ޚަބަރު

ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުން އިމާދު އިސްތިއުފާދެއްވައިފި


މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުން އަަޙްމަދު އިމާދު އިސްތިއުފާދެއްވައިފިއެވެ.

ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުން އޭނާ ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމާ ގުޅޭ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން އެމައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވަން މިއަދުގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.

މަގާމުން އިސްތިއުފާދެއްވިކަން ހާމަކުރައްވައި އަަޙްމަދު އިމާދު ފޮނުއްވި ސިޓީގައި އޭނާ ވަނީ އެމަޤާމުގައި ހުންނަވައިގެން ކުރައްވާފައިވަނީ ޝަރަފުވެރި މަސައްކަތްތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އެގޮތުން އޭނާ މިހާތަނަށް އަދާކޮށްފައިވާ ދައުރާއި ކުރެއްވި މަސައްކަތްތަކުގެ ބައެއް ތަފްޞީލްތައް ވަނީ ޙިއްސާކުރައްވާފައެވެ. ޚާއްސަކޮށް ބޭރު ފައިސާއާ ބެހޭ ޤާނޫނާއި ގަވާއިދުގެ މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ.

އިމާދުއާ ގުޅޭގޮތުން ހުށައެޅުއްވި މައްސަލާގައި ވަނީ، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޢަލީ ހާޝިމް، ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާނުކުރައްވާ ހުންނެވިއިރު، އެކަންކަން ފާހަގަކުރުމަށްޓަކައި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ޑެޕިއުޓީ ގަވަރުނަރު އިމާދުވެސް އެއްވެސް މަސައްކަތް ކޮށްފައިވާކަން އެނގެން ނެތްކަމަށެވެ. އެހެންކަމުން ގާނޫނުން އޭނާއަށް ލާޒިމްކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައިވާތީ އޭނާ މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަން ނިންމެވީކަމަށްވެސް ކޮމިޓީއަށް ހުށައެޅި މައްސަލާގައިވެއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މެމްބަރު ޢަބްދުއްލަޠީފް ހުށަހެޅުއްވި އެ މައްސަލަ ބަލައިގަނެ، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ޑެޕިއުޓީ ގަވަރުނަރުކަމުން އިމާދު ވަކިކުރަން ހުށަހަޅާފައިވާއިރު، ގަވަރުނަރުގެ މަގާމުގައި ކުރިން ހުންނެވި ޢަލީ ހާޝިމު މިދިޔަ އަހަރު ޖުލައި މަހު ވަނީ މަޤާމުން ވަކިކުރައްވާފައެވެ. އޭނާ ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ އިޤްތިޞާދީ ކާރިސާއިން ޤައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިނުވާކަމަށް ބުނެ، މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

ޑެޕިއުޓީ ޤަވަރުނަރުގައި ކަމުގެ މަޤާމަށް އަޙްމަދު އިމާދު އައްޔަންކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. އެ މަގާމަށް ބޭފުޅުން އައްޔަންކޮށް، ވަކި ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.