހުންނެވި އަހުމަދު ނަރީޝް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މާލެ ސިޓީ ކައުންސިލުން ބޭއްވި އިންތިޚާބުގައި މެމްބަރު މުޙައްމަދު ޢަރީޝް، ޑެޕިއުޓީ މޭޔަރު ކަމަށް އިންތިޚާބު ކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 16 މެމްބަރުންގެ ފުރިހަމަ އަޣްލަބިއްޔަތުންނެވެ.

ޑެޕިއުޓީ މޭޔަރު ކަމުގެ މަޤާމަށް މެމްބަރު ޢަރީޝްގެ އިތުރުން އެހެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައެއް ނުއެވެ. އެހެން ކަމުން ޑެޕިއުޓީ މޭޔަރު އައްޔަން ކޮށްފައިވަނީ ފެންނަ ނުފެންނަ ވޯޓަކުންނެވެ.