ކީރިތި ޤުރުއާން ކިޔަވައިދިނުމަށް ބޭނުންވާ މުދައްރިސުން ނެތް 7 ރަށަކަށް މިއަހަރުގެ މިހާތަނަށް ރާއްޖެއިން ބޭރުން މުދައްރިސުން ގެނެސްފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އއ. މާޅޮހުގައި މިސްކިތެއް ތަރައްޤީކުރުމަށް އާރްޑީސީއާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އއ. މާޅޮހުގައި ޒަމާނީ ފެންވަރަށް މިސްކިތެއް ތަރައްޤީކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ސަރުކާރުން މިހާރު މިސްކިތްތައް ތަރައްޤީކުރަނީ އެތަންތަނަކީ އެރަށެއްގައި އިސްލާމީ ޢިލްމު ފެތުރުމަށާއި ކީރިތި ޤުރުއާން ކިޔެވޭނެ ގޮތަކަށް މިސްކިތްތައް ފަރުމާކޮށްގެންކަމަށެވެ.
ވަޒީރު ވިދާޅުވީ، މިހާރުވެސް ބައެއް ރަށްރަށުން އެރަށްރަށުގައި ކީރިތި ޤުރުއާނުގެ ޢިލްމު އުނގަންނަވައިދެވޭނެ ގޮތެއް ނެތްކަމުގެ ކަންބޮޑުވުން ރަށްރަށުން ފާޅުކުރާކަމަށެވެ. އަދި މުސްލިމު މުޖުތަމަޢެއްގައި ކީރިތި ޤުރުއާން ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންޖެހޭނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިފަދައިން މުދައްރިސުން ނެތް 7 ރަށަކަށް މިއަހަރުގެ މިހާތަނަށް ކީރިތި ޤުރުއާން ކިޔަވައިދިނުމަށް މުދައްރިސުން ހަމަޖައްސަވައިދެއްވާފައިވާކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މިހެން ތަރައްޤީކުރާ މިސްކިތްތަކުގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ކޯސްތައް ހިންގޭނެ އިންތިޒާމު ހަމަޖެހިގެންދިޔުން. މާޅޮހުގެ މިމިސްކިތުގައިވެސް ކީރިތި ޤުރުއާން ކިޔެވޭނެ ކްލާސްރޫމަކާއި ކުޑަ ލައިބްރަރީއަކާވެސް އެކު." ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާރޑް ޢަލީ ޒުހައިރު ވިދާޅުވީ އެކުންފުނިންގ މަސައްކަތްކުރާނީ ވީއެންމެ އަވަހަކަށް މި މަސައްކަތް ނިންމާ އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދިނުމަށްކަމަށެވެ.
"އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާ ދޮޅު އަހަރެއްހާ ދުވަހުގެތެރޭގައި މިމަސައްކަތް ނިންމާލާން އަޅުގަނޑުމެން މަސައްކަތް ކުރާނެކަމަށް." އެމްޑީ ޒުހެއިރު ވިދާޅުވިއެވެ.
އއ. މާޅޮހުގައި ތަރައްޤީކުރާ މިސްކިތް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރަނީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ތަރައްޤީކުރަނީ ކީރިތި ޤުރުއާން ކިޔަވއިދޭ ކްލާސް ރޫމަކާއި ގޮތް ކިޔުމަށް ޚާއްސަ ކުޑަ ލައިބްރަރީއަކާއި އެކުގައިކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާއިރު ވިޔަފާރިވެރިންނާއި އަމިއްލަ ބައެއް ފަރާތްތަކުންވެސް މިސްކިތް އެޅުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން މިހާތަނަށް 42 ރަށަކުން އެރަށުގައި މިސްކިތް ޢިމާރާތްކޮށްދިނުމަށް އެދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި އެދިފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.