މައްސަލަތައް ފުނިޖެހި ބޮއްސުންލާފައި އޮތް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހަމަ މަގަށް އެޅުވުމަށް ކުރާ މަސައްކަތުގެ ދަށުން ފާއިތުވި ދެ އަހަރުގެ މުއާމަލާތްތައް އޮޑިޓް ކުރުމަށް ޕްރޫޑަންޓް ޗާޓާޑް އެލްއެލްޕީއާ ހަވާލުކުރުމަށް ނިންމައިފިއެވެ. ފާއިތުވި ދެ އަހަރު އެފްއޭއެމްގެ މުދަލާ ފައިސާ ބޭނުންކޮށްފައިވާ ގޮތުގެ ފުރިހަމަ އޮޑިޓެއް ކުރުމަށް ޕްރޫޑަންޓް އޮޑިޓް ފާމް ހަމަޖެއްސުމަށް ނިންމީ ރޭ ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އިތުރު ބަޔަކު ގުޅިގެން ހިންގިކަމަށް ތުހުމަތު ކުރާ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކާއި ގުޅިގެން ޕޮރިސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބައްސާމާއި އިތުރު ބައެއްގެ މައްޗަށް ދައުވާތަކެއް އުފުލާފައެވެ. އެހެންނަމަވެސް އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވެ މަނީލޯންޑަރ ކުރިކަމަށް ބުނާ ހުރިހާ ދައުވާއަކަށް ބައްސާމް ވަނީ އިންކާރުކޮށްފައެވެ.
މިހާރު އެފްއޭއެމް ހިންގަމުންދަނީ ފީފާއިން ކަނޑައަޅާފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. ފީފާއިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީގައި އެންމެ ފުރަތަމަ ތިއްބެވީ ފަސް ބޭފުޅުންނެވެ. ނަމަވެސް އެ ކޮމިޓީގެ ކުރީގެ ޗެއާމަން އަޙްމަދު ޒުހޫރާއި ކޮމިޓީގެ މެމްބަރު އަޙްމަދު އަލީ ވަކިކޮށް ތިން މެމްބަރުންނަށް ކޮމިޓީ އޮތީ ކުޑަކޮށްފައެވެ.
މިހާރު ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކީ މަޝްހޫރު ގާނޫނީ ވަކީލު އަޙްމަދު މުއިއްޒެވެ. ދެން ތިއްބަވާ ދެ މެންބަރުންނަކީ ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރިފާއި، ގާނޫނީ ވަކީލު އިސްމާޢީލް ސައިމަންއެވެ.
އެ ކޮމިޓީގެ ބެލުމުގެ ދަށިން އެފްއޭއެމްގެ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތްކުރަމުން އަންނައިރު، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ އޮޑިޓް ފާމެއް ހަމަޖެއްސުމުގެ އިތުރުން ޑިސިޕްލިނަރީ ކޮމިޓީ އާއި، އެތިކްސް ކޮމިޓީ އަދި އެޕީލް ކޮމިޓީވެސް ފާސްކޮށްފައެވެ.