ގައުމީ ފުޓްބޯޅަ ޓީމަށް ކުރިއަށް އޮތް ދެ މެޗު ވެގެންދާނީ ސަރުކާރުން ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމައްޓަކައި ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ގައުމީ ޓީމުގެ ކުޅުން އެހެން ހަރުފަތަކަށް ގެންދިޔުމުގެ ފެށުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.
ގައުމީ ޓީމުން މި މަހު ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ގެނެސްދިން "އަލުން އެ ފޯރި" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ގައުމީ ޓީމުގެ ހަރަކާތެއް ގިނަ ދުވަސްތަކަކަށް ފަހު ފެނިގެންދަނީ މުހިންމު ވަގުތެއްގައި ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ކުޅިވަރުގެ ވަރަށް ގިނަ ކަންތައްތަކެއް ބަދަލުވެގެން އަންނަ ދުވަސްވަރަކާ މި މެޗު ދިމާވުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ޚާއްސަކޮށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ނޯމަލައިޒްކޮށް، އިންތިޚާބު ކައިރިވެފައިވަނިކޮށް އަދި ހަމަ އެހެންމެ ކުޅިވަރު ޤާނޫނުވެސް ނިމުމަކާ ކައިރިވެފައި ވަނިކޮށް، މި ފަދަ މުހިންމު ހަރަކާތަކަށް ގައުމީ ޓީމު ނުކުތުމަކީ ޚާއްސަ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ފުޓްބޯޅައަށް ލިބިގެންދާ އެންމެ ޚާއްސަ ވަގުތަކީ ގައުމީ ޓީމު އަލުން އަނބުރައި ދަނޑަށް ގެނެސް، ގައުމީ ޓީމު ކުޅުން އަޅުގަނޑުމެން އެންމެންނަށް ފެނުން." މިހާރު އޮތް ހާލަތުން އަރައިގަތުމައްޓަކައި މި ދެ މެޗުގެ މުހިންމުކަމާ ގުޅޭ ގޮތުން ރާފިޢު ވިދާޅުވިއެވެ.
ވަޒީރު ރާފިޢު ވިދާޅުވީ މިވަގުތު އޮތް އުނދަގޫ ހާލަތުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ގައުމީ ޓީމުގެ އެންމެހާ ކަންކަން ތަރުތީބުކޮށް އިންތިޒާމު ކުރެވިފައިވާ ކަމަށެވެ. އަދި އެ ވުޒާރާ އާއި، އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ އާއި ގައުމީ ޓީމުގެ އޮފިޝަލުންނާއެކު ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ރާފިޢު ފާހަގަކުރެއްވެވިއެވެ.
ގައުމީ ފުޓްބޯޅަ ޓީމުން ތައްޔާރުވަމުން އަންނަނީ އޭޝިއަން ކަޕް ކޮލިފައިންގައި ރަށުން ބޭރުގައި ޕިލިޕީންސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން އަންނަ ބުދަ ދުވަހު އިންޑިއާގެ ގައުމީ ޓީމާ ދެކޮޅަށް ކުޅޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗަށެވެ.