ޚަބަރު

އަސާސީ ބޭސް "ސޯސް"ކުރުމުގެ މަސައްކަތް އެސްޓީއޯއިން ފުރިހަމަކޮށްފި


  • ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސްތައް ހޯދުމުގެ މަސައްކަތް ވަނީ ފުރިހަމަކުރެވިފައި

  • ގިނަ ބަލިތަކަށް ބޭނުންވާ ބޭސް މާރިޗު މަހު ވަނީ ރާއްޖެ ގެނެވިފައި

  • އަދި މިހާރުވަނީ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައިކަމަށް އެސްޓީއޯއިން ވިދާޅުވޭ

ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސް "ސޯސް"ކުރުމުގެ މަސައްކަތް އެސްޓީއޯއިން ފުރިހަމަކޮށްފިއެވެ.

ރާއްޖެއަށް ކޮލިޓީ ބޭސް އަގުހެޔޮކޮށް ލިބޭނެ މަގުފަހިކުރުމަށް ސަރުކާރުންވަނީ ބޮޑު މަސައްކަތެއް ފައްޓަވާފައެވެ. ބޭސް އެތެރެކުރުމުގައި ޒަމާންވީ ނަހަމަ ވިޔަފާރިއާއި ނިޒާމީ އިސްރާފް ހުއްޓުވައި، ރައްޔިތުންނަށް ކޮލިޓީ ބޭސް ފޯރުކޮށްދިނުމަށް ފެށި މަސައްކަތާއެކު ގިނަ ގޮންޖެހުންތަކެއްވަނީ ކުރިމަތިވެފައެވެ. އެހެންނަމަވެސް މިހުރިހާކަމަކާއެކުވެސް މިނިޒާމު ހަރުދަނާކުރުމަށް ދެގޮތެއް ނުވެ މަސައްކަތް ކުރުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ.

މި މަސައްކަތުގެދަށުން އެސްޓީއޯއިން ދަނީ ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސަމުންނެވެ.
އެސްޓީއޯއިން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ބޭހުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެސްޓީއޯއިން ވަނީ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިކަމަށެވެ.

އަދި މި މަސައްކަތުގެ ތެރެއިން، ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސްތައް ހޯދުމުގެ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. އަދި މީގެ ތެރެއިން ގިނަ ބަލިތަކަށް ބޭނުންވާ ބޭސް މާރިޗު މަހު ވަނީ ރާއްޖެ ގެނެވިފައެވެ. އަދި މިހާރުވަނީ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައިކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

މިކަމުގެ ސަބަބުން މިހާރު ދިމާވެފައިވާ ބޭހުގެ ދަތިކަމަށް ލުޔެއް ލިބިގެންދާނެކަން އެސްޓީއޯއިން ފާހަގަކުރައްވައެވެ. އަދި އެކުންފުނީގެ އެންމެ ބޮޑު އެއް އަމާޒަކީ މުސްތަޤުބަލުގައި މިފަދަ ދަތިކަމެއް ތަކުރާރުނުވާނެހެން، ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް އަސާސީ ބޭސް މެދުނުކެނޑި ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުން ކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

އެސްޓީއޯއިން ވިދާޅުވީ ކުރިމަގުގައި ގެންދާނީ ޞިއްޙީ ދާއިރާގެ ކަމާގުޅުންހުރި މުއައްސަސާތަކާއި، ޑޮކްޓަރުންގެ އިރުޝާދާއި ލަފާގެ މަތިން، އަސާސީ ބޭސްތަކުގެ އިތުރުން ރާއްޖެއަށް އެންމެ މުހިންމު އަދި ބޭނުންތެރި ބޭސްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންކަމަށެވެ. މިގޮތުން ފާހަގަކުރެވޭ ބޭސްތައް ރާއްޖެއިން ދެމެހެއްޓެނިވި ގޮތެއްގައި، މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރެވޭނެކަން އެކުންފުނިން ފާހަގަކުރައްވައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާފައިވާ ފަދައިން އެމްއެފްޑީއޭ ގެ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ކޮންމެ ޖެނެރިކްއެއް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަންޖެހޭ މާސައްކަތްތައްވެސް ދަނީ ބާރަށްކުރެވެމުންކަމަށްވެސް އެސްޓީއޯއިން ވިދާޅުވެއެވެ.