ޤައުމީ އެއަރލައިން މޯލްޑިވިއަނުން ހަނިމާދޫ އާއި ބެންގަލޫރާ ދެމެދު ދަތުރުތައް ފަށަން ނިންމައިފިއެވެ. މިދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 15ވަނަ ދުވަހުއެވެ.
މޯލްޑިވިއަނުން ވިދާޅުވީ މި ދަތުރުތަކާއި އެކު ރާއްޖޭގެ އުތުރުގެ އަތޮޅުތަކުން އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަވެގެންދާނެކަމަށެވެ. އަދި އިންޑިއާއިންވެސް ރާއްޖެއަށް ފަތުރުވެރިން އައުމަށް އެހީތެރިވެދޭނެކަން އެ އެއަރލައިނުން ފާހަގަކުރެއެވެ.
މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން މި ދަތުރުތަކަށް ޓިކެޓު ބުކް ކުރެވޭނެއެވެ. މޯލްޑިވިއަނުން ނިންމާފައިވަނީ ހަނިމާދޫ އާއި ބެންގަލޫރާ ދެމެދު ހަފްތާއަކު 2 ދަތުރު ކުރުމަށެވެ. މި ދަތުރުތައް ކުރާނީ ކޮންމެ ހަފްތާއެއްގެވެސް އާދީއްތަ އަދި ބުރާސްފަތި ދުވަހުއެވެ.
މި ދަތުރުތަކާއި ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވީ މިހާރުވެސް ހަނިމާދޫ އާއި އިންޑިއާގެ ޓްރިވެރެންޑްރަމާއި ދެމެދު މޯލްޑިވިއަންގެ ދަތުރުތައް ކުރަމުންދާއިރު، މިއިތުރު ކުރެވޭ އައު މަންޒިލަކީ ރާއްޖޭގެ އިތުރާއި ބޭރުގެ އެކި ސިޓީތަކާއި ގުޅާލުމަށް މޯލްޑިއަނުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ.
މޯލްޑިވިއަނުން ހަނިމާދޫ އާއި ޓްރިވެންޑްރަމާއި ދެމެދު ހަފްތާއަކު 2 ދަތުރު ކުރެއެވެ.
މޯލްޑިވިއަންގެ ޚިދުމަތް ފުޅާކޮށް ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ޤައުމީ އެއަރލައިނަށް ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނެސްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 6ވަނަ ދުވަހުއެވެ.
އަދި މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާ ބޯޓުގެ ދަތުރުތައް މިހާރު ދަނީ ޗައިނާގެ 3 މަންޒިލަކަށް ކުރަމުންނެވެ. އެއީ ބެއިޖިން، ޝަންގހާއީ އަދި ޗެންޑޫއެވެ. އެއެއަލައިނުން މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ތެރޭގައި އިތުރު ބޯޓެއް ގެނައުމަށެވެ. އަދި ޔޫރަޕްގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.